ބޮމުގެ ހަމަލާގެ ޝަރީއަތަށް މީހުން ހާޒިރު ނުކުރެވުމުން މިއަދުގެ އަޑުއެހުން ކެންސަލް

ކްރިމިނަލް ކޯޓު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ 9:00ގައި އޮތް އެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ބަންދުގައި ތިބި، ދައުވާ ލިބޭ މީހުން ގަޑިއަށް ކޯޓަށް ހާޒިރު ނުކުރެވުމުން ކަމަށެވެ. އަދި އެމީހުން ގަޑިއަށް ހާޒިރު ނުކުރެވުނީ މޫސުން ގޯސްވުމުގެ ސަބަބުންކަން ކަރެކްޝަނުން އަންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކެންސަލްވި އަޑުއެހުން ވީހާވެސް އަވަހަކަށް ބާއްވާނެ ކަމަށާއި މިވަގުތު މަސައްކަތް ކުރަނީ އަންނަަ ހޮނިހިރު ދުވަހަށް އަޑުއެހުން ތާވަލު ކުރަން ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ކުރިއަށްގެންދެއެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމްގެ އިތުރުން އެ މައްސަލާގައި ދައުވާކޮށްފައި ވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަޙުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް