މެދު ރާއްޖެތެރެއާއި އުތުރަށް މޫސުން ވަރަށް ގޯސް، ސަމާލުވޭ!

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުގަދައިރު ދަތުރު ކުރަނީ --

ކުރިއަށް އޮތް 48 ގަޑިއިރު، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން "ސަން"އަށް ބުނީ ކުރިއަށް އޮތް 48 ގަޑިއިރު، އެންމެ އުތުރުން، ހއ. އަތޮޅުން ފަށައިގެން ލ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު، މާލެއިން ފަށައިގެން އުތުރުގެ ހިސާބުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭއިރު، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

މުޅި ރާއްޖޭގެ މޫސުމަށް ބަލާއިރު، ލ. އަތޮޅުން ފަށައިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން އެހާ ގޯހެއް ނޫނެވެ. އެ ސަރަހައްދުތަކުގެ ކަނޑުތައް ވެސް އެހާ ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖެއަށް ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގު މޫސުން ފެށުނީ މި މަހުގެ އަށް ވަނަ ދުވަހު، ދެކުނުންނެވެ.

އެ ދުވަހުން ފަށައިގެން މުޅި ރާއްޖެއަށް ވަރަށް ގަދައަށް ވިއްސާރަވުމަށް ފަހު، މެދުކެނޑުމެއް އައިސް، އަނެއްކާ ވެސް ކުރަން މި ފެށީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އިލްތިމާސް ކުރަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ކަނޑުތަކާއި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން ދަތުރު ރޭވުމަށެވެ.

މީގެ އިތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވާތީ، އެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކާ އަދި ކައުންސިލް ތަކުން، އެކަމަށް ދުރާލާ ތައްޔާރުވެ، ތިބުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް