މާޒިޔާގެ އިތުބާރު މިޑްފީލްޑަރު އުމެއިރު ލޯނު އުސޫލުން ވެލެންސިއާއަށް

މުޙައްމަދު އުމެއިރު މާޒިޔާގެ ފަރިތަކުރުން ތަކުގައި --- ފޮޓޯ/ މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ކުޅޭ ޤައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރު ލޯނު އުސޫލުން ވެލެންސިއާއަށް ދޫކޮށްލުމަށް މާޒިޔާއިން ނިންމައިފިއެވެ.

ވެލެންސިއާ އިން ބުނީ މި ސީޒަނުގެ ނިޔަލަށް ލޯން އުސޫލުން އުމޭރު އެ ޓީމާ ގުޅޭނެ ކަމަށެވެ.

އުމެއިރު މާޒިޔާއަށް އެންމެ ފަހުން ސޮއިކުރީ 2020 ވަަނަ އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ މާޒިޔާއަށް ކުޅެން ފެށީ 2011 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާ އެ ޓީމު ދޫކޮށްލުމަށް ފަހު 2015 ވަނަ އަހަރު އަނެއްކާ އަލުން މާޒިޔާއާ ގުޅުނެވެ.

މާޒިޔާއިން އޭނާ ލޯނު އުސޫލުން ދޫކުރުމުގެ ބޭނުމަކީ އޭނާއަށް ގިނަ މެޗު ކުޅުމުގެ ފުރުސަތު ދިނުމެވެ. މާޒިޔާގެ މެޗުތެރޭގައި މިހާރު ޙުސައިން ނިހާން (ނިހާޓު) އަދި އިބްރާހީމް އައިސަމްގެ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އަދި ދާދި ފަހުން ސްޕެނިޝް ލަލީގާގައި ކުޅުނު ޓަނާ ޑޮމިންގުއޭޒް ދަނީ މާޒިޔާއަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މިއަހަރު މާޒިޔާގެ ކޯޗުކަމާ ސާބިއާގެ މިއޮޑްރަގް ޖެސިކް ހަވާލުވި ފަހުން އޭނާއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗަކުންނެވެ. މާޒިޔާއިން މިދިޔަ ހަފުތާގައި ކަލްކަތާގައި ކުރިއަށްދިޔަ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތަކުގައި ވާދަކުރަން ދިޔަ ސްކޮޑުގައި ވެސް އުމެއިރު ހިމަނާފައެއް ނުވެއެވެ.

އުމެއިރު ވަނީ މާޒިޔާއާއެކު 2011 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕާއި 2016 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުގައި ޑިފެންޑަރެއްގެ ގޮތުގައި 2006 ވަނަ އަހަރު ކުޅެން ފެށި، 33 އަހަރުގެ އުމެއިރު ވަނީ ރާއްޖޭގެ ފަސް ކުލަބަކަށް ކުޅެފައެވެ. އޭގެ ތެރޭގައި މާޒިޔާއާއި ވީބީ ސްޕޯޓްސް ކްލަބް އަދި ނިއުރޭޑިއެންޓުގެ އިތުރުން ކުލަބު ގްރީން ސްޓްރީޓް ހިމެނެއެވެ. އަދި އޭނާ ވެލެންސިއާއަށް ކުޅެން އުޅެނީ މުޅިން އަލަށެވެ.

comment ކޮމެންޓް