މުސްތަގުބަލުގައި ބީއެމްއެލް ހިންގޭނެ ވަރުގެ ގާބިލުކަން ހުރި ދިވެހީން އެބަތިބި: ސީއީއޯ

ބީއެމްއެލްގެ 2022ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ޓިމް ސޯޔާ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިން

މުސްތަގުބަލުގައި ބީއެމްއެލްގެ ހިންގުމާ ހަވާލުވެވޭނެ ވަރުގެ ގާބިލުކަން ހުރި ދިވެހީން އެ ކުންފުނީގައި އެބަތިބި ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެެއެވެ.

ހޮޓެލް ޖެންގައި މިރޭ އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޓިމް ވިދާޅުވީ ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކާ ޚިލާފަށް ބީއެމްއެލްއަކީ ނިސްބަތުން ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ ކުންފުނިތަކުހެ އިސް އަދި މެދު ފަންތީގެ މަގާމުތަކުގައި ފަންސާހެއްހާ ބޭރު މީހުން ތިބުމަކީ އާންމުކަމެއް. އެކަމަކު ބޭންކް އޮފް މޯލްޑިވްސް ހިންގަމުން އަންނަނީ 99 އިންސައްތަ ދިވެހިންނާ އެކު، އެންމެ 6 ބޭރު މުވައްޒަފުންނާއެކު" އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ ޑިރެކްޓަރުންގެ މަގާމަށް އެންމެ ފަހުން އައްޔަނުކުރެވުނު ތިން ބޭފުޅުންނަކީ ވެސް ދަށް ފަންތީގެ ވަޒީފާތަކުން ކުރިހޯދަމުން އައިސް، އެ ހިސާބަށް ވާސިލުވި މުވައްޒަފުން ކަން ޓިމް ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ އާބާދީއަށް ބަލާއިރު އަދި ރިސޯޓު ދާއިރާގައި މަސައްކަތް ކުރުމަށް [ދިވެހީންގެ] ހުންނަ ޝައުގުވެރިކަމާއެކު، އަޅުގަނޑުމެންނަށް ލިބިފައި މިވަނީ މަދު ފަންނުވެރިންކޮޅެއް. އެހެން ކަމުން ބުރަކޮށް، ގިނަ ފަހަރު ނުރަސްމީ ގަޑިތަކުގައި، މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކުރުމަކީ މުހިއްމު ކަމެއް،" އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކޮށްފައިވާ ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. މިވަގުތު އެ ބޭންކުގެ ވަޒީފާގައި ހާހަކަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ.

comment ކޮމެންޓް