ބީއެމްއެލުގެ ހިއްސާދާރުންނަށް، ހިއްސާއަކަށް 48 ރުފިޔާގެ މަގުން، ޖުމްލަ 258 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣްލަބިއްޔަތުންނެވެ.
އެ ޖަލްސާގައި އަމިއްލަގޮތުން 57 ހިއްސާދާރަކު ބައިވެރިވިއެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 17 ހިއްސާދާރަކުވަނީ ބައިވެރިވެފައެވެ. މި ހިއްސާދާރުން އެ ކުންފުނީގެ 58 އިންސައްތަ ހިއްސާ ތަމްސީލުކުރެއެެވެ.
މިރޭ ފާސްކުރި ޑިވިޑެންޓުގެ ތެރޭގައި އަހަރުގެ ކުރީކޮޅު އިންޓެރިމް ޑިވިޑެންޓުގެ ގޮތުގައި ދޫކުރެވުނު 13 ރުފިޔާއާއި ފައިނަލް ޑިވިޑެންޓުގެ ގޮތުގައި 35 ރުފިޔާ ހިމެނެއެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް އެންމެ ބޮޑު ޑިވިޑެންޓެއް ދޫކުރާ ފަހަރެވެ.
އެއާއެކު، ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރު، ދިވެހި ސަރުކާރަށް ޑިވިޑެންޓުގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޓެކުހުގެ ގޮތުގައި 543 މިލިއަން ރުފިޔާ އެ ބޭންކުގެ ފަރާތުން ސަރުކާރަށް ލިބޭނެއެވެ.
މި ޖަލްސާގައި ބީއެމްއެލްގެ ބޯޑުގައި މިހާރު ވެސް ތިއްބެވި މެންބަރުން ވަނީ އިތުރު ދައުރަކަށް އިންތިހާބުވެފައެވެ. އެގޮތުން ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ އަށް މެންބަރުން އަލުން އެ މަގާމަށް އިންތިޚާބުވީ 99.7 އިންސައްތަ ވޯޓާއެކުއެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ތިން މެންބަރުން އިތުރު ދައުރަކަށް އިންތިޚާބުވީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.
މިދިޔަ އަހަރު ބީއެމްއެލަށް ފައިދާގެ ގޮތުގައި، ޓެކުހަށް ކެނޑުމަށް ފަހު 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 470 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.
މިދިޔަ އަހަރު ބީއެމްއެލްގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 554 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއީ 55 އިންސައްތައިގެ ކުރިއެރުމެކެވެ.