ށ. ފުނަދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ފުޅު ވިދާޅުވެއްޖެއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު "ސަން"އަށް ވިދާޅުވީ އެރަށުގެ ހުރިހާ ސަރަހައްދުތައް ގިރާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ގިރަނީ ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވާ ސަރަހައްދާއި އިޖްތިމާއީ މަރުކަޒު ހުންނަ ސަރަހައްދު ކަމަށް އޭނާ ވިދާޅުވިއެވެ. އެއިން ކޮންމެ ސަރަހައްދަކުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 20 ފޫޓަށް ގިރާފައިވާ ކަމަށް ލަފާކުރެވެއެވެ.
"މިކަމަކީ ކައުންސިލަށް ހައްލެއް ގެނެވޭ ކަހަލަ ކަމަކަށްވުރެ މާ ބޮޑު ކަމެއް. ފާއިތުވި ދެ ތިން އަހަރު ކައުންސިލުން ސަރުކާރަށް ވެސް ދެންނެވިން މިކަން ހައްލުކޮށްދެެއްވުމަށް. އެކަމަކު ވީ ކަމެއް ނެތް،" އަޙްމަދު ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ގެނެވެން އޮތް އެންމެ އަވަސް ހައްލެއް ގެނެސްދިނުމަށް ރައީސް އޮފީހުން ޕްލޭނިން މިނިސްޓްރީއަށް އެންގިތާ ހަތަރު މަސް ވެއްޖެ ކަމަށެވެ.
"ރައީސް އޮފީހުން އެންގުމުން ވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިކަމަށް ހައްލެއް ގެނެސްދީފައިނުވުމަކީ ފުނަދޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އަޙްމަދު ވިދާޅުވިއެވެ.
މި އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގައި ވެސް މިކަމަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ތައްޔާރީތައް ވަމުންދަނީ. އެންމެ އަވަސް ގޮތަކަށް އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރެވެމުން ދަނީ،" އަކުރަމް ވިދާޅުވިއެވެ.
ފުނަދޫ ރަށް ގިރުމުގެ މައްސަލައަކީ އެ ރަށު ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މީގެ ކުރިން ވެސް މިކަމަށް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.