ހަލާކު ކުރަނިވި ހަތް ފާފައިގެ ތެރޭގައި ރިބާ ހިމެނޭ: ޚުޠުބާ

އިސްލާމީ މަރުކަޒު --- ސަން ފައިލް ފޮޓޯ

ކީރިތި ރަސޫލާ ސިފަކުރައްވާފައިވާ ގޮތުގައި، ހަލާކު ކުރަނިވި ހަތް ފާފައިގެ ތެރޭގައި ރިބާ ހިމެނޭކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ "ރިބަވީ މުއާމަލާތުގެ ނުބައިކަމާއި ފާފަވެރިކަން" މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބުނީ ގަނެވިއްކުން ހުއްދަ ކުރައްވައި، ރިބާ ހަރާމް ކުރެއްވީ ސަބަބުތަކާ އެކުގައި ކަމަށެވެ. އެގޮތުން ވިޔަފާރީގައި ދެ ފަރާތަށް ވެސް ފައިދާވާ ކަމަށާއި ނަމަވެސް ރިބާގައި ބަދަލަކާ ނުލައި އެއްޗެއް އިތުރުވަނީ ކަމަށެވެ.

ރިބަވީ މުއާމަލާތުން ލިބޭ ތަނަވަސްކަމުގައި މާތްﷲ ބަރަކާތް ނުލައްވާކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، ތަރައްގީ ވެފައިވާ މި ޒަމާނުގައި ރިބާގެ ބާވަތްތައް ވަރަށް ގިނަ ކަމަށާއި މިއަދު އެކަމަށް ގަވާއިދުތަކާއި އުސޫލުތައްވެސް ހެދިފައިވާ ކަމަށެވެ.

މީސްތަކުންނަށް މިއަދު ރިބާ ފެންނަނީ ވަރަށް ރީތި ދަޅައެއް ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ މީހުން އޭގެ ދަލުގައި ޖެހިފައިވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

"ރިބާކާ މީހާގެ އަމަލަކީ ހަޑިހުތުރު އަމަލެއް. ރިބާކާ މީހަކީ މީސްތަކުންގެ މައްޗަށް އެއްވެސް ރަހުމެއް، އޯގާތެރިކަމެއް ހުރި މީހެއް ނޫން. މާތް ﷲ އެފަދަ މީހުން ސިފަކުރައްވާފައި ވަނީ، ދެފައިމައްޗަށް ތެދުވެ ހުރުމުގެ ބާރު ލިބިފައި ނުވާ މީހެއްގެ ގޮތުގައި،" ޚުޠުބާގައި ބުންޏެވެ.

އިސްލާމް ދީނުގައި ރިބާ ހަރާމް ކުރައްވާފައި ވަނީ، ރިބާއަކީ ފަރުދުންނާއި ޖަމާއަތަށާއި ދައުލަތަށް ވެސް ކުރިމަތިވާ ބޮޑު މުސީބާތަކަށް ވާތީ ކަމަށް ޚުޠުބާގައި ބުންޏެވެ.

comment ކޮމެންޓް