ޤުރުއާނުގައި ވަޙީ ނޫން ބަސްފުޅު އެކުލެވޭ ކަމަށް ކުރާ ތުހުމަތުތަކުގެ ތެރެއިން

މާލޭގެ މިސްކިތެއްގައި މީހަކު ގުރުއާން ކިޔަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ޤުރުއާނަކީ ﷲ ގެ ވަޙީ ބަސްފުޅުނޫންކަމަށް ބުނެ ވަރަށް ގިނަ ތުހުމަތުތައް އުފައްދާފައިވެއެވެ. މީގެތެރޭގައި، ޤުރުއާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމިއްލަފުޅަށް ހައްދަވާފައިވާ އެއްޗެއްކަމަށް ބުނެ އުފައްދާ ތުހުމަތު ހިމެނެއެވެ. އިތުރު އެކަލޭގެފާނު އަމިއްލަފުޅަށް ޤުރުއާން އެކުލަވައިލެއްވުމުގައި ތަފާތު މަޞްދަރުތައް ބޭނުންކުރެއްވި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ޤުރުއާނާމެދު އުފައްދާފައިވާ ޝައްކުތަކުގެތެރޭގައި، ޤުރުއާނުގެ ބައެއް އާޔަތްތަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަޞްޙާބުންގެ ބަސްފުޅުތައް ކަމުގައި ބުނުން ހިމެނެއެވެ. އެގޮތުން؛ وَمَا مُحَمَّدٌ إِلَّا رَسُولٌۭ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ (އާލުޢިމްރާން: 144) "ރަސޫލަކުކަމުގައި މެނުވީ މުޙައްމަދުގެފާނުން ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރީންވެސް ރަސޫލުން އިސްވެގޮސްފައި ވެއެވެ." މިއީ އަބޫބަކުރު - ރަޟިޔަﷲ ޢަންހު - ގެ ބަސްފުޅެކެވެ. އަދި وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى (ބަޤަރާ: 125) "އަދި އިބުރާހީމުގެފާނު ހުންނެވި ތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުންހިފާށެވެ!" މިއީ ޢުމަރު - ރަޟިޔަﷲ ޢަންހު - ގެ ބަސްފުޅެކެވެ.

އިސްވެ ބަޔާންކުރެވިފައިވާ، އާލުޢިމްރާނު ސޫރަތުގެ 144 ވަނަ އާޔަތަކީ އެއްވެސް ޙާލެއްގައި އަބޫބަކުރުގެފާނުގެ ބަސްފުޅެއްނޫނެވެ. އެ އާޔަތް އެކަލޭގެފާނު ވިދާޅުވެދެއްވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވުމާ ގުޅިގެންނެވެ. އެއީ އިތުރު އެކަލޭގެފާނަކީވެސް ރަސޫލެއްކަމާއި އަދި އެކަލޭގެފާނުވެސް އަވަހާރަވާނެކަން މީސްތަކުންނަށް ހަނދާންކޮށްދެއްވުމަށްޓަކައެވެ. އެ އާޔަތް ބާވައިލެއްވުނީ އުޙުދު ހަނގުރާމައަށްފަހުގައި، އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގަތުމުގެ އަހަރުތަކެއް ކުރިންނެވެ. އުޙުދު ހަނގުރާމައި އިތުރު އެކަލޭގެފާނު ޤަތުލުވެއްޖެކަމުގެ ދޮގު ޚަބަރު ކާފިރުން ފެތުރި ހިނދު އެކަމުން މުސްލިމުންނަށް ވަރަށް ބޮޑަށް އަސަރުކޮށް އެކަމުގެ ހިތާމައިގައި ތިއްބައި އެ އާޔަތް ބާވައިލެއްވިއެވެ.

ބުނެވި ދިޔަ އާޔަތް އެއްކޮށް ބަލައިފިނަމަ، ކަން ހިނގާފައިވާގޮތް ސާފުކޮށް އެނގޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَمَا مُحَمَّدٌ إِلَّا رَسُولٌۭ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِيْن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًۭٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّٰكِرِينَ (އާލުޢިމްރާން: 144) މާނައީ: "ރަސޫލަކުކަމުގައި މެނުވީ މުޙައްމަދުގެފާނުން ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރީންވެސް ރަސޫލުން އިސްވެގޮސްފައި ވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ ޤަތުލުވެއްޖެނަމަ، ތިޔަބައިމީހުން (ކާފިރުވުމަށް) ފަހަތަށް އެނބުރިގަންނަންވީހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން الله އަށް ގެއްލުމެއްނުދެވޭނެތެވެ. ޝުކުރުކުރާ މީހުންނަށް الله ޖަޒާ ދެއްވާނެތެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތް ދުވަހު އަޞްޙާބުން އެކަމާ ވަރަށް ބޮޑަށް ހިތާމަފުޅުކުރެއްވިއެވެ. އަދި އެކަލޭގެފާނު އަވަހާރަވެއްޖެކަމުގެ ޚަބަރު ޤަބޫލުފުޅުކުރެއްވުމަށް ބައެއް ބޭފުޅުންނަށް ދަތިވިއެވެ. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ބޮޑު ހިތާމައާއި މޮޅިވެރިކަމުގެ ސަބަބުން، އިސްވެ ބުނެވުނު (އާލުޢިމްރާނު ސޫރަތުގެ 144 ވަނަ) އާޔަތުގެ މަތީން އެބޭފުޅުން ހަނދުމަފުޅު ނެތިފައިވާ ފަދައެވެ. އެހިނދުގައި އެބޭފުޅުންނަށް ހިތްވަރުދެއްވައި، އެކަމާމެދު الله ގެ ވަޙީ ބަސްފުޅު ހަނދާންކޮށްދެއްވުމަށްޓަކައި އަބޫބަކުރުގެފާނު އެ އާޔަތް ވިދާޅުވެދެއްވިއެވެ. އެއީ އެއްވެސް ހާލެއްގައި އެވަގުތު އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވި އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅެއްނޫނެވެ.

އަބޫބަކުރުގެފާނު، ﷲ ގެ ވަޙީބަސްފުޅެއް ވިދާޅުވުމުން އެއީ އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅެއްކަމަށް ބުނާނަމަ، ކޮންމެ މީހަކުނަމަވެސް ޤުރުއާނުން އާޔަތެއް ކިޔަވައިފިނަމަ އެވާނީ އެ އާޔަތެއް ކިޔެވި މީހެއްގެ ބަސްކަމުގައެވެ. އެހެންކަމަށްވާނަމަ ޤުރުއާނަކީ މީސްތަކުންގެ ދޫތަކުން ތަކުރާރުކޮށް ތިލާވަތުކުރެވޭ އެއްޗަކަށްވާތީ، އެއީ އެތަށް މީހުންނަކަށް ނިސްބަތްވެގެންވާ، އެތައް އެތައް ބައެއްގެ ބަސްކަމުގައި ނުބުނަނީ ކީއްވެގެންހެއްޔެވެ؟

ދެވަނައަށް ބަޔާންކުރެވިފައިވާ، ބަޤަރާ ސޫރަތުގެ 125 ވަނަ އާޔަތަކީ ޢުމަރުގެފާނުގެ ބަސްފުޅެއްކަމުގައި އުފައްދާފައިވާ ޝުބުހާއަކީވެސް އެއްވެސް ޙަޤީޤަތެއްނެތް ވާހަކަ އެކެވެ. އެހެނީ އެ އާޔަތަކީ ޢުމަރުގެފާނުގެ އުއްމީދުފުޅަކާ އެއްގޮތްވާގޮތުގެ މަތީން ﷲ ބާވައިލެއްވި އެކަލާނގެ ވަޙީބަސްފުޅެކެވެ. ޢުމަރުގެފާނު އުއްމީދު ކުރެއްވީ މުސްލިމުންގެ ޤިބުލައެއްކަމުގައި (ކަޢުބަތުالله ގައިވާ) މަޤާމު އިބްރާހީމު ހަމަޖެހުމަށެވެ. އެހިނދުގައި އެކަލޭގެފާނުގެ އުއްމީދާ އެއްގޮތަށް ﷲ އެއާޔަތް ބާވައިލެއްވިއެވެ.

ބައެއްފަހަރަށް ކަމަކާމެދު ﷲ ގެ ވަޙީބަސްފުޅު އައުމުގެކުރީން އެކަމަކާމެދު ޢުމަރުގެފާނު އުއްމީދުކުރައްވާފައިވާގޮތާ ތަބަޢަވާނޭހެން، ވަޙީ ބަސްފުޅު އައިސްފައިވާކަމީ ސާބިތުކަމެކެވެ. އެއީ އެކަލޭގެފާނަށް ﷲ ދެއްވަވާފައިވާ ޚާއްޞިއްޔަތުގެ ތެރެއިން ހިމެނޭ ކަމެއްވެސްމެއެވެ. އެހެންނަމަވެސް އެއީ ޤުރުއާނުގައި ޢުމަރުގެފާނުގެ ބަސްފުޅު ހިމެނި ޤުރުއާނަށް ޢުމަރުގެފާނުގެ ބަސްފުޅު ވަދެ މަސްހުނިވެފައި ވަނީކަމަކަށް ނުބުނެވޭނެއެވެ. އެހެންކަމަށްވާނަމަ، ކީރިތި ޤުރުއާނުގައި މުޝްރިކުންނާއި ކާފިރުންގެ ބަސްތައްވެސް ހަމަ އެމީހުން ބުނެފައިވާފަދައިން ޒިކުރު ކުރައްވާފައިވުމުން، އެފަދަ ބަސްތައް ހިމެނޭ އާޔަތްތައް އެއީ އެބަހެއް ނިސްބަތްވާ މީހާ ހަދާފައިވާ އާޔަތެއްކަމުގައި ނުބުނަކީ ކީއްވެހެއްޔެވެ؟

މިސާލަކަށް: حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ (ޔޫނުސް: 90) "(ދެން) އެކަލޭގެ (އެބަހީ: ފިރުޢައުނު) ޣަރަޤުވީހިނދު އެކަލޭގެ ބުންޏެވެ. އިސްރާއީލުގެ ދަރީން އީމާންވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން އީމާންވެއްޖައީމުއެވެ. އަދި އަހުރެންވަނީ މުސްލިމުންގެ ތެރެއިންނެވެ." މިއާޔަތް ފިރުޢައުނަށް ނިސްބަތް ނުކުރަނީ ކީއްވެހެއްޔެވެ؟

ﷲ ގެ ކުޅަދުންވަންތަކަމާމެދު ޗެލެންޖްކުރުމަށްޓަކައި الوليد بن المغيرة ، ފީވެ ވީރާނާވެފައިވާ (މިނި) ކަށިތަކެއް ވައިގެތެރެއަށް ބުރުވައިލުމަށްފަހު ބުނި ބަސް ޤުރުއާނުގައިވެއެވެ. قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ (ޔާސީން: 78) "އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟" މިއާޔަތުގައި الوليد بن المغيرة ގެ ބަސް (ހަމަ އޭނާ ބުނިގޮތަށް) އޮތުމުން މިއީ އޭނާގެ އާޔަތެކޭ ނުބުނަކީ ކީއްވެހެއްޔެވެ؟

އެހެންކަމުން، ކީރިތި ޤުރުއާނަކީ ޞަޙާބީންގެ ބަސްފުޅުތައްވެސް ހިމަނައިގެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމިއްލަފުޅަށް ހައްދަވާފައިވާ ފޮތެއް ކަމަށް ބުނެ އުފައްދާފައިވާ ޝުބުހަތައް ތެދުކޮށްދޭނެ އެއްވެސް ޙުއްޖަތެއް ނެތެވެ. ސާފުކޮށް އެނގޭގޮތުގައި އެއީ އިސްލާމްދީނުގެ އަދާވާތްތެރީން ވަޙީއާމެދު އުފައްދާފައިވާ އެއްވެސް ޙަޤީޤަތެއްނެތް ދޮގު ވާހަކަތަކެކެވެ. އެހެންނަމަވެސް އެބައިމީހުންގެ އެ ދޮގުތައް ބާތިލު ކޮށްދޭނެ އެތައް އެތައް ދަލީލުތަކެއް އެބަހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް