ރައީސް ވެސް ދެއްވީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގެ ދަރަނި ދެެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ބަޖެޓުގައިވާ ގޮތަށް ދަރަނި ދައްކަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކްރޮސްރޯޑްސްގައި ރޭ އޮތް އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ މި އަހަރާއި އަދި ކުރިއަށް އޮތް ދެ އަހަރު ވެސް އެއްވެސް ދަތިކަމެެއް ނެތި ދަރަނިތައް އަދާކުރަމުން ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި މިވަގުތު ކުރަންޖެހޭ ކަންތައްތައް، އިތުރު ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނެ ވާހަކަ ތިޔަބޭފުޅުންނަށް މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ދަތިތަކެއް ހުރި ކަމުގައި ވިޔަސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، މިހާރު އޮތް ދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ޚިދުމަތްތައް ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

"ޙަޤީޤަތުގައި މި ކުންފުންޏަކީ ވިޔަފާރިއަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ދޭ ކުންފުންޏެއް. އަޅުގަނޑުމެންނަށް ކުރެވޭ ތަޖުރިބާއަށް ބަލާއިރު ދަންނަވަން ޖެހެނީ، މި ކުންފުނިން އެ ދެ ޚިދުމަތް ދެމުން އަންނަނީ، ރައްޔިތުން ބަލައިގަންނަ އަދި ހިތްހަމަޖެހޭ ފަދަ ގޮތަކަށޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ 70 އިންސައްތަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނުވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ދައުރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"ރަށްރަށުގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކުރަމުން އެ އަންނަ ބޮޑެތި ޚަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރާކަށް އޭރަކުން ދެން ނުޖެހޭނެ. ތަރައްގީގެ އެހެން މަޝްރޫއުތަކަށް އެ ފައިސާ ޚަރަދުކުރަން ހުންނާނެ،" ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ އެމްޑަބްލިއުއެސްސީއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި މީހުންގެ އަގުވަޒަންކޮށްފައެވެ. ރައީސް ގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި، ކުންފުނީގެ ސީއީއޯ ޙަސަން ޝާހުގެ އިތުރުން، އިސްވެރިންނާއި މުވައްޒަފުން ވެސް އެ ޖަލްސާގައި ބައިވެރިވިއެވެ.

comment ކޮމެންޓް