އަވަސް އިންތިހާބަކަށް ދާން ގިނަ ރައްޔިތުން ބޭނުމެއް ނުވޭ: ރައީސް

ސިޔާސީ މައިދާނުގައި އަވަސް އިންތިހާބެއްގެ ވާހަކަ ދެކެވުނަސް ރައްޔިތުންގެ ހިޔާލު ހުރީ އެގޮތަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އާންމުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވަހީދު ވިދާޅުވީ އަވަސް އިންތިހާބަކަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި އެކަމަށް މަގު ފަހިކޮށް ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތް ނަމަވެސް މިއަދު އެމަނިކުފާނާ ބައްދަލުކުރި ގިނަ ރައްޔިތުން އަވަސް އިންތިހާބަކީ "ކޮންމެހެން ކުރަންވާވަރު ކަމެއް ނޫން" ކަމަށް އެމަނިކުފާނު އަރިހު ދެންނެވި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ދައްކާ ވާހަކައެއް އަވަސް އިންތިހާބެއްގެ ވާހަކަ، ނަމަވެސް މިއަދު އަޅުގަނޑާ ބައްދަލުކުރި ގިނަ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ކޮންމެހެން ކުރަންވާވަރު ކަމެއް ނޫނޭ. އެހެންނަމަވެސް އަޅުގަނޑުމެން، އެގިވަޑައިގަންނަވާނެ ސިޔާސީ ދާއިރާގައި ދެކެވޭ ވާހަކައެއް. އަޅުގަނޑުމެން [ސަރުކާރުން] މިތިބީ އެވާހަކަ ދައްކައިގެން ސިޔާސީ ލީޑަރުން އެކަން ކުރައްވަން ބޭނުން ކަމަށް ވަންޏާ އެކަމުގައިވެސް އަޅުގަނޑު ތަރުހީބުދޭ ގޮތަށް. އެހެންނަނަމަވެސް ރައްޔިތުންގެ ހިޔާލު ހުރީ މުޅިން އެގޮތަކަށް ނޫން،" ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެން ދިޔަ ސަލާމް ކުރުމަށްފަހު ރައީސް ވިދާޅުވީ ރައްޔިތުން އެދެމުން ދިޔައީ އެމަނިކުފާނު ސާބިތު ކަމާއެކު ހުންނެވުމަށް ކަމަށާއި ސަރުކާރުގެ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުކޮށް ރައްޔިތުންނަށް ފޯރުކޮށްދީ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުން އެދެމުން ދިޔަ ކަމަށެވެ.

"ބައްދަލުވުން މި ބޭއްވީ ވަރަށް ގިނަ ފަރާތްތަކުން ބައްދަލުކުރަން އެދޭތީއާ އެކީގައި. މިހެން ގިނަ ބަޔަކާއި ބައްދަލުކޮށްލިއްޔާ ނޫނިއްޔާ ވަރަށް ގިނަ ދުވަސް ތަކެއް ބައްދަލު ނުކުރެވި ހިނގައިދާނެތީ މިކަން ރާވާލީ. ގިނަ ބޭފުޅުންގެ ވާހަކަފުޅު މިހުރީ ސަރުކާރަށް ތާއީދުކޮށް،" ރައީސް ވިދާޅުވި އެވެ.

މިއަދު ހެނދުނު 10-12 އަށް މުލިއާގޭގެ މައި ގޭޓު ހުރީ ބޭނުން މީހަކަށް ރައީސާ ބައްދަލުކުރުމަށް ވަދެވޭ ގޮތަށް ހުޅުވާލާފަ އެވެ. އެވަގުތު ކޮޅުގައި ކުޑަކުދިންނާއި މުސްކުޅިންނާއި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒިފުންނާއި ކެބިނެޓް މިނިސްޓަރުން ރައީސާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ހުސެއިންއާ ބައްދަލުކުރައްވާ ހިޔާލުތައް ހިއްސާކުރެއްވި އެވެ.

އެ ބައްދަލުވުމަށް ފަހު ސަރުކާރުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސްއާ ބައްދަލުކުރުމަށް 700 އެއްހާ މީހުން ޒިޔާރަތްކުރި ކަމަށާއި ބިނާ ކުރަވިނި ހިޔާލުތަކެއް ރައްޔިތުންގެ ކިބައިން ލިބިގެން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސަށް ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން އެފަދަ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

މުލިއާގެއަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ކަމުގައިވިޔަސް ރައީސް ވަހީދު ދިރިއުޅުއްވަމުން ގެންދަވަނީ ނައިބު ރައީސް އަކަށް ހުންނެވި އިރުވެސް ދިރިއުޅުއްވަމުން ގެންދެވި ހިލާލީގޭގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު