ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒާހިރު ތުރުކީއަށް

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިިނިސްޓަރު ތުރުކީއަށް ކުރައްވާ ދަތުރުގެ ބައިވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ޢަލީ ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އެގައުމުގެ ޕްރެޒިޑެންޓް އޮފް ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރު ޑރ. ޢަލީ އަރްބާސްއާ ބައްދަލު ކުރައްވާ ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

އަންނަ ހޯމަ ދުވަހާ ހަމައަށް މިނިސްޓަރު ކުރައްވާ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ނިންމާފައިވެއެވެ. އަދި ތުރުކީގެ ހަލާލު ސެޓިފިކެޓް ކަންކަން ބަލަހައްޓާ ވުޒާރާއަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ޒާހިރުގެ އިތުރުން މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު ޢަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚް ނަސްރުﷲ ޢަލީއާއި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަބްދުލް ޢަޒީޒް އިސްމާޢީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ދާދި ފަހުން ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތް ޗަވުޝޯލޫ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، އެގައުމުގެ އެހީގައި ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް އެޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް އެގައުމުގެ ސަރުކާރުން ފެހި ސިގުނަލެއް ދީފައިވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް