ސަސޫލޯ ބަލިކޮށް 10 އަހަރަށްފަހު އޭސީ މިލާނުން ސެރީއޭގެ ތަށި އުފުލާލައިފި

އެސީ މިލާނުން ސެރީ އޭގެ ތަށި އުފުލާލަނީ---

ސަސޫލޯ ބަލިކޮށް އިޓާލިއަން ލީގު، ސެރީ އޭގެ ތަށި 10 އަހަރަށް ފަހު އޭސީ މިލާނުން އުފުލާލައިފިއެވެ.

މިރޭ ސަސޫލޯގެ ދަނޑުގައި ކުޅުނު އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭސީ މިލާނުންނެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރުމާއެކު އެ ޓީމު ލީގު ކާމިޔާބު ކޮށްފައިވަނީ މި ސީޒަނުގައި އެ ޓީމަށް ލިބުނު 86 ޕޮއިންޓާއެކުގައެވެ. އަދި އޭސީ މިލާނުގެ ދަށުން 84 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި އޮތީ އިންޓަ މިލާނެވެ.

މިރޭގެ މެޗު ފަށައިގެން އޭސީ މިލާނުން ބޯޅަ ހިފަހައްޓައިގެން ސަސޫލޯގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުގެ އޮލީވިއާ ޖިރޫޑް ވަނީ ގޯލެއް ޖަހައި އޭސީ މިލާނަށް ލީޑު ނަގައިދީފައެވެ.

ކެސީ ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ---

މީގެ އިތުރުން މެޗުގެ 32 ވަނަ މިނެޓުގައި ޖިރޫޑް އޭނާގެ ދެވަނަ ގޯލުޖަހައި އޭސީ މިލާނަށް މެޗުގެ ލީޑު ފުޅާކޮށްދިނެވެ. އެ ގޯލަކީ އެ ޓީމުގެ ރަފެއެލް ލިއާއޯގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ.

އޭގެ ހަތަރު މިނެޓު ފަހުން އަނެއްކާ ލިއާއޯ ތަނަވަސް ކޮށްދިން ބޯޅައެއްގެ ބޭނުންހިފައި ފްރޭންކް ކެސީ އޭނާ އޭސީ މިލާނަށްދޭ ވަދާއީ ހަދިޔާއެއްގެ ގޮތުން ގޯލެއް ޖަހައިދިނެވެ. އެންމެ ފަހު މެޗުގެ ގޮތުގައި އޭސީ މިލާނުގެ ޖާޒީގައި އޭނާ ކުޅުނު މެޗަކީ މިރޭގެ މެޗެވެ. މިރޭގެ މެޗަށް ފަހު ސްޕެއިންގެ ބާސެލޯނާއަށް ބަަދަލުވުމަށް ހުރިހާ ކަމެއް ނިމިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

މިރޭ ސެރީއޭގައި ވަނީ އިތުރު މެޗުތަކެއް ވަނީ ކުޅެފައެވެ. އެގޮތުން އިންޓަމިލާނުން ވަނީ ސަމްޕަޑޯރިއާ 3-0 ގެ ނަތިޖާއަކުން ބަލިކޮށްފައެެވެ. މީގެ އިތުރުން ތާވަލުގައި ތިން ވަނައިގައި އޮތް ނަޕޯލީއިން ވަނީ ސްޕޭޒިއާ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

comment ކޮމެންޓް