މަންކީ ޕޮކްސްއާ ގުޅިގެން މާ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނެތް: ޓޫރިޒަމް މިނިސްޓްރީ

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި ފެތުރެމުން އަންނަ މަންކީޕޮކްސްއާ ގުޅިގެން މާ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނުވިސްނާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސި ވިލާތުން ވެސް ވަނީ މަންކީ ޕޮކްސް ފެނިފައެވެ.

މަންކީޕޮކްސް އާންމުކޮށް އުޅޭ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކާ ގުޅުމެއް ނެތް ގޮތަށް، ބަލި ފެތުރެން ފެށި ގޮތެއް ނޭނގި އައުޓްބްރޭކްވި މިއީ ފުރަތަމަ ފަހަރެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޢަބްދުﷲ ޝަރީފް "ސަން"އަށް ވިދާޅުވީ އެ ބައްޔާ ބެހޭގޮތުން އަޅާނެ ފިޔަވަޅުތަކާ މެދު އެޗްޕީއޭއާ މަޝްވަރާކުރެވިފައިވާ ކަމަށެވެ.

"އެޗްޕީއޭ އިން އެބަ ތައްޔާރުކުރޭ ގައިޑްލައިނެއް. އެ ލިބުނުހާ އަވަހަކަށް ހުރިހާ ރިސޯޓުތަކަކަށް ފޮނުވާނަން،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުން އެ ބައްޔަކީ މާ ނުރައްކާތެެރި ބައްޔެއް ނޫން ކަމަށާއި، އެހެންކަމުން ބޯޑަރު ބަންދުކުރުން ފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަށް ނުވިސްނަވާ ކަމަށެވެ.

"މިހާތަނަކަށް ނެތް އެހާ ސިވިއާ ކަމެއް ކަމަށް ފާހަގަކުރެވިފައެއް. އަދި އެހާ ބާރަށް ފެތުރޭކަމަކަށް ވެސް ނުވޭ. އެހެންވީމަ އެއަށް ސަމާލުވެގެން އުޅުން މީގަ އޮތް ގޮތަކީ،" ޝަރީފް ވިދާޅުވިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ރާއްޖޭގައި އެ ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް، ރާއްޖެއަށް ވެސް އެ ބަލި ޖެހިފައި ހުރި މީހަކު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެން ކަމުން އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން ޖެހުނެވެ. އޭގެ ސަބަބުން ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ ކަމަށްވާ ޓޫރިޒަމަށް ހުއްޓުމެއް އައެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.

comment ކޮމެންޓް