އޮންލައިންކޮށް މައުލޫމާތު ހޯދޭ 'މަހޯލި' ޕޯޓަލް ތައާރަފު ކޮށްފި

'މަހޯލި' ޕޯޓަލް ތައާރަފު ކުރައްވާ އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އޮންލައިންކޮށް މަޢުލޫމާތު ހޯދޭނެހެން ފަރުމާކޮށްފައިވާ 'މަހޯލި' ޕޯޓަލް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައާރަފްކޮށްފިއެވެ.

މިއަދު ތައާރަފްކޮށްފައިވާ މި ޕޯޓަލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ހައްގު ވީހާ ވެސް ފަސޭހަ ގޮތެއްގައި އާންމުންނަށް ލިބޭނެ ގޮތް ހަދައި ދިނުމަށް ތައާރަފު ކޮށްފައިވާ ޕޯޓަލްއެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ރަޝީދު ވިދާޅުވިއެވެ.

އެ ޕޯޓަލްގެ އެހީގައި ދައުލަތުގެ އިދާރާތަކުގައި ހޯދަން އެދޭ މައުލޫމާތު ލިބުމުގައި ވެސް ގިނަ ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ވެސް އާހިދު ވިދާޅުވިއެވެ.

'މަހޯލި' ޕޯޓަލް ތައާރަފު ކުރައްވާ އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މީގެ އިތުރުން މައުލޫމާތު ނުލިބިއްޖެ ނަމަ އެކަމުގެ ޝަކުވާ ވެސް ކުރެވޭނެ ކަމަށް އާހިދު ވިދާޅުވިއެވެ. އާހިދު ވިދާޅުވީ ލިބޭ މައުލޫމާތާމެދު ހިތްހަމަ ނުޖެހޭ ނަމަ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މުރާޖައާ ކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ޕޯޓަލް ތަޢާރަފް ކޮށްފައިވަނީ ދައުލަތުގެ 50 އަށް ވުރެ ގިނަ އިދާރާތަކާ އެކުގައި ކަމަށް އިންފޮމޭޝަން ކޮމިޝަނުން ބުނެއެވެ. އޭގެ ތެރޭގައި މިނިސްޓްރީތަކާއި، މިނިވަން މުއައްސަސާތަކާއި ކައުންސިލްތައް ހިމެނޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ އެހެން އިދާރާތައް ވެސް ޕޯޓަލްގެ ވިއުގައާ ގުޅޭނެ ކަމަށް އެ އޮފީހުން ފާހަގަކުރެއެވެ.

comment ކޮމެންޓް