ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ގޯސްވެފައިވާ ރާއްޖޭގެ މޫސުން އަންނަ ހުކުރު ދުވަހުން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ މިހަފްތާގެ ބާކީ އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށެވެ.
ނަމަވެސް ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވެ ކަނޑުތައްވެސް މަޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެ ތިން ދުވަހު ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ މޫސުން ގޯސްވެ ވައިގަދަވެފައިވާތީ މެދުރާއްޖެތެރެ އަދި އުތުރަށް މިހާރު ޔެލޯ އެލާޓް ވާނީ ނެރެފައި،" އޭނާ ވިދާޅުވިއެވެ.
ވިއްސާރަ އާއި ވަޔަށް ބަދަލު އައިސްފައިނުވާތީ މިރޭ 1:00އާ ހަމައަށް ނެރެފައިވާ ޔެލޯ އެލާޓްގެ މުއްދަތު މާދަމާ ހެނދުނު 7:00އަށް ވަނީ އިތުރުކޮށްފައެވެ.
ޔެލޯ އެލާޓް ނެރެފައިވާ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވެސް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.