ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ އަމިއްލަ ބައިގެ ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިގެ ބައިވެރިން މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމު ފުރިހަމަކުރުމުގެ ސުންގަޑިއަށް ވަނީ ބަދަލުގެނެވިފައި ކަމަށެވެ.

އެގޮތުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 ކަމަށް އެކެޑަމީގެ އިއުލާނުގައިވެއެވެ.

މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، ދިވެހި ބަހުގެ އެކެޑަމީންނާއި އެ އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 7986230އަށް ގުޅުމަށް އެކެޑަމީން ވަނީ އެދިފައެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ވާހަކަދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ފައްޓާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފާއިތުވި ދެ އަހަރު ނުބޭއްވުނީ ކޮވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުންނެވެ.

ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޕޮލިޓެކްނިކްގެ ޖަލްސާކުރާ މާލަމުގެވެ.

މުބާރާތް ކުރިއަށްދާ ގަޑިތައް:
މެންދުރު 13:00 އިން 15:00އަށް

ހަވީރު 16:00 އިން 18:00އަށް

ރޭގަނޑު 20:00 އިން 23:00އަށް

comment ކޮމެންޓް