އެމްޓީސީސީ އޭޖީއެމް: ޕްރީ ރެޖިސްޓާ ކުރުމުގެ ސުންގަޑިއަކީ މިިރޭ

އެމްޓީސީސީގެ 2016 އަހަރީ އާންމު ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ޕްރީ ރެޖިސްޓާވުމުގެ ސުންގަނޑި މިރޭ 20:30އަށް ހަމަވާނެއެވެ.

އެމްޓީސީސީން އާންމު ހިއްސާދާރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ޖަލްސާގައި އަމިއްލަ ގޮތުންނާއި ޕްރޮކްސީ މެދުވެރިކޮށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ "ފަހި ވޯޓު" އެޕްލިކޭޝަން މެދުވެރިކޮށެވެ. އެހެންކަމުން، އެ އެޕްލިކޭޝަނަށް ލޮގިން ވެވޭނެ ފަދަ ޑިވައިސެއް ގެންދިއުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.

އޭޖީއެމްގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ފޯމް [email protected] އަށް އީމެއިލްކޮށްގެން ރެޖިސްޓާ ކުރެވޭނެއެެވެ. އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތު އެމްޓީސީސީގެ ނޯޓިސްއިން ލިބޭނެއެވެ.

އެކުންފުނިން އާންމުކުރި އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ 1.95 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 44 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ސާފުފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

ޑިވިޑެންޓުގެ ގޮތުގައި ބެހުމަށް ކުންފުނީގެ ބޯޑުން ހިއްސާދާރުންނަށް ހުށަހެޅުމަށް ފާސްކުރީ 3.50 ރުފިޔާއެވެ.

comment ކޮމެންޓް