މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 37 ޕަސެންޓު އިތުރު

އެމްޕީއެލް ސަރަހައްދުން މުދާ ދޯންޏަކަށް ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

މިދިޔަ އޭޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 37 ޕަސެންޓު އިތުރު ވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 362 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ އާމްދަނީ އުޅެނީ 265 މިލިއަން ރުފިޔާގައެވެ.

މިދިޔަ މަހު ރާއްޖެއިން ޖުމްލަ 231 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭރުކުރެވުނު 170 މިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 36 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެންމެ ގިނަ މިންވަރަކަށް ރާއްޖެއިން އެކްސްޕޯޓު ކުރި އުފެއްދުމަކީ ގަނޑުކުރި ކަޅުބިލަމަހެވެ. މިދިޔަ މަހު 96 މިލިއަން ރުފިޔާގެ އަގު ހުރި ގަނޑުކުރި ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ. އަދި ކަޅުބިލަމަހުގެ އެހެނިހެން އުފެއްދުންތަކުން 27 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަނީ ބޭރުކޮށްފައެވެ. މީގެ އިތުރުން، 26 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫއުރަހަ ކަންނެލި ބޭރުކުރިއިރު، އޭގެ އެހެނިހެން އުފެއްދުންތަކުން 16 މިލިއަން ރުފިޔާގެ އަގުހުރި މުދާ އެކްސްޕޯޓުކުރިއެވެ.

ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ ޖުމްލަ އަގުގެ 62 ޕަސެންޓް ހިއްސާކުރަނީ ތައިލެންޑަށް ފޮނުވި މުދަލެވެ. ދެވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކުރި ޖަރުމަނުވިލާތުން ހަތް ޕަސެންޓު ހިއްސާކުރާ އިރު، އިންޑިއާއިން ހަ ޕަސެންޓު ހިއްސާ ކުރެއެވެ.

މިދިޔަ މަހު އިމްޕޯޓުކުރި މުދަލުގެ ޖުމްލަ އަގު 4.7 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެތެރެކުރި 2.9 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 63 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ޖުމްލަ އަގުގެ އެންމެ ބޮޑު މިންވަރެއް ހިއްސާކުރާ، ތެލާއި، ގޭހުގެ ބާވަތްތަކުން 1.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން 863 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރިއިރު، 721 މިލިއަން ރުފިޔާގެ މެޝިނަރީސް ވަނީ އެތެރެކޮށްފައެވެ.

މި މުއްދަތުގައި ރާއްޖެއިން އިމްޕޯޓު ކުރި މުދަލުގެ ޖުމްލަ އަގުގެ 30 ޕަސެންޓު މުދާ އެތެރެކުރީ، ރާއްޖެއަށް ތެލުގެ ބާވާތްތައް އެތެރެކުރާ މައިގަނޑު ގައުމުކަމަށްވާ، އުމާނުންނެވެ. އާންމުކޮށް ލިސްޓުގެ ދެވަނައިން ޖާގަ ހޯދާ ޔޫއޭއީން އެތެރެކުރާ މުދާ މިދިޔަ މަހު ވަނީ މަދުވެފައެވެ. އެގައުމުން ޖުމްލަ އަގުގެ 11 ޕަސެންޓު ހިއްސާކުރާއިރު، ދެވަނައިގައި އޮތް އިންޑިއާއިން 17 ޕަސެންޓު ހިއްސާ ކުރެއެވެ.

މިދިޔަ މަހު ރާއްޖެއަށް 109 މުދާ އުފުލާ ބޯޓު ލަފާ، ފުރާފައިވެއެވެ. އަދި، ރޯޔަލްޓީގެ ގޮތުން ކަސްޓަމްސް އަށް 8.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

comment ކޮމެންޓް