މިދިޔަ މަހު މީރާއިން 1.6 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފައިލް ފޮޓޯ

މިދިޔަ މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގަނެފައި ވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

މީރާއިން މައުލޫމާތު ދިން ގޮތުގައި، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45.8 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މި އަހަރުގެ އެޕްރީލް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވެސް އާމްދަނީއަށް ކުރިއެރުން ލިބުނު ކަމަށް މީރާއިން ބުންޏެވެ.

ހަމައެއާއެކު ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ (ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ)ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމަކީ ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެއް ކަމަށް މީރާއިން މައުލޫމާތުދިނެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 60 ޕަސެންޓް ނުވަތަ 977.88 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިންނެވެ. އެއީ 9.4 ޕަސެންޓަ ނުވަތަ 153.60 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ (%7.7)، ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ (%5.4)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ (%4.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ (%12.9) މީރާއަށް ލިބިފައިވެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.65 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

comment ކޮމެންޓް