އަޅުގަނޑަކީ ހަމައެކަނި އެމްއާރްއެމްގެ މެންބަރެއް، އެހެން ޕާޓީއަކަށް ތާއީދެއް ނުކުރަން: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ މިހާރު ހަމައެކި އެމްއާރްއެމްގެ މެންބަރެއް ކަމަށާއި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު ރައީސް މައުމޫނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާއި އަދި އެމަނިކުފާނަށް ތާއީދުކުރާ މީހުންނާ ބައްދަލުކުރާއިރު މިހާރު އެމަނިކުފާނު އެ ޕާޓީއަށް ތާއީދު ކުރާކަމަށް ބުނެ ދޮގު ވާހަކަ ފަތުރާކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމަނިކުފާނާ ކިތަންމެ ގާތް މީހަކު ވިޔަސް އަދި ކުރިން އެމަނުކުފާނާއެކު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވި މީހަކު ވިޔަސް އެފަދަ ވާހަކައެއް ދައްކައިފިނަމަ އެ ވާހަކައަކީ ދޮގު ވާހަކައެއްކަމަށެވެ.

"އަޅުގަނޑާ ކިތަންމެ ގާތް ފަރާތެއް ނަމަވެސް، ނުވަތަ ސިޔާސީ ގޮތުން އަޅުގަނޑާއެކު ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް، ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ހަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެކެވެ" ރައީސް މައުމޫން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް މައުމޫން އެމްއެންޕީއަށް ތާއީދު ކުރާކަމަށް ބުނެ އެމަނިކުފާނުގެ ދަރިކަބަލުން ދުންޔާ މައުމޫން ވަނީ އެކި ރަށްރަށަށް ގޮސް ވާހަކަ ދައްކަވާފައެވެ. ބެލެވޭގޮތުގައި ރައީސް މައުމޫން އެ އިޝާރާތް ކުރެއްވީ ދުންޔާ ދެއްކެވި ވާހަކަފުޅަށެވެ.

ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމްއަކީ ދިވެހިން އެދޭ އިސްލާހީ ބަދަލުތަކެއް ހާސިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެއްކަމަށެވެ.

އެމްއާރްއެމްގެ އަސާސްތަކަކީ، ދިވެހީންގެ ތެރޭގައި، އިހު އޮތް ދާޚިލީ ހަމަޖެހުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި، އީޖާދީ ޚިޔާލުތަކާއެކު، ފުދުންތެރި، އަމާން މާދަމައެއް ބިނާ ކުރުމަށް ކުރެހެމުންދާ މަގެއްކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ޤަބޫލުކޮށް ތާއީދުކުރާ އަސާސްތަކާއި، އަޚްލާޤާއި، ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމް ކަމަށެވެ.

comment ކޮމެންޓް