14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް، ކުރެންދޫ މިސްކިތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ޅ. ކުރެންދޫ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ މިނިސްޓްރީ

ޅ. ކުރެންދޫގައި 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

އެ މަސައްކަތާ ހަވާލުވި މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަޢުދުﷲ ހިލްމީއެވެ.

މި މަސައްކަތް މިމްސްއާ ހަވާލުކުރީ 360 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މުޅި މަސައްކައްކަތުގެ ޖުމުލަ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 14,231,686.04 އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ މިސްކިތުގެ މަސައްކަތް ކޮންޓްރެކްޓުގައިވާ ތާރީޚަށް ނިންމުމަށް އެދިވަޑައިގެންފައެވެ. އަދި މިނިސްޓްރީން އެކަމުގައި ވެދެވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިމްސް ކޮންސްޓްރަކްޝަންގެ އެމްޑީ ސަޢުދުﷲ ވިދާޅުވީ މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް އެ މަސައްކަތް ކޮންޓްރެކްޓްގައިވާ ގޮތުގެ މަތީން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރަށް ދެއްވާ ކަމަށެވެ.

ކުރެންދޫ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭގޮތަށް އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

comment ކޮމެންޓް