އަންހެން ގައުމީ ދެ ޓީމަށް ވެސް ލޯ މެޑަލް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން — ފޮޓޯ / ރައީސް އޮފީސް

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޖޫނިއާ ކެޓަގަރީ އަދި ކެޑޭޓް ކެޓަގަރީގެ އަންހެން އިވެންޓުގެ ސެމީފައިނަލުން ރާއްޖެ ބަލިވެއްޖެއެވެ.

އެއާއެކު ރާއްޖެއަށް މުބާރާތުގައި ލިބިފައިވަނީ ލޯ މެޑަލްއެވެ. ޖޫނިއާ ބައިގެން އަންހެން ސެމީގައި ރާއްޖެ ވާދަކުރީ ސްްރީ ލަންކާއާއެވެ. އެ މެޗުން ރާއްޖެ ބަލިވީ 2-3 އިންނެވެ.

ފުރަތަމަ ގޭމުގައި ރާއްޖެއިން ކުޅެން ނިކުތީ އައިޝަތު ރަފާ ނާޒިމްއެވެ. އެ ގޭމުން ރަފާ ބަލިވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައްް ދިޔައީ 11-9، 11-13 އަދި 11-7 އިންނެވެ.

ދެވަނަ ގޭމުގައި ކުޅެން ނިކުތީ ފާތިމަތު ދީމާ އަލީއެވެ. އެ ގޭމުން ދީމާ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. ގޭމުގެ ސެޓުތައް ގޮސްފައިވަނީ 11-8، 11-9، 11-9 އަދި 11-7 އިންނެވެ.

ތިން ވަނަ ގޭމަށް ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހީމް ނިކުތީ މަނީޝާ އާ ދެކޮޅަށެވެ. މި ގޭމުން މިޝްކާ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 11-5، 11-13 އަދި 11-6 އިން މިޝްކާ ބަލިކޮށްގެންނެވެ.

ހަތަރު ވަނަ ގޭމަށް ނިކުމެ އެ ގޭމުން މޮޅުވެ ދީމާ ވަނީ ރާއްޖެއަށް އުންމީދެއް ހޯދައިދީފައެވެ. މި ގޭމު ދީމާ ހޯދީ ސީދާ ތިން ސެޓުންނެވެެ. އެއީ 11-7، 11-6 އަދި 11-7 އިންނެެވެ.

ފަހު ގޭމަށް ރާއްޖެއިން ނިކުތީ ރަފާއެވެ. ނަތީޖާ ނެރެން މަޖުބޫރުވި މި ގޭމުގައި ރަފާ ބަލިވީ ވާދަވެރިކުޅުމަކަށްފަހު ސީދާ ތިން ސެޓުންނެވެ. އެއީ 12-10،11-9 އަދި 11-13 އިންނެވެ.

ފައިނަލްގައި ލަންކާ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. އިންޑިއާ ފައިނަލަށް ދިޔައީ ސެމީގައި ޕާކިސްތާނު ބަލިކޮށްގެންނެވެ.

ދެން ރާއްޖެއިން ވާދަކުރީ ކެޑޭޓް ބައިގެ ސެމީގައެވެ. އެ މެޗުން ރާއްޖެ ވަނީ ސީދާ ތިން ސެޓުން އިންޑިއާ އަތުންނެވެ. ފުރަތަމަ ގޭމުގައި ދީމާ ނިކުތީ ޖެނިފާއާދެކޮޅަށެވެ. އެ ގޭމު ޖެނިފާ ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު 11-6 އިން ހޯދީ ދީމާއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު ވެސް ހޯދީޖެނިފާއެވެ. އެއީ 11-6، 11-6 އަދި 12-10 އިންނެވެ.

ދެ ވަނަ ގޭމުގައި މިޝްކާ ނިކުތީ ހަންސިނީއާ ދެކޮޅަށެވެ. އެ ގޭމުން މިޝްކާ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 11-5، 11-5 އަދި 11-4 އިންނެވެ.

ތިން ވަނަ ގޭމްގެ ޑަބަލްސް މެޗަށް ރާއްޖެއިން ނިކުތީ މިޝްކާ އާއި މަލާކް ބިންތި މުއިއްޒުއެވެ. އެ ގޭމު ވެސް ސީދާ ތިން ސެޓުން ހޯދީ އިންޑިއާއެވެ. އިންޑިއާގެސަންދްޔާ އާއި ޖެނިފާ ސެޓުތައް ހޯދީ 11-3 ، 11-5 އަދި 11-2 އިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު