މައިންބަފައިންގެ ފަޚުރަކަށް ދަރިން ހެދޭނީ، ރަނގަޅު ތަރުބިއްޔަތެއް ދެވިގެން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޮކްޓޫބަރު މަހު ދ. ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއެކު -- ފޮޓޯ/ ރައީސް އޮފީސް

މައިންބަފައިންގެ ފަޚުރެއްކަމުގައި ދަރިން ހެދޭނީ ޅަފަތުން ފެށިގެން ކުދިންނަށް ރަނގަޅު ތަޢުލީމާއި ރިވެތި ތަރުބިއްޔަތެއް ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ދެއްވި ޚިޠާބުގައި ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަމަށާއި މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ފަރުދަކީވެސް އެކުދިންގެ ހައްގުތަކަށް އިޙްތިރާމްކުރާ، އެކުދިންގެ އިއްފަތްތެރިކަަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭނެ މީހަކަށް ވާންޖެހޭނެކަމަށެވެ.

ރައީސްގެ ޚިޠާބުގައި ޒަމާނީ ތައުލީމުން ކުދިންގެ ސިކުނޑިތައް ތަރައްގީކުރުމަށް މަސައްކަތް ކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަޚްލާގުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަަސައްކަތެއްގެ ގޮތުގައި ރައީސްގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ ޚިތާބު ނިންމަވާލައްވަމުން، ދަރިންނަކީ އެކަކު އަނެއްކަކަށް އިޙްތިރާމްކުރާ، ބައިބައިނުވެ، އެކުވެރި ބައެއްގެ ގޮތުގައި އުޅޭނެ ބައެއްގެ ގޮތުގައި އެކުދިން ބައްޓަން ކޮށްދެއްވުމަށް މައިންބަފައިންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް