ކެޑޭޓް ބައިގެ ދެ ވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީއަށް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ މުބާރާތުގެ ތެރެއިން — ފޮޓޯ / ރައީސް އޮފީސް

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ އަންހެން ކެޑޭޓް ބައިގެ ދެ ވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިބައިގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ޕާކިސްތާނު އަތުން ތިން ގޭމު ދެ ގޭމުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ މިޝްކާ މުޙައްމަދު ނިކުތީ ޕާކިސްތާނުގެ ހާއިގާ ހަސަން އާ ދެކޮޅަށެވެ. އެ ގޭމުގެ ފުރަތަމަ ސެޓާއި ދެ ވަނަ ސެޓު ކާމިޔާބުކުރީ ހާއިގާއެވެ. ދެ ސެޓު ވެސް އޭނާ ގެންދިޔައީ 11-7 އިންނެވެ. ޖެހިގެން އައި ދެ ސެޓު މިޝްކާ ވަނީ ކާމިޔާބުކޮށްފައެވެ. އެއީ 8-11 އަދި 9-11 އިންނެވެ. ނަމަވެސް ފަހު ސެޓު 11-9 އިން ކާމިޔާބުކޮށް ހާއިގާވަނީ ގޭމް ހޯދާފައެވެ.

ދެ ވަނަ ގޭމުގައި ފާތިމަތު ދިމާ އަލީ ވަނީ ޕާކިސްތާނުގެ ހޫރު ފަވާދު ބަލިކޮށްފައެވެ. ދީމާ ގޭމު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. ފުރަތަމަ ސެޓު ދީމާކާމިޔާބުކުރީ 11-6 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓު ހޫރު ވަނީ 11-7 އިން ކާމިޔާބުކޮށްފައެވެ. މޮޅު ކުޅުމެއް ދައްކައި ދީމާ ވަނީ ދެން ޖެހިގެން އައި ދެސެޓު ހޯދައި ގޭމުން މޮޅުވެފައެވެ. އެއީ 11-4 އަދި 11-6 އިންނެވެ.

ތިން ވަނަ ގޭމުގައި ރާއްޖެއިން ކުޅެން ނިކުތީ ދީމާ އާއި މިޝްކާއެވެ. މި ގޭމު ތިން ސެޓު އެއް ސެޓުން ހޯދީ ޕާކިސްތާނެވެ. އެއީ ފުރަތަމަ ސެޓު 11-6 ގެ ނަތީޖާއަކުން ރާއްޖެއިން ހޯދާފައި ވަނިކޮށް ޖެހިގެން އައި ތިން ސެޓު ހޯދައިގެންނެވެ. އެއީ 12-10، 11-7 އަދި 9-11 އިންނެވެ.

ހަތަރު ވަނަ ގޭމުގައި މިޝްކާ ވަނީ ޕާކިސްތާނުގެ ހާއިގާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އެއީ 11-6، 11-4 އަދި 11-8 އިންނެވެ. ފަހު ގޭމުގައި ރާއްޖެއިން ބަލިވީ ސީދާ ތިން ސެޓުންނެވެ. މިޝްކާގެ މައްޗަށް ހޫރު ކުރި ހޯދީ 11-8، 11-2 އަދި 11-8 އިންނެވެ.

ގްރޫޕްގެ ފަހު މެޗަށް ނިކުތްއިރު ރާއްޖެ އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެ މެޗުގައި ރާއްޖެއިން ލަންކާ ބަލިކުރީ ތިން ގޭމު އެއް ގޭމުންނެވެ. ފުރަތަމަ ގޭމުގައި މިޝްކާ ވަނީ ލެސަންޔާ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެއީ 11-6، 11-7 އަދި 11-4 އިންނެވެ.

ދެ ވަނަ ގޭމަށް ރާއްޖެއިން ކުޅެން ނިކުމެފައިވަނީ ދީމާއެވެ. އެ ގޭމުގައި ދީމާ ތަމާޑީ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 11-9، 11-4 އަދި 11-13 އިންނެވެ.

ތިން ވަނަ ގޭމުގައި ކުޅެން ނިކުތީ ދީމާ އަދި މިޝްކާގެ ޕެއާއެވެ. ފުރަތަމަ ގޭމު 11-7 އިން ކާމިޔާބުކުރީ ލަންކާގެ ލެސަންޔާ އާއި ޓަމާޑީއެވެ.

ނަމަވެސް ރާއްޖެއިން ވަނީ ޖެހިގެން އައި ސެޓު ވެސް ކާމިޔާބުކޮށްފައެވެ. އެއީ 11-9 އަދި 12-10 އިންނެެވެ. ނަމަވެސް ލަންކާއިން ވަނީ 11-9 އިން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ފޯރި ގަދަ ކުޅުމަކަށްފަހު ރާއްޖެއިން ފަހު ސެޓު ހޯދީ 11-8 އިންނެވެ.

މި ގްރޫޕްގެ މެޗުތައް ނިމުނުއިރު ތިން ޓީމު އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ސެޓުގެ ތަފާތަށް ބެލިއިރު ރާއްޖެ އާއި ލަންކާ ވަނީ އެއްވަރެވެ. ސެޓްގެ ތަފާތުން ކުރި ހޯދައި ލަންކާ ދިޔައީ އެއް ވަނަ އަށެވެ. ރާއްޖެ ދެ ވަނައަށް ދިޔަ އިރު، ޕާކިސްތާނު ދިޔައީ ތިން ވަނަ އަށެވެ. ސެމީގައި ރާއްޖެ ނިކުންނާނީ އަނެއް ގްރޫޕްގެ އެއް ވަނަ އިންޑިއާ އާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް