ރާއްޖެއަށް އެތެރެކުރި 21 މިލިއަން ރުފިޔާގެ "ކޮކެއިން" އަތުލައިގެންފި

ޕޯސްޓުން މީގެ ކުރިން ރާއްޖެ އެތެރެ ކުރަން އުޅުނު ޑްރަގް ކަސްޓަމްސްގެ ބެލުމުގައި ދަށުގައި -- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަތީ މި މަހުގެ ތިން ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މި ލަގެޖް ފާސްކުރުމުގެ ތެރޭގައި ފެނުނު ޝައްކު ކުރެވޭ ބާވަތް، އެންމެ ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 4.2 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު، 21 މިލިއަން ރުފިޔާއަށް އަރައެވެ.

ކަސްޓަމުން ބުނީ މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވާނީ ފުލުހުންނާ ހަވާލު ކޮށްފައި ކަމަށެވެ.

މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު، ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލެއް ކަސްޓަމުން ބަލައި ފާސްކުރުމުގެ ތެރޭގައި ވެސް ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "މެތްއެމްފެޓަމިން"ގެ 1.363 ކިލޯ އަތުލައިގެންފައެވެ.

މި ތަކެތީގެ މަގުމަތީގެ އަގު ވެސް ފަސް ލައްކަ ރުފިޔާއަށް އަރައެވެ.

ދުނިޔޭގެ މަސްތުވާތަކެތީގެ ބާޒާރަށް ތައާރަފް ކުރާ އެންމެ ނުރައްކާތެރި ބާވަތްތައް ރާއްޖެއާ ހަމައަށް މިވަނީ ފޯރާފައެވެ. މީގެ ތެރޭގައި ޕާޓީ ޑްރަގްސްގެ އެކި ވައްތަރުތައް ރާއްޖެ އެތެރެކޮށް, އެ ތަކެތީގައި ޖެހޭ ޒުވާނުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެއެވެ.

comment ކޮމެންޓް