"ޒުވާން ދުވަސްވަރު ހޭދަކުރި ކޮންމެ ވަގުތުކޮޅަކާއިމެދު ސުވާލުކުރެވޭނެއެވެ. ﷲ ސުބުހާނަހޫ ވަތައާލާއަށް ޒިކުރުކޮށް ނަމާދުކޮށް ގުރުއާން ކިޔެވުންފަދަ އަޅުކަމުގައި ތިމާގެ ނަފުސް ގަންބާލާށެވެ. ހަގީގީ ކާމިޔާބުވަނީ އެތަނުގައެވެ."

***

ރީދޫ އަދި ހުދުން ރޮގުދެމި ސްވެޓަރ ފާޑުހެދުމަކާއިއެކު ޖިންސެއްލައިގެން ހުރި ޚައިރާ ތަށި އެތައް ފަހަރު ދޮވެލުމަށްފަހު މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ. ސިއާރާވެސް ހޫނު ޗޮކްލެޓްތަށިން ކޯވަރެއް ދަމާލިއެވެ.

"ސިއާރާވެސް ހިތަށް އަރާނެ އަހަރެން މީ މޮޔައެކޭ...." ޚައިރާ ކުއްލިއަކަށް ބުނެލިއެވެ.

"ނޫން. އަހަރެންވެސް ތިބައި ކޮންމެވެސް ވަރަކަށް ހުރޭ. އޯސީޑީ މާބޮޑަށް ގޯސް ނުވަންޏާ އުޅެވިދާނެ....."

"އަހަރެން ސިއްރެއް ބުނަންތަ؟" ޚައިރާ ވަށައިގެން ހޯދާ ބަލައިލަމުން ހިންދިރުވައިލިއެވެ." އަހަންނަށް ހީވަނީ ހާރިސްދެކެ ލޯބިވެވިއްޖެހެން. އޭނަގެ އަޑު އަދި ލޮލުގެ ކަޅުކަމާއި ފުންކަން އަބަދު ލޮލުގެ ކުރިމަތީގައި ފެންނަހެން ހީވޭ. އަދި އޭނަގެ ލަވަތަކާއި ގުރުއާން ކިޔަވާލެއް އެހާ ހިތްގައިމު. ލެކްޗަސްތައް ބަލަމުން ބަލަމުންގޮސް ނިދިގެން ވެއްޓެނީ. އެނޫންކަމެއް މި ހަފްތާތެރެއަކު ނުކުރެވޭ. އައި ތިންކް އައިމް އޮބްސެސްޑް ވިތް ހިމް....."

"ޚައިގެ ބޭބެއަށް އެނގިއްޖެއްޔާ...." ސިއާރާ ވަށައިގެން ހޯދާލައިފިއެވެ.

"ހީ ވިލް ކިލް މީ....."

"އެއީ ކީއްވެތަ؟"

"ދޮންބެ ޓެރަރިސްޓުންދެކެ ނަފްރަތުކުރާވަރު ލަފުޒުތަކަކުން ބަޔާންކޮށެއް ނުދެވޭނެ. އެލީސާއަކީ ޓްވިންވެފައި އެދެމީހުން ހަމަ އިންސެޕެރަބްލް. އެހެންވީމަ ހީވާގޮތުން އަހަރެން އެހާ ރުޅި އަންނައިރު އެ އިހުސާސް އެއަށްވުރެ މާ ބޮޑަށް ދޮންބެގެ ހިތުގައި ބޮޑުވާނެ. އެމީހުން ވަކިކޮށްލީ ދޮންބެގެ ހަށިގަނޑުގެ އެއްބަޔޭ ބުންޏަސް ދޮގަކަށް ނުވާނެ. އަހަރެން ގަބޫލެއްނުކުރަން ހާރިސްއަކީ އޭގެ މީހެއް ކަމަކަށް. ކޮންމެ މުސްލިމަކު ނިރުބަވެރިއަކަށް ނުވާނެ ދޯ. އެހެން ގަބޫލުކުރަން ޚައި ބޭނުންވަނީ....." ޚައިރާ ނުތަނަވަސްކަމާއެކު އަތުގެ އިނގިލިތަކާއި ކުޅެމުން ދިޔައެވެ.

***

ހާރިސް އެލިޔަސްގެ ފޮޓޯ ފޮނުވުމުން ގަބޫލުކުރަން ދަތިވެފައި ބަލަން ސިއާރާއަށް އެ ފޮޓޯއިން ނަޒަރު ވަކި ނުކުރެވިފައި އިނެވެ.

"ޔާ ﷲ. އެހެން ވާންވީ ކީއްވެ؟ މިއީ ހަމަ އޭނަ..."

"ތިބުނީ؟" ހާރިސް އެހިއެވެ.

"ދަންނަ މީހަކާއި ވައްތަރުވީ. އެކަމަކު އޭނަ މިދުނިޔެއާއި ވަކިވެގެން ގޮސްފައިވަނީ......"

"އެލިޔަސް ދިރިއުޅެނީ މި ގައުމަކު ނޫން......ސިއާރާއަށްވެސް ރަގަޅުވާނީ އެކޮޅަށްގޮސް އުޅުނިއްޔާ ދޯ.. ކްރިސްޓިއަން ފެމިލީއަކާ އެއްކޮށް އުޅޭކަށް ފަސޭހައެއްނުވާނެ.. އިސްތިޚާރާކޮށްފައި މެރީ ކޮށްގެން ތި ތަނުން ސަލާމަތްވޭ ސިސް.........."

"އަލްހަމްދުލިﷲ"

"މާދަމާ އޭނަ ޔޫކޭއަށް އަންނާނެ އިންޝާﷲ.."

ސިއާރާއަށް އެ ފޮޓޯއަށް ބަލަން އިނދެވުނެވެ. އެލިޔަސްއާއި ޖޭސަން މާ ބޮޑު ތަފާތެއްނެތެވެ. އުމުރާއެކު އަދި ތުނބުޅިއާއި ހެދުމުގެ ސަބަބުން މީހާއަށް ބަދަލު އައިސްފައި ހުއްޓަސް މޫނުގެ ކޮންމެ ތަންކޮޅެއް ޖޭސަންއާއި ވައްތަރެވެ.

ޖޭސަންއަކީ އޭނަ އެއް އިރެއްގައި އެމީހެއްގެ ފޮޓޯތައްވެސް ކޮޓަރީގައި ތަތްކޮށްގެން އުޅުނު ލަވަކިޔުންތެރިއެކެވެ. ކުޑައިރު ހިތް ކީ ޒުވާނެކެވެ. އެތައް އަންހެންކުދިންނެއް މަރުދަން ޖެހުނު ތަރިއެކެވެ. އަސްލަން އާއެކުގައިވެސް އޭނަގެ ޝޯއެއް ބަލަން ދިޔަދުވަހުގެ ހަނދާންތައް ހިތުގައި ހަރުލާފައިވިއެވެ. އެހެން އަންހެންކުދިންފަދައިން މޮޔަވެގެން އޭނަގެ ސޮއި ހޯދަން އުޅެ އަތުގައި ސޮއިކޮށްލަދިނުމުން އަސްލަންގެ ހަސަދައާއި ރުޅިވެރިކަން ޖޭސަންއަށް އަމާޒުވިއެވެ. ގެއަށް އައި މަގުމަތީގައި ސިއާރާގެ އަތުގައިވި ސޮއި ފޮހެންވެގެން ސްޕިރިޓް ލިއެވެ. ޖޭސަންއަށް ތާއީދުނުކުރަން އެންގިއެވެ. އަސްލަން ދެކުނުގޮތުން އެއްވެސް އަންހެންކުއްޖަކު އޭނައަށްވުރެ އެހެން ފަރާތަކަށް ލޯބި ޖެހި ހިތްކިޔުމަކީ އޭނަގެ ފަޚުރު ކަތިލުމެވެ. ޚާއްސަކޮށް އޭނަގެ ލޯބިވެރިޔާ ގޮތުގައި ހުރެއެވެ. ހަމަ އެ ދުވަސްކޮޅު ޖޭސަން އެކްސިޑެންޓެއްވެ ކޯމާއެއްގައި އޮތުމަށްފަހު ދުނިޔެއާއި އަބަދަށްޓަކާ ވަކިވެގެން ދިޔަ ޚަބަރު ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރިއެވެ.ލަވައިގެ ދުނިޔެއިން އޭނަގެ ނަން ފޮހެވިގެން ދިޔަގޮތަށް ސިއާރާގެ ހިތުންވެސް ޖޭސަން ވަނީ ފޮހެވިފައެވެ. އޭނަގެ ހަޔާތަށް މިފަހަރު މި އައި މުސްލިމް ޒުވާނަކީ ކުރީގެ އީސާއީ ލަވަކިޔުންތެރިއެއްކަމަށް ހިތަށް އަރާނީވެސް ކިހިނެއް ހެއްޔެވެ؟ އަދި އެވެސް އޭނަ މަރުވެފައިވާ ކަމަށް ޔަގީންވެފައިވަނިކޮށެވެ.

***

އަސްލަން ކާރުގެ މިސްރާބު ހުރީ ކްލަބާއި ދިމާލަށެވެ.

"ބައެއްފަހަރު އަހަރެން ގިލްޓީވޭ. ބައްޕަ އެވަރަށް ނަސޭހަތް ދޭއިރު......" އެރިކް އިނީ ސީޓުގައި ލެނގިލައިގެންނެވެ.

"ބައްޕަތަ ނޫނީ ޔޯ އެކްސްޓްރީމިސްޓް ކޮއްކޮތަ؟" އަސްލަން ބުމަ އަރުވައިލިއެވެ.

"ހާރިސް ފޮނުވާ ލެކްޗާސްތައް ގިނަފަހަރު ނުބެލިފައި އޮންނަނީ. އެކަމަކު ބައްޕަގެ އެޑްވައިސްތަކާއިމެދު ފިކުރުކުރަން ޖެހޭ. ކުދި ފާފަތަކަށް އަރާ ޝައިތާނާ ދައްކާ މަގުން ހިގަންޏާ މަގު އޮޅިދާނެއޭ...." އެރިކް އަތުގައި ހުރި ފުޅިން އެތިފޮދެއް ބޯލިއެވެ.

"ބައްޕަވެސް ޒުވާން އުމުރުގައި އުޅޭނީ މިހެން. ޑޯންޓްވޮރީ ބްރޯ. އަހަރެމެންވެސް އެ އޭޖަށްދާއިރު ދަރިންނަށް ވިސްނާދޭން ތިބޭނީ...."

"އެކަމަކު ނަމާދުކުރަން އެބަޖެހޭ....ނޫނީ.." އެރިކް ގަޑިއަށް ބަލައިލިއެވެ.

ކްލަބުން ނިމިގެން ގެންގޮސްދޭނަން....ކޮންމެވެސް ވަރަކަށް އެންޖޯއިކުރަން ވާނެ. އެރިކް ބުނަމެއްނު ގޯޑް އިޒް މާސިފުލްއޭ. ހީ ވިލް ފޮގިވް. ޑޯން ވޮރީ........................" އަސްލަންފަދަ އެކުވެރިން ގެންގުޅެން ފެށުމުން އެރިކް ދީނީ ކަންތައްތަކާއި ދުރުހެލިވާންފެށީ މަޑުމަޑުންނެވެ. ކުރިން ފަރުޟުނަމާދުތައް ގަޑިން ކުރިޔަސް މިހާރު އޮންނަނީ އެކަން ނުވެފައެވެ. އެންމެ ބޮޑު މައްސަލައަކީ ވަޒީފާއާއި އެއްކޮށް އުޅޭ އެކުވެރިންގެ ސަބަބުން ވަގުތު ނުވުމެވެ.

"ހާރިސް މިކޮޅަށް އަންނާކަށް ނޫޅޭތަ؟" އަސްލަން ސުވާލުކުރިއެވެ.

"ހިޔެއްނުވޭ. ބައްޕަ އުޅެނީ އޭނަ ނިގާބީ ގާލްއަކާއި މެެރީކުރުވަން. އަހަރެންނަށްވެސް އެފަދަ ކުއްޖެއް ހޯދީމަ ގަބޫލުނުވެގެން ބައްޕަ އެކަމާއި ނުރުހުންވެފައި ހުރީ..."

"ނިގާބީ........" އަސްލަންގެ ހަނދާނަށް އައީ ސިއާރާއެވެ." އެއީ އެންމެ މަކަރުވެރި އަންހެނުން. ބީ އެވެއާ އޮފް ނިގާބީސް. އަހަރެން ދަންނަމޭ އެކަހަލަ އަންހެންކުއްޖެއް. ވަރަށް މަކަރުވެރި....ޑޭމް.....ޝީޑެވިލްސް.. ހާރިސްއާއި އެކަހަލަ ކުއްޖަކާއި ނިކަން ގުޅޭ ދޯ.................."

އެރިކްވެސް ހިނިގަނޑެއް ޖަހާލައިފިއެވެ.

"ހޫމް...ދީނީ ޚިޔާލު ތަފާތުވުންތައް ރާއްޖޭގައި ބޮޑުވެގެން ތިމާގެ ކަމުގެ ގުޅުން ކަނޑަން ޖެހޭ ހިސާބަށް ގޮސްފައި އޮންނަނީ. ދީނީ އަދި ސިޔާސީ ފިކުރުގެ ސަބަބުން. އަހަރެމެންގެ އާއިލާގައި ބޮޑަށް އޮތީ ހާރިސްގެ ހައްދު ފަހަނަޅާދިޔުމުގެ ކަންތައް. ހާރިސްގެ ފިކުރަށް ބައްޕަ ކުރިން އެހާ ލައިކް ނުވިޔަސް ބައްޕަގެ ބްރެއިންވޮޝްކުރަން ފަށައިފިހެން ހީވަނީ. މަށަށް ނިގާބީ ގާލްއެއް ދެއްކީމަ އެކަން ޔަގީންވީ. ކުރިން އޮތީ މިނިވަންކަން ދީފައި.ބޭނުން ކޮންމެ މީހަކާއި އިނަސް ހެޔޮކަމަށް ބައްޕަ ބުނީ..."

"އެއުޅެނީނު ޒޯޔާ ޖޯންސަން...އެރިކްދެކެ ލޯބިވާވަރު އެކުއްޖާގެ ލޮލުން މަށަށް ފެނޭ... މަށަށް ފެންނަނީ އަވަހަށް އޭނައާއި ދެމީހުންގެ ފޮޓޯތައް ސޯޝަލްމީޑިއާއަށް ލާން. އޭރުން ބައްޕައަށް މެސެޖެއް ދެވިދާނެ. ތި އޭޖްގައި އަމިއްލަ ނިންމުންތައް ނިންމެންވާނެ. ނިގާބީއާއި އެރިކްގެ ފިކުރު ތަފާތުވީމަ ގިނަ މައްސަލަތައްޖެހޭނެ. އެކަމަކު ޑޮކްޓަރ ޒޯޔާއަށް އެރިކްގެ ހުރިހާކަމެއް އަންޑްސްޓޭންޑްވާނެ ދޯ. ދީނުގައި ތިބުނާ ހަރުކަށިކަމާއި ރުޅިވެރިކަމެއް ނޯވޭ. މީހުން ހަދަ ހަދައިގެން ދީނާއިމެދު ރުޅިވެރިކަން އުފައްދަން ކިޔާހާ އެއްޗެހި. ޖަސްޓް ލިވް ޔޯ ލައިފް އެރިކް......"

އެރިކްވެސް ދެކުނުގޮތުން އިސްލާމްދީނަކީ ލުއި ފަސޭހަ ދީނެކެވެ. އަންހެންކުދިންނަށްވެސް މިނިވަންކަން އޮންނަންވާނެއެވެ. އޭނަގެ ކޮއްކޮ ހާރިސްއާއި އޭނަގެ ޚިޔާލު އެކަމުގައި ވަރަށް ތަފާތެވެ. ހާރިސްދެކޭ ގޮތުން އަންހެންކުދިންނަކީ ރައްކާތެރި މުތްތަކެވެ. އެހެން މީހުންނަށް ފޮރުވިފައި ގޭގައި ތިބެން ޖެހޭ ބަޔެކެވެ. އެކުދިން ޖެހެނީ ދަރިން ތަރުބިއްޔަތުކޮށް އާއިލާ ބެލެހެއްޓުމެވެ. އެހެން ފިރިހެނުންނަށް އަނބިން ފެނުމަކީ އޭނަ ދެކޭގޮތުން ފިތުނައެވެ. ކޮއްކޮގެ ވިސްނުން ހުންނަ ގޮތާއިމެދު އެރިކް ހިތާމަކުރެއެވެ.

***

އެރިކް ގަބޫލުކުރިގޮތުގައި އޭނައަށް އެންމެ ހެޔޮއެދޭ އެންމެ ރަގަޅު މީހަކީ އަސްލަންއެވެ. އޭނަގެ އުފާތަކާއި ހިތްހަމަޖެހުމާއިމެދު އަސްލަން ވިސްނައެވެ. މި އުމުރުގައި މައިންބަފައިންގެ ނުފޫޒު ފޯރައިގެން ނުވާނެއެވެ. އޭނަގެ މަންމައަކީވެސް އީސާއީއެކެވެ. ވީއިރު އޭނައަށް އެދީނުގެ ކުއްޖަކާއި ނުގުޅެވެންވީ އެއްވެސް ސަބަބެއްނެތެވެ. އެރިކް ޒޯޔާއާއެކު ސްނޯގަނޑުގެ ތެރޭ ކޮފީބޯން ތިބި ފޮޓޯއެއް އިންސްޓާ ކުރުމުން އެތައް ބަޔެއްގެ ކޮމެންޓް އޮހެންފެށިއެވެ. އެރިކްއަށް ތަފާތު އުފަލެއް އިހުސާސްކުރެވުނެވެ.

***

އެރިކްއާއި އަސްލަން އެކީގައި ގެއަށް ވަންއިރު ސިއާރާ އިނީ އަލިފާން އަންދާ ތަނުގެ ކުރިމަތީގައި މޮބައިލުން ކޮންމެވެސް އެއްޗެއް ބަލަން ގެއްލިފައެވެ. އޭނަ އަޑުއަހަން އިނީ ގުރުއާންކަން އެނގުމުން އަސްލަން ކުޑަކޮށް ލޯ ހަނިކޮށްލިއެވެ. އެރިކް މަޑުކޮށްނުލާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން އަސްލަން އެ ބޯ ދޫލަމަތީގައި އިށީނުމުން ސިއާރާ ދުރަށް ޖެހިލިއެވެ. ސިއާރާ ގަސްތުކުރީ އޭނަ ދީނަށް ލޯބިކުރާވަރު ހާމަކުރުމަށެވެ. އަސްލަން ގާތުގައި އޭނަ ހަގީގަތް ހާމަކޮށް އޭނަ ދީނަށް ލޯބިކުރާވަރު ބުނެދިނެވެ. މަންމަމެންނާއި ހަގުރާމައަށް އޭނަ މިހާރުވަނީ ކަމަރު ބަދެފައެވެ.

"ސިއާރާ ބޭބީ. އަހަރެންވެސް ފުރިހަމަ މުސްލިމަކަށް ވާނަމޭ. އަދި އަހަރެން މިހާރުވެސް ނިގާބު އަޅާ ކުދިންދެކެ ލޯބިވޭ. މެރީކުރި ދުވަހަކުން މަ ވެސް މޫނުއަޅައިގެން މިސްކިތުގައި އަންހެންކުދިން ތިބޭ ސެކްޝަނަށްގޮސް ބާޑްސްތައް ބަލަން އިންނާނީ...."

"ހާދަ ޑާޓީ މައިންޑެކޭ. ނިޔަތް ޚަރާބު. އެތަނަށް ވަދެ މޫނު ނަގައިގެންނޭ ނަމާދުކުރަނީ..."

އަސްލަން ހިނިގަނޑެއް ޖަހާލައިފިއެވެ."ޝޭވްކޮށްގެން ދިޔައިމަ މަ ވެސް ގާލްއަކާއި ވައްތަރުވާނެއްނު....."

"ކްރީޕް..." ސިއާރާ ހިތާހިތުން ކިޔައިލިއެވެ. މިހާ ރީތި ފިރިހެނެއްގެ ހިތް މިހާ އަނދިރީ ކީއްވެހެއްޔެވެ؟

"އަހަރެން މުސްލިމަކަށް ވީމަ އަސްލަން ވެސް ޖެހޭނެއްނު މި ދީނަށް ވަންނަން...ނޫނީ މި ކައިވެންޏެއް ނުކުރެވޭނެކަން އެނގޭތަ؟ މުސްލިމް އަންހެންކުއްޖަކަށް އެހެން ދީނެއްގެ މީހަކާއި ކައިވެނިކުރުން ހުއްދައެއްނޫން...." ސިއާރާ އަސްލަންއަށް ބުނެދޭން މަސައްކަތްކުރިއެވެ.

"ޔަގީން. ބުނީމެއްނު މުސްލިމެކޭ. ކޮންމެހެން ވަކި ބަޔަކަށް އެކަން ސާބިތުކޮށްދޭން ޖެހޭކަމެއް ނުދެނެހުރިން. އަހަރެން ދުވަސްކޮޅަކުން އަރަބި ޖުއްބާ ލައިގެން ބޮޑު ތުނބުޅިއެއް ޖަހާފައި މުއްލާއެއްހެން އަފްގާނިސްތާނުގައި ކަން ނޭގޭ އުޅޭނީ. ނޫނީ ސީރިޔާގައި؟ އެގޮތަށް އެދޭކަމުގައިވިޔަސް ދާން ތައްޔާރަށް މިހިރީ...." އަސްލަން އެހާ ވަރަށް ބަލަނީ ކީއްވެހެއްޔޭ ސިއާރާގެ ހިތަށް އެރިއެވެ. އޭނަ ވިސްނަނީ ކޯންޗެއްހެއްޔެވެ؟ އަސްލަންގެ ބޭނުމަކީ ކޮބާބާވައެވެ.

***

ޚައިރާއަށްވެސް ހާރިސް ކައިވެނިކުރަން އުޅޭކަން ސިއާރާގެ ފަރާތުން އެނގުނެވެ. ޚައިރާ އަނބުރައިނުގަތީ ހަމަކިރިޔާއެވެ. އަނަގަޔަށް ލައިގެން ނަޓްކޮޅުވެސް ކަރުތެރޭ ތާށިވިއެވެ. ކާހިތް ކެނޑުނެވެ. ޚައިރާގެ އުއްމީދަކަށްވީ ކޮންމެވެސް ދުވަހަކުން ހާރިސް އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ވުމެވެ. އެހުވަފެނުގައި ކުލަ ނުޖެހެނީސް އެހެން މީހަކު އެދޭތެރެއަށް ވަދެއްޖެއެެވެ.

"ޚައިވެސް އޭނަދެކެ ލައިކް ވޭ ދޯ. އެކަމަކު ބުނެފާނަން ވާހަކައެއް....އޭނަގެ ފިކުރާއި ޚައިއަކާއި ނުގުޅޭ.."

"ހެދުން އަޅާގޮތްވެސް ދޯ..." ޚައިރާގެ ހިތް ފަޅައިގެން ދަނީއެވެ. ހާރިސް ހާދަ ގޯހެވެ. އެދެމީހުން ދިމާވީ މަދު ދުވަސްތަކެއްގައި ކަމުގައި ވިޔަސް އެ ވަގުތުކޮޅުތައް ސިކުނޑީގެ ސްކްރީނުން ފެންނަން ފެށިއެވެ.

"ހުރިހާކަމެއް." ސިއާރާ ޚައިރާއަށް ދޮގު އުއްމީދެއް ދޭކަށް ނެތެވެ.

"ސިއާރާއަށް ކުރެވުނީ ކުށްހީއެއް. އަހަރެންގެ ހިތަކު ނެތް އެކަހަލަ އެއްޗެއް. އޭނަގެ އަޑު ދެކެ ލޯބިވެވުނީ. އުރަބާ އެލަވަ ރީތިވިޔަސް އޭގެ މާނައަކީ އަދި ލޯތްބެއް ނޫން. އިޓްސް ނޮޓް ލަވް. އަހަންނަކީ އޭނަގެ ފޭނެއްކަން ނޭގޭ..." ޚައިރާގެ ހިތް ހަލާކުވަމުން ދިޔަވަރު ސިއާރާއަކަށް ނޭގުނެވެ.

އޭރު ޚައިރާގެ ހިތް އެތެރެ އެތެރެއިން ހަޅޭއްލަވަނީއެވެ. ހިތް ރޮނީއެވެ. ލޯތްބަކީ ކިހާވަރެއްގެ ހިތަށް ތަދުކުރުވާ ޖަޒުބާތެއްކަން މިއަދު ޚައިރާއަށް އިހުސާސްކުރެވިއްޖެއެވެ.

***

އަސްލަން ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ޚައިރާއިނީ ރީތިވާ މޭޒުކައިރީގައެވެ. ރަތްކުލައިގެ މިޑީހެދުމެއްލައިގެން ތުންފަތުގައި އެކުލަ ޖައްސާލައިގެން އިންއިރު އިސްތަށިގަނޑުވެސް އެހާ ސްޓައިލިޝްކޮށް ކޮނޑުމައްޗަށް ވިހުރުވާލާފައެވެ. ފިނިކަމުގެ ތެރޭގައި ހިފާފައިވާ މަލެއްގެ މީރުވަހުން ސިކުނޑި ތާޒާކުރުވާވަރުވެއެވެ. ހިތާމައާއި މާޔޫސްކަމުގައި އުޅޭ ކުއްޖަކު މިހާ ރީތިވެލައިގެން ދާން އުޅެނީ ކޮންތަނަކަށް ބާވައޭ ހިތަށް އަރާފައި އަސްލަންގެ ހިތަށް އުފާވެރިކަމެއްވެސް ލިބުނެވެ.

"ޚައި......ޕާޓީއަކަށްތަ؟"

"އެހެން ތަނަކަށް......."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު