"ޒެކް ދެރަވާގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ..." ވިޝްކާ ކޮށްލީ އަމުރެކެވެ. "އަހަރެން މަންމަމެން ޒެކް ބެލީ ބޮޑުބޭބެ ހެދިގޮތުން ދެރަވެގެން... އެކަމަކު، އެމީހުން ޒެކްދެކެ ނުލާހިކު ލޯބިވޭ... ހަމަ އަމިއްލަ ދަރިއެއްހެން ހުރިހާ ކަމެއްވެސް ކޮށްދެނީ... އެމީހުންވެސް ބޭނުމެއް ނުވާނެ ޒެކްއަށް ދެރަގޮތެއް ވާކަށް..."

********

ގެއަށް ދޫކޮށްލުމާއިއެކު، ޖެހިގެން އައި ދުވަހު އިރަމް އޮފީހަށް ނުކުތެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މުވައްޒަފުން މާ ވަރަކަށް ބަލާކަން އިރަމްއަށް ފާހަގަވިއެވެ. އޭނާ ހީކުރީ، ކުރީ ދުވަހުގެ ހާދިސާގެ ސަބަބުން ހަމްދަރުދީވެގެން އެންމެން ބަލަނީ ކަމަށެވެ. އެކަމާ މާ ބޮޑު އަޅާލުމެއް ނުބަހައްޓާ، އިރަމް ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އޭރު ސުހާ ހުރީ ކެބިންގެ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

"ވަރަށް ސަކަރާތްވެއްޖެ..." ސުހާ ހާސްވެފައި ބުންޏެވެ.

"ކިހިނެއްވީ؟..." ސުހާއަށްވުރެ ބޮޑަށް ހާސްވެފައި، އިރަމް ސުވާލުކުރިއެވެ.

"އެންމެން ހީކޮށްގެން އުޅެނީ އިރޫ މީހަކާ ނީނދެ، ޕްރެގްވީކަމަށް..." ސުހާ އެއް ނޭވާއިން ބުނެލިއެވެ.

އިރަމް ކުޑަ އިރުކޮޅަކު ވިސްނައިލިއެވެ. ހަމަޖެހިލަން މަސައްކަތްކުރިއެވެ. ހާސްކަން ފޮރުވަމުން، އޭނާ ސުހާގެ ދެކޮނޑުގައި ހިފައި ގޮނޑީގައި ބޭންދިއެވެ.

"އެހެންވެގެންތަ ތިހާ ހާސްވެފަ ތީނީ؟..." އިރަމް ގޮސް އޭނާގެ ގޮނޑީގައި އިށީންނަމުން އަހައިލިއެވެ.

"ކީއްވެގެންތަ މެރީކޮށްގެން އުޅޭކަން އެންމެންނަށް ސިއްރުކޮށްގެން ތިއުޅެނީ؟... އަހަރެން ކައިރީ ވައުދުކުރުވާފަ ނެތްނަމަ ބުނެލީމުހޭ މޮޅު ވާހަކައެއް...." ސުހާ އިނީ ހިތްހަމަނުޖެހިފައެވެ. "އާނ އެހެންޏަ، ހަމަ ސަހާދެއް، ބޮޑެތި މީހުންނޭ މީ... ނުވިސްނޭ ވަރުގެ ކުޑަކުދިންތަ އެއީ މީހުންގެ ކަންތައްތަކާ ބެހެން..."

"އެއީ މައްސަލައެއް ނޫން... މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެ... އަހަރެންގެ މި ދަރިފުޅަކީ ހަލާލު ކުއްޖެއް... އަހަންނަށް ޔަގީން، ފިރިމީހާއަށްވެސް ޔަގީންވާނެ... މީހުން އެހެން ކިޔަސް، އަޅާލާނެކަމެއް ނެތް..." އިރަމް ބުންޏެވެ.

"އަޅާނުލާ ހުރެވޭތަ؟... އައި ރުޅީގަ އަހަންނަށް ބުނެވުނު އިރޫ އުޅެނީ މެރީކޮށްގެންނޭ... އަހަރެން އެމީހުންގެ ކުރިމައްޗަށް އޭނަ ގެންނާނަމޭ..." ސުހާ އެންމެފަހުން ހަގީގަތް ހާމަކުރިއެވެ. "ސޮރީ... މާ ބޮޑަށް ރުޅި އާދެވުނީމަ އެހެން ބުނެވުނީ..."

"އެއީ އެވަރު ކަމެއް ނޫނޭ..." ސުހާ ހަމައަކަށް އަޅުވަން އިރަމް މަސައްކަތް ކުރިއެވެ.

"އިރޫ... އެކަކުވެސް ގަބޫލެއް ނުކުރިއޭ އިރޫ އުޅެނީ މެރީކޮށްގެން ކަމަކަށް... އެ ސާމިޔާއެއްވެސް ހީވަނީ މޮޔަވެގެން އުޅޭހެން... އަދި ބުންޏޭ، ހެކި ނުފެންނަހާ ހިނދަކު ގަބޫލެއް ނުކުރާނަމޭ..." ސުހާ އިތުރު ތަފްސީލް ދިނެވެ.

"އަޅާނުލާ..." އިރަމް ބުންޏެވެ.

"އަހަރެން ބުނަންތަ އެމީހަކީ ބޮސްއޭ... އޭރުން އަނގަތައް ބެދިދާނެ..." ސުހާ ބުނެލިއެވެ.

އިރަމްއަށް ބޯ ހޫރައިލެވުނެވެ. ސުހާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އެހީވާން ބޭނުންވި ނަމަވެސް، އިރަމް ދެކޮޅުހަދާތީ، އެހީވެވެން ނޯންނާނެކަމުގައި އޭނާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

********

އޮފީސް މާހައުލުގައި ވަގުތު ހޭދަކުރުން އިރަމްއަށް ތަކުލީފަކަށް ވެގެން ދިޔައެވެ. ބައެއް މީހުން ވައްބަހުން އިރަމް އާއި ދިމާއަށް އެއްޗެހި ބުނަން ފެށިއެވެ. އަނެއްބައެއްގެ ނަޒަރު ތަފާތުވިއެވެ. ކުރިން ދިމާއަށް އެއްޗެހި ކީ މީހުންގެ ފުރައްސާރަ އިތުރުވިއެވެ. ގިނަ ދުވަސްދުވަހު އިރަމްއަށް ރޮވެއެވެ. ސުހާ އާއި އަނޫފް އިރަމްގެ ދިފާއުގައި ވާހަކަ ދައްކާ ހެދި ނަމަވެސް، އެކަކުވެސް އެވާހަކަތަކެއް ގަބޫލެއް ނުކުރިއެވެ. އޮފީހުގައި އިރަމް އާއި ހެޔޮހިތުން ވާހަކަ ދައްކާ ހަދަނީ ސުހާ އާއި މާކިން އަދި އަނޫފެވެ. އެހެން މީހުން އޭނާއަށް ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.

އާދައިގެ މަތިން އެފަދަ ދުވަހެކެވެ. ކައުންޓަރުގެ ކައިރީގައި އިރަމް އިސްޖަހާލައިގެން ހުރިއިރު، ސާމިޔާ އާއި އޭނާގެ ޓީމު އިރަމް އާއި ދިމާކުރަނީއެވެ. އިރަމް އެންމެ ފުރަތަމަ އޮފީހަށް ގުޅުނު ދުވަހުން ފެށިގެންވެސް، ސާމިޔާ އިރަމްއަށް ނަފުރަތު ކުރެއެވެ. އިރަމްއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާ ހަދައެވެ. ނުރޯން ހުއްޓަސް އިރަމްއަށް ރޮވޭވަރަށް އެމީހުން އެއްޗެހި ކިޔަމުން ދިޔައެވެ. މަގުސަދަކަށް ވީވެސް، އިރަމް ރޮއްވައިލުމެވެ.

"ފިރިއެއް ހުރެޔޯ... ދުވަހަކު ނުފެންނަ ފިރިއެއްތަ؟... ނަމެއްވެސް ކިޔާ ސޮރެއް ނޫން... އަނެއްކާ ޖިންނި ސޮރެއްތަ؟..." ސާމިޔާ ބާރަށް ހެމުން، އިރަމްއަށް މަލާމާތް ކުރަމުން ދިޔައެވެ.

އިރަމް ދާން ހިނގައިގަތުމުން ސާމިޔާ ވަގުތުން އިރަމްގެ އަތުގައި ހިފެހެއްޓިއެވެ.

"ހާދަ އަވަހަށް ތި ދަނީ؟..." ސާމިޔާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ސާމިޔާ ޕްލީޒް... އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަމާ ނުބެހިފާނަންތަ؟..." އިރަމް ހުރީ ހިތުގައިޖެހޭގޮތް ވެފައެވެ.

"އަނެއްކާ ބަނޑުގަވެސް ތިއޮތީ ބައްޕަ ނުފެންނަ ދަރިއެއްތަ؟..." އިރަމް ދެއްކި ވާހަކައަށް ސަމާލުކަން ދިނުމެއްނެތި، ސާމިޔާ މަސައްކަތް ކުރަމުން ދިޔައީ، އިރަމް އާއި ދިމާކުރެވޭތޯއެވެ.

"ޒެކް... ޕްލީޒް ކަމް... އަހަރެން މިކަމުން ސަލާމަތްކޮށްދީ..." އިރަމްގެ ހިތް ރޮއެގަތެވެ. ހިތާއިހިތުން ދުއާކޮށްލަކޮށްލާ އޭނާއަށް ޖެހުނީ ހުންނާށެވެ.

"ހަމަ މިހާރު ދޫކޮށްލާ..." އައިޒަކްގެ ބާރު އަޑު އިވުމުން، އެންމެން ދިޔައީ ސިއްސައިގެންނެވެ.

ކަރުނުން ފުރިފައިވާ ދެލޮލުން އައިޒަކާއި ދިމާއަށް އިރަމް ބަލައިލިއެވެ. ކަރުނައިގެ ތެރެއިން އޭނާއަށް އައިޒަކް ފެނުނީ ފުސްކޮށެވެ. އިރަމްގެ ދެލޮލަށް ޖަމާވި ކަރުނަތައް ފައިބައިގަތެވެ. ތުންފިއްތާލައިގެން އޭނާ އައިޒަކަށް ބަލަން ހުރީ ޝަކުވާގެ ނަޒަރަކުންނެވެ.

އިރަމް އެކަނި ހުރިހާ ހިތާމަތަކެއް ތަހަންމަލް ކުރަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އައިޒަކް ކޮބައި ހެއްޔެވެ؟ ހަބަރެއް ނުވީ ކީއްވެ ހެއްޔެވެ؟ ހިމާޔަތާއި ރައްކާތެރިކަން ދޭން ކައިރީގައި ނުހުރީ ކީއްވެ ހެއްޔެވެ؟ އެއީ ޖަވާބު އެނގޭ ސުވާލުތަކެއް ނަމަވެސް، އިރަމްގެ ހިތުގައި ޝަކުވާ ނޫން އެއްޗެއް އެވަގުތު ނުވިއެވެ.

"އަހަރެން ބުނި އެއްޗެއް އަޑެއް ނީވޭތަ؟... އަހަރެން މިބުނީ އަހަރެންގެ އަނބިމީހާގެ އަތުން ދޫކޮށްލާށޭ.." އައިޒަކް އޭނާގެ ޖުމްލަ ތަކުރާރުކޮށްލިއެވެ.

އިރަމްގެ އަތުން ދޫކޮށްލަންވެސް ނޭނގިފައި ސާމިޔާ ހުއްޓެވެ. އައިޒަކްގެ ވާހަކައިން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ސާމިޔާ އިރަމްގެ އަތުން ދޫކޮށްލުމުގެ ކުރިން އައިޒަކް ގޮސް އަތް ނައްޓުވައިލިއެވެ. އިރަމް ގަޔާއި ކައިރިކޮށްލާފައި، ސާމިޔާގެ މޫނަށް އޭނާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.

"އަހަންނަކީ މިތަނުގެ ވެރިމީހާ... އިރަމްއަކީ އަހަރެންގެ އަންހެނުން... އަހަންނާ އެއްވަރަށް މިތަނަށް އިރަމްގެ ބާރުވެސް ހިނގާނެ... އެހެންވީމަ، އަހަންނަށް ކިޔަމަންވާގޮތަށް އިރަމްއަށްވެސް ކިޔަމަންވާންވާނެ... އަދަބުވެރިކަން ބަހައްޓަންވާނެ..." އައިޒަކް ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

އެންމެން ހައިރާންވެފައި ބަލަން ތިއްބައި އައިޒަކް އިރަމްގެ އަތުގައި ހިފައިގެން ގޮސް އޮފީހުން ނުކުތެވެ. އިރަމް ގެންގޮސް ކާރަށް އަރުވާފައި، ގެއަށް ދިޔުމަށް ކާރު ދުއްވައިލިއެވެ. ގެއާއި ހަމައަށް ދެވެންދެންވެސް، ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެހާ ދުވަސްކޮށްފައި އައިޒަކް އައުމުން، ދައްކާނެ ވާހަކަ ގިނަވެގެންގޮސް، އިރަމް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު