އައިޒަކްގެ އެއްވެސް އެދުމަކާއި ޒިވިއަން ދެކޮޅެއް ނުހަދައެވެ. ހަސްފަތާލަށް ގޮސް ފަރުވާ ހޯދަން ފެށިއެވެ. ޓެސްޓްތައް ހެދިއެވެ. އައިޒަކް ހީކުރިގޮތަށް ޑަކުޓަރު ލަފާދިނީ ވީ އެންމެ އަވަހަކަށް "ކިޑްނީ ޓްރާންސްޕްލާންޓް" ހެދުމަށެވެ. އައިޒަކް ހުރީ އޭނާގެ ކިޑްނީ ދިމާވާނަމަ، ޒިވިއަންއަށް ހަދިޔާކޮށްގެންވެސް ފުރާނަ ސަލާމަތްކުރަން ތައްޔާރަށެވެ. އެކަމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ދާން އައިޒަކް ނިންމިއެވެ.

********

އައިޒަކް ފުރައިގެން ދިޔުމުން އިރަމް އެކަނިވިއެވެ. ގިނަ ވަގުތު އެކަނި ހޭދަކުރަން ފެށިއެވެ. ސުހާއަށް އެކަން ފާހަގަވެގެން އެ ވާހަކަ ދެއްކި ނަމަވެސް، ބަލީ ކަމަށް ބުނެ އިރަމް އެ ވާހަކަ އޮއްބާލައެވެ. އިރަމްގެ އެކަނިވެރިކަން ދުރުކޮށްދޭން ޝާލިންވެސް އެތައް މަސައްކަތެއް ކުރިއެވެ.

އައިޒަކްމެން ރާއްޖެއިން ބޭރަށް ދިޔަތާ ދެތިން ދުވަސް ފާއިތުވެދިޔަ ފަހުން، އައިޒަކްގެ މެސެޖެއް އިރަމްއަށް ލިބުނެވެ. އޭގައި އޮތީ، ޒިވިއަންގެ ދެ ކިޑްނީވެސް ފެއިލްވެގެން ޑައިލިސިސް ހަދަން ފެށި ވާހަކައެވެ. އަދި އައިޒަކްގެ ކިޑްނީ ޒިވިއަން އާއި ދިމާވާ ކަމަށާއި، ޓްރާންސްޕްލާންޓް ހެދުމުގެ ކަންކަން ހަމަޖެހުނު ވާހަކައެވެ. މެސެޖުގެ ތިރީގައިވާ އިބާރާތްކޮޅު ކިޔައިލުމާއިއެކު އިރަމްގެ ދެލޯ ފެންކަޅިވިއެވެ. އެހާ ދުރުގައި ހުރެފައި އައިޒަކް ލޯބިވާ ވާހަކަ ބުނުމުން އޭނާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

ދުވަސްތައް ހަފުތާތަކަށް ބަދަލުވަމުން ގޮސް މަސްދުވަސް ފާއިތުވެގެން ދިޔައެވެ. ކުއްލިއަކަށް އިރަމް ބަލިވާން ފެށިއެވެ. ގިނައިރު ކޮޅަށް ހުރެއްޖެނަމަ، އަނބުރައިގަންނަން ފެށިއެވެ. ހޮޑުލެވޭވަރުން އޭނާއަށް އެނދުން ތެދުވުން ވީ އުނދަގޫ ކަމަކަށެވެ. އެވަރުންވެސް ޑަކުޓަރަށް ދައްކާކަށް އިރަމް ބޭނުމެއް ނުވިއެވެ.

އޮފީހުގައި އިންދައި އިރަމް އަނބުރައިގަނެގެން ވެއްޓުނު ދުވަހެކެވެ. ސުހާ އާއި އިތުރު ދެ ކުއްޖަކުވެގެން އިރަމް ހަސްފަތާލަށް ގެންދިޔައެވެ. ޓެސްޓްތައް ހެދުމަށްފަހު ޑަކުޓަރު ދިނީ، އުފާވެރި ޚަބަރެކެވެ. އިރަމް ބަލިވެއިނީއެވެ. ބަނޑަށް ދެ މަސް ވެފައިވާ ކަމުގައި ޑަކުޓަރު ބުނުމުން އިރަމް އިނީ އުފާވާންވެސް ނޭނގިފައެވެ. އިތުރަށް ހަދަން ޖެހުނު އިރަމްގެ ރިޕޯޓުތައް ހިފައިގެން ސުހާ އައިއިރު، އިރަމް އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.

"ފިރިމީހާގެ ނަންބަރު ކިޔާބަލަ..." ސުހާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ކިހިނެއްވީ؟..." ބަންޑުންވާހެން ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު، ހަމަޖެހިލުމަށް މަސައްކަތް ކުރަމުން އިރަމް ސުވާލު ކުރިއެވެ.

"ތިވަރު ކަމެއް ވެގެން އުޅޭއިރު އޭނަ ނާންނަނީ ކީއްވެތޯ ސުވާލު ކުރަންވެގެން..." ސުހާ އޭނާ ކުރިންވެސް ވާހަކަ ދެއްކި ރާގުގައި ބުންޏެވެ.

"އޭނަ ނެތޭ މާލެއަކު..." އިރަމް ހިނިތުންވެލިއެވެ.

"އެހެންވިއްޔާ އޭނައަށް ގުޅާ..." ސުހާ އަމުރު ކުރިއެވެ.

"ސުހާ ހަމަޖެހިބަލަ..." އިރަމް އެދުނެވެ.

"ހަމަޖެހޭނީ ކިހިނެއް؟... އަނބިމީހާ ބަލިވީމަ އަޅާލުމާ ހާލުބެލުމަކީ ފިރިމީހާ ކުރަންޖެހޭ ކަމެކޭ... އޭނަ އިރޫއަށް ލަނޑުދީފަ ދިޔަސް، އިރޫ އަހަރެން ކައިރީ ނުބުނާނެކަން އެނގޭ... އެރޭންޖް މެރިއޭޖްގަ މީހުން ހާދަ ލަނޑު..." ސުހާއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިރަމް އެ ވާހަކަ ހުއްޓުވިއެވެ.

"މިތާ އިށީނދެބަލަ..." ގޮނޑިއަށް އިޝާރާތްކުރަމުން އިރަމް ބުނެލިއެވެ.

********

ދުވެލާފައި ކަހަލަ ގޮތަކަށް ވޯޑުގެ ތެރެއަށް ވަން ޝާލިންއަށް ގޮނޑީގައި އިން ސުހާ ނުފެންނަ ކަހަލައެވެ. އޭނާ ގޮސް އިރަމް ބާއްވާފައި އޮތް އެނދު ކައިރީގައި ހުއްޓުނެވެ. އިރަމް ތެދުވުމުން، ނުހަނު ލޯބިން ބައްދައިލިއެވެ.

"ކުޑަ މަންމައަކަށް ވަނީއޭ އިރޫ މިހާރު..." އިރަމްގެ ބޮލުގައި ފިރުމައިލަމުން ޝާލިން ބުންޏެވެ. "އައިޒަކްވެސް ބައްޕައަކަށް ވަނީއޭ... ހީވެސް ނުވޭ... އޭނައަށް ގުޅައިފިންތަ މިހާރު؟..."

އިރަމްއަށް ބަލައިލެވުނީ ސުހާގެ މޫނަށެވެ. ސުހާ އިނީ ވާނުވާ ނޭނގިފައެވެ. ޝައްކުތަކެއް ވެފައިވާކަން އެ މޫނުން އެނގުމުން، އިރަމްއަށް ޖެހުނީ އެއްވެސް މީހެއްގެ ކައިރީގައި ނުބުނުމަށް ޝަރުތުކޮށް، ސުހާއަށް ހަގީގަތް ކިޔައިދޭށެވެ.

********

މާކިން އާއި ވިޝްކާ ތިބީ ހަސްފަތާލުގެ ބޭރުގައެވެ. އިރަމް ހަސްފަތާލުގައި ބޭއްވިކަމާއި، ބަލިވެއިންކަން މާކިންއަށް އެނގުނީ އޮފީސްތެރޭގައި އެ ވާހަކަ ދެއްކި އަޑު އިވުމުންނެވެ. އެއީ ވިޝްކާވެސް އޮފީހުގައި ހުރި ވަގުތެއް ކަމުން، މާކިން އާއިއެކު އިރަމްގެ ކައިރިއަށް ދިޔުމަށް ވިޝްކާވެސް ބޭނުންވީއެވެ. އެކަމަކު އެންމެފަހު ވަގުތު ވިޝްކާގެ ޚިޔާލު ބަދަލުވެގެން އެތެރެއަށް ނުވަންނަން ނިންމިއެވެ. މާކިން ގޮސް އެތެރެއަށް ވަނުމުން، ދެ ފިކުރެއްގައި ހުރެފައި ވިޝްކާވެސް ގޮސް މާކިން އާއި އަރައި ހަމަކުރިއެވެ. މާކިންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"އަހަރެން މިދަނީ އޭނައަށް މާފުކުރީމައެއް ނޫން އިނގޭ..." ވިޝްކާ ނޫންކަމަށް ހަދައިލިއެވެ. "ޒެކްގެ ބޭބީއެއްވީމަ މިދަނީވެސް... ޒެކް ރަށުގަ ނެތީމަ އޭނަގެ ފަރާތުން މީހަކު ހުންނަން ޖެހޭނެތީ..."

މާކިން އެއްޗެއް ނުބުނެ އެތެރެއިން ހީލަހީލާ ހުއްޓެވެ. ވިޝްކާއަކީ އޭނާ ހީކުރި ކަހަލަ ކުއްޖަކަށް ނުވިއެވެ. ބޭރުން ރުޅިވެރިކަން ދައްކައިގެން ހުއްޓަސް، ވިޝްކާއަކީ، މީހުންނާއި ދޭތެރޭގައި ވިސްނާ ކުއްޖެކެވެ. ބޭނުންވާ އެއްޗެއް ނުލިބުމުން ކޮންމެ އިންސާނެއްގެ ހިތަށްވެސް ތަފާތު ގޮތްތަކެއް ވާނެއެވެ. އުމުރުގެ ހަގުކަމާއިއެކު، ކުރިން ވިޝްކާއަށް ނުވިސްނުނީ ކަމުގައި މާކިން ނިންމިއެވެ.

ވިޝްކާ އާއި މާކިން އެތެރެއަށް ވަންއިރު އިރަމްއަށް އޮތީ ނިދިފައެވެ. އިރަމްގެ ކައިރީގައި އިށނދެލައިގެން އިނީ ރިޝްވާނާއި އޭނާގެ ލޯބިވެރިޔާއެވެ. ރިޝްވާން ފެނުމުން، މާކިން ގޮސް ސަލާންކޮށްލިއެވެ.

"ދެންމެ އެ ނިދުނީ..." ރިޝްވާން ބުންޏެވެ.

"ހާދަ ދެރަކޮންނޭ މިދިމާވީ..." މާކިން އޭނާގެ ބޮލުގައި އަތް ހިންގައިލިއެވެ.

"އާދޭ އިށީންނަން..." ރިޝްވާން އެދުނެވެ. "ބިޓުތަ މިހުރީ؟..."

ވިޝްކާއަށް އިޝާރާތްކޮށްލަމުން ރިޝްވާން އަހައިލީ މާކިންގެ ކައިރީގައެވެ. މާކިން ހިނިގަނޑެއް ޖަހައިލިއިރު، ވިޝްކާ ކަންބޮޑުވެގެން މާކިންއަށް ބަލަން ފެށިއެވެ.

"އަހަރެންގެ ވާހަކަ ބާއްވާފަ ތިމީހުންގެ ވާހަކަ ކިޔާބަލަ... ކޮން އިރަކުންތަ ގޮށްޖަހާލަނީ؟... ސައިކޮޅެއް އެއްޗެއް ދޭންޖެހިދާނެތީ ތި ތިބެނީވިއްޔަ..." ރިޝްވާންގެ ލޯބިވެރިޔާއަށް އިޝާރާތްކޮށްލަމުން މާކިން ސުވާލު ކުރިއެވެ.

"ޑިސެމްބަރުގަ ނިންމާނަން މިފަހަރު... ދައުވަތު ދޭނަމޭ..." ރިޝްވާން ލުއި ހިނިގަނޑެއް ޖަހައިލިއެވެ. "ސައި އޮންނާނެ ޔަގީނުންވެސް..."

ރިޝްވާންގެ ލޯބިވެރިޔާ ތެދުވެ، ވިޝްކާ އިށީނުމަށް ގޮނޑި ދިނެވެ. މާކިން އާއި ރިޝްވާން ކޮފީއަކަށް ދިޔުމުން، ރިޝްވާންގެ ލޯބިވެރިޔާ ނީނާ އާއި ވިޝްކާ އެކަނިވިއެވެ. ދެމީހުން އެކި ވާހަކަ ދައްކަމުން ގޮސް ނީނާ ފެށީ މާކިންގެ ވާހަކައެވެ.

"މާކިން އަކީ ވަރަށް ރަނގަޅު ކުއްޖެއް... އޭނަ ދޫކޮށްނުލައްޗޭ..." ނީނާ ބުނެލިއެވެ.

"އަހަރެމެން އުޅެނީ ރައްޓެހިވެގެނެއް ނޫން..." ވިޝްކާ ބުންޏެވެ.

"މާކިން މަންމައާ ބައްޕައަކީ ވަރަށް ހަމަނުޖެހޭ ދިރިއުޅުމެއް އުޅެމުން އައި ދެމީހުން... ޒުވާބު ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެ... މާކިން ވަރަށް އެކަނިވެރިކޮށް، ނިކަމެތިކޮށް އުޅުނީ... އެ ދެ މީހުން ވަރިވި ހިސާބުން އެކަކުވެސް މާކިން ބޭނުމެއް ނުވި.... އަނެއްހެން ބުނަންޏާ، އެމީހުން މާކިން އެއްލާލީ... މީހުން ވަރަށް ބުލީވެސް ކުރާނެ މާކިންއަށް އެހެން ކިޔާފަ... އަހަރެންގެ މަންމަ މާކިން މާލެގެނެސް، އައިޒަކްގެ މަންމައާ ހަވާލުކުރީ... އައިޒަކްގެ މަންމައަކީ ވަރަށް ރަނގަޅު މީހެއް..." ނީނާ ތަފްސީލް ދިނެވެ.

"އަހަރެމެން އުޅެނީ ރައްޓެހިވެގެނެއް ނޫން..." ވިޝްކާ ތަކުރާރުކޮށް ބުނެލިއެވެ.

"ދެން ކޮން ގުޅުމެއް އޮތީ؟... ރައްޓެހިންތަ؟... ނޫނީ އާއިލާތަ؟..." މަޖާ ރާގަކަށް ނީނާ ސުވާލުކުރިއެވެ.

އެ ސުވާލުގެ ޖަވާބު ވިޝްކާއަށް ނުދެވޭނެކަން ނީނާއަށް އެނގޭ ކަހަލައެވެ. ކަން ވީވެސް އެހެންނެވެ. މާކިން އާއި ދެމީހުންގެ މެދުގައި އޮތީ ކޮންކަހަލަ ގުޅުމެއް ކަމެއް ހުދު ވިޝްކާއަކަށް ވެސް ނޭނގުނެވެ.

"އަވަހަށް އެކަން ކުރަން އުޅޭ... އެހެންނޫނީ ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެ..." ނީނާ ހީގަތެވެ. "އަސްލު އިނގޭ.. ޕްލޭބޯއީއެއް ހެން އުޅުނަސް، މާކިންއަކީ ގޯސް މީހެއް ނޫން.... ވިޝްކާއަށް މާކިންގެ އެކަން ރަނގަޅު ކުރެވޭނެ..."

ވިޝްކާގެ ހިތުގައި ނޭނގޭ ވިންދެއް ޖަހައިލިއެވެ. އެއީ މާކިން އާއި މެދު ހިތުގައި ހަމްދަރުދީ އުފެދުމުން ވީ ކަމެއް ހެއްޔެވެ؟ ނޫނީ، އެއީ ހަގީގަތުގައިވެސް ލޯބީގެ ވިންދެއް ހެއްޔެވެ؟

********

އިރަމްއަށް ހޭލެވުނީ ބޮލުގައި ރިއްސައިގަނެގެންނެވެ. ތެދުވިގޮތަށް އޭނާ ހޯދައިލީ ފެންފުޅިއެވެ. ވިޝްކާ ފެންފުޅި ނަގައި ދިއްކޮށްލުމުން، އިރަމް އެއް ނޭވާއިން އެ ފުޅި ބޮއެ ހުސްކޮށްލިއެވެ. އިރަމްއަށް ވިޝްކާ ފެނުނީ އޭގެ ފަހުންނެވެ.

"ވިޝްކާ؟..." ޔަގީންނުވެފައި އިން ކަހަލަ ގޮތަކަށް އިރަމް ގޮވައިލިއެވެ.

"އަހަރެން މިއައީ ޒެކްގެ އާއިލާގެ ފަރާތުން..." ވިޝްކާ އެހެން ދިމާއެއް ބަލަހައްޓައިގެން އިނދެ، ވާހަކަ ދެއްކިއެވެ.

"ތޭންކް ޔޫ..." އިރަމް ތަންކޮޅެއް އުނދަގުލުން ބުނެލިއެވެ.

ބޮލުގައި ގަދަޔަށް ރިއްސާތީ، އިރަމްއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ވިޝްކާއަށް އެކަން ފާހަގަވެގެން އިރަމްގެ ބޯ މޮޑެދޭން ފެށިއެވެ.

"އަހަރެން އުޅެފިއްޔާ، މިހާރުވެސް ޒެކް އަހަރެންގެ މީހަކަށް ހެދޭނެ... އެކަމަކު، އަހަރެން ނޫޅެން ދެން އެކަން ކުރާކަށް... އެކަމާ ނުވިސްނާތި..." ވިޝްކާ ހީކުރީ އިރަމްގެ ބޮލުގައި ރިއްސަނީ އޭނާގެ ސަބަބުން ކަމަށެވެ.

އިރަމް ވިޝްކާގެ އަތްމަތީގައި އަތް ބާއްވައިލިއެވެ. ދުރުދުރުން ސާފުނުވާގޮތަށް ވާހަކަ ދައްކަން އުޅުނު ނަމަވެސް، ވިޝްކާ އޭނާގެ ހިތުން އިރަމްގެ ކިބައިން މަޢާފަށް އެދެނީކަން އޭނާއަށް އެނގުނެވެ.

"އިޓްސް އޯކޭ..... އަހަރެންގެ ހިތް ވިޝްކާއަށް ސާފު... ޒެކްގެ ކޮއްކޮވީމަ، ތީ އަހަރެންގެވެސް ކޮއްކޮ..." އިރަމް ހިނިތުންވެލިއެވެ.

އިރަމް ކުޑަކޮށް ހަމަޖެހިލުމުން، އައިޒަކްގެ މާޒީގެ ވާހަކަތައް ވިޝްކާ އިރަމްއަށް ކިޔައިދޭން ފެށިއެވެ. އައިޒަކްގެ މަންމައަށް ދިމާވި ގޮތާއި، އެއިން ކަމެއް އައިޒަކަށް ނާންގާ ސިއްރުކުރި ވާހަކައެވެ. އަދި އޭނާގެ ބޮޑުބޭބެގެ ނުބައި ރޭވުމުގެ ވާހަކައެވެ. އިދާން ކަންތައް ކުރި ގޮތާއި، ރާއްޖެއިން ބޭރުގައި އުޅެފައި މުހައިމިނު އެނބުރި އައިސް އުޅޭ ވާހަކަވެސް ބުނެދިނެވެ. ނިއުޅެމުންދިޔަ ހަގީގަތްތަކެއްގެ ސަބަބުން، އިރަމް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"އަހަރެން ޒެކް މި ދޫކޮށްލަނީ ޝަރުތެއްގެ މަތިން..." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ވިޝްކާ ބުންޏެވެ.

"އަވަހަށް ބުނޭ..." ކޮއްކޮއަކާއި ވާހަކަ ދައްކާނޭހައި ގާތްކޮށް އިރަމް ބުނެލިއެވެ.

"ޒެކް ދެރަވާގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ..." ވިޝްކާ ކޮށްލީ އަމުރެކެވެ. "އަހަރެން މަންމަމެން ޒެކް ބެލީ ބޮޑުބޭބެ ހެދިގޮތުން ދެރަވެގެން... އެކަމަކު، އެމީހުން ޒެކްދެކެ ނުލާހިކު ލޯބިވޭ... ހަމަ އަމިއްލަ ދަރިއެއްހެން ހުރިހާ ކަމެއްވެސް ކޮށްދެނީ... އެމީހުންވެސް ބޭނުމެއް ނުވާނެ ޒެކްއަށް ދެރަގޮތެއް ވާކަށް..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު