ގއ. ކޮލަމާފުށި ބަނދަރު ހެދުމުގެ މަޝްރޫއާމެދު ހިތްހަމަ ނުޖެހި، ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހަޅަން އެރަށު ރައްޔިތުން ތައްޔާރުވެއްޖެއެވެ.
އެކަމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ވަހީދު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރަށުގެ ބޭރުތޮށީގައި ބޮޑު ހިލަ ޖެހުމުގެ ބަދަލުގައި ބަނދަރުގެ ބޭރުތޮށި ޝީޓްފައިލް ކުރުމަށް ކަމަށެވެ. އަދި އެކަމަށް އެދި ރައީސަށާއި ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެކަން އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންގޮސްދޭނެކަމަށް. އެހެންނަމަވެސް މިނިސްޓަރީން އަދި މިހާތަނަށް އައި އިރު އަދި ރަނގަޅު ޖަވާބެއް ނުލިބޭތީވެ ވާނީ މިނިސްޓަރާ ވެސް ބައްދަލުކޮށް މިވާހަކަ ދެކެވިފަ،" އޭނާ ވިދާޅުވިއެވެ.
އެ މަޝްރޫއަށް ބަދަލުގެންނަށް ރައްޔިތުންނަށް ފެންނަނީ ކޮލަމާފުއްޓަކީ ހުވަދު އަތޮޅުގެ މޫނުމަތީގައި އޮންނަ ރަށަކަށްވެފައި މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް އެރަށަށް ވަދެ ނުކުމެ ހަދާތީއެވެ.
މީގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބަނދަރުގެ ބޭރުގައި ޖަހާފައިވާ ބޮޑު ހިލައިގައި "އިންޑިއާ އައުޓް" ޖަހާފައިވާކަން ވެސް ފާހަގަކުރެވެއެވެ. އެކަމާ ގުޅިގެން ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ ބަނދަރު ހެދުމުގެ މަޝްރޫއާމެދު ހިތްހަމަ ނުޖެހިގެން ކޮށްފައިވާ ކަމެއްނޫންކަމަށެވެ.

ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބަނދަރުގެ ބޭރުގައި ޖަހާފައިވާ ބޮޑު ހިލަތަކުގައި "އިންޑިއާ އައުޓް" ޖަހާފައި
"އިންޑިއާ އައުޓް މީކީ މިކަމާ ގުޅުންހުރި ކަމެއްނޫން. އެ މަސައްކަތް ކުރާ ބަޔަކު އެބަ އެ މަސައްކަތް ކުރޭ. އެކަމަކު އެއީކީ މިކަމާ ގުޅުންހުރި ކަމެއްނޫން،" އޭނާ ވިދާޅުވިއެވެ.