ހދ. ނައިވާދޫއާއި ކައިރި ސަރަހައްދެއްގައި ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޝާލިޙާ އެރަށު ކައުންސިލަރުން މަޝްވަރާކުރައްވައިފި އެވެ.
މިކަމާ ބެހޭގޮތުން ރައީސްއާ މަޝްވަރާ ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނައިވާދޫ ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސްއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. ނައިވާދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީ ކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން އެ ރަށާ ކައިރި ސަރަހައްދެއްގައި ޓޫރިޒަމް ފުޅާކުރުމާއި ނަރުދަމާ ނިޒާމުގެ މަޝްރޫއާ ގުޅޭގޮތުން ވެސް ރައީސްއާ މަޝްވަރާކުރެއްވިއެވެ.
ރައީސްއާއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން އިތުރަށް ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ސުކޫލާއި ކައުންސިލު އިދާރާ އަދި ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ގުޅޭގޮތުންނާއި ސިއްޙީ ޚިދުމަތް ފުޅާކޮށް އިތުރަށް ތަރައްޤީކުރުން ހިމެނެއެވެ. އަދި ކައުންސިލު އިދާރާއާއި ސިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުން ބޭނުންވާކަމާއި ޒުވާނުންނަށް ވޮލީ ކޯޓެއްގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. ނައިވާދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ނޫންވެސް ރަށުގެ އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް މުހިންމު ކަންކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާކުރައްވައި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.