ޖަރުމަނުގެ ބުންޑަސްލީގާގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އެއާއެކު އެ ޓީމުން މި ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކޮށްފައެވެ.
މިރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ވަނީ ލަނޑު ޖަހައި ބަޔާނަށް ލީޑު ނަގައިދީފައެވެ. ބަޔާންގެ ދެ ވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ތޯމަސް މުލާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށް ދިނީ ރޮބާޓޯ ލެވަންޑޮސްކީއެވެ.
ދެ ވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އެމްރޭ ޗާންއެވެ. ބަޔާންގެ ފަހު ލަނޑު އެ ޓީމު ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. މެޗުގެ 83 ވަނަ މިނެޓުގައި މި ލަނޑު ޖަހާފައިވަނީ ޖަމާލް މުސިއާލާއެވެ.
މެޗުން މޮޅުވެ ލީގުގައި ބާކީ ތިން މެޗު އޮއްވާ ބަޔާނުން ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 31 މެޗުން އެ ޓީމަށް ލިބޭ 75 ޕޮއިންޓާއެކުއެވެ. ދެ ވަނަ މަގާމުގައި އޮތް ޑޯޓްމަންޑަށް 31 މެޗުން ލިބެނީ 63 ޕޮއިންޓެވެ.
މިއީ ބަޔާނުން ލީގުގެ ޗްމްޕިއަންކަން ހޯދި 31 ވަނަ ފަހަރެވެ. އަދި ބަޔާން ވެފައިވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މީގެ ކުރިން ޖެހިޖެހިގެން އެންމެ ގިނައިން ލީގު ކާމިޔާބުކޮށްފައި އޮތީ ޔުވެންޓަސްއެވެ. އެއީ ޖެހިޖެހިގެން ނުވަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކޮށްގެންނެވެ.
މިއީ ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމުން ލީގު ހޯދި ފުރަތަމަ ފަހަރެވެ.