ކަލާގެ ލޯބިން... 39

އައިޒަކް ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާގެ ހިތުގެ ނިންމުން އިރަމްގެ ކުރިމަތީގައި ހާމަކުރުން ފަސޭހައެއް ނުވިއެވެ. އެއީ އިރަމްއަށްވެސް އަދި އޭނާއަށްވެސް އެންމެ އުފާވެރިގޮތް ކަމުގައި ނުވާނެކަން ކަށަވަރުވާތީއެވެ.

*******

"އެއްވެސް ކަމެއް އަހަރެން އުއްމީދުކުރި ގޮތަކަށް ނުދޭ..." އައިޒަކް ވާހަކަ ފެށީ ދުރުދުރުންނެވެ. "އަހަރެން އިރަމްދެކެ ލޯބިވާވަރު އިރަމްއަށް އިހުސާސްކުރެވޭތަ؟..."

އިރަމް ބޯ ޖަހައިލީ ބިރުން ހުރެއެވެ. އޭރު ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގެންފިއެވެ. ހިތުގައި އުފެދުނު ބިރުވެރި ސުވާލުތަކާއިއެކު، އިރަމްއަށް ހިންދިރުވައިލުންވެސް ވީ އުނދަގޫ ކަމަކަށެވެ. އެފަދަ ދަނޑިވަޅެއްގައި އައިޒަކް އެކަހަލަ ސުވާލެއް ކުރީ ކީއްވެ ހެއްޔެވެ؟ އުއްމީދުކުރާ ގޮތަށް އެއްވެސް ކަމެއް ނުވެއޭ ބުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އައިޒަކް އޭނާ ދޫކޮށްލާފައި ދާން އުޅެނީ ހެއްޔެވެ؟ ނޫނީ އޭނާއަށް އައިޒަކް ބޭނުންވިފަދަ އަނތްބަކަށް ނުވެވުނީ ހެއްޔެވެ؟ ކޮންމެ ގޮތަކުން ވިޔަސް، އޭނާ އައިޒަކަށް އެއްބާރުލުން ދޭނެއެވެ. ހިތް ފޮތިފޮތިވި ނަމަވެސް، އައިޒަކްގެ އުފާތަކަށް އިސްކަން ދޭން އިރަމް ހުރީ ތައްޔާރަށެވެ.

"އިރަމްއެކޭ އެއްގޮތަށް ޒިވިއަންއަކީވެސް އަހަރެންގެ ދިރިއުޅުމުގެ ބައެއް.... މިވަގުތު ޒިވިއަންއަށް އަހަރެންގެ އެހީތެރިކަން ބޭނުންވާނެގޮތް އިރަމް ވިސްނާލީމަ އެނގޭނެ ކަންނޭނގެ..." އައިޒަކް ހުރީ އަސަރުން ފުރިގެންވީ ނަޒަރަކުން އިރަމްގެ މޫނަށް ބަލާށެވެ.

އައިޒަކް ބުނަން އުޅޭ އެއްޗެއް ސާފުވާގޮތް ނުވި ނަމަވެސް، އިރަމް ބޯ ޖަހައިލިއެވެ.

"ސޮރީ..." އައިޒަކް ދެރަވިއެވެ.

އިރަމްގެ ދެލޮލުން ކަރުނަ އޮހޮރެމުންދިޔަ މަންޒަރު ބަލަން އައިޒަކަށް ފަސޭހައެއް ނުވިއެވެ. އޭނާ ބޮޑުވައި އިނގިލިން އެ ކަރުނަތައް ފޮހެމުން ދިޔައެވެ.

"އިރަމްއަށް ދެރަގޮތެއް ހަދާކަށް އަހަރެން ބޭނުމެއް ނޫން... އިރަމް ދޫކޮށްފަ ދާކަށްވެސް ބޭނުމެއް ނޫން... އެކަމަކު، އަހަންނާއެކީ އިރަމް ގެންދެވޭކަށް ނެތް... އަހަރެންގެ ކުރިމަތީގަ އިރަމް ހުރިއްޔާ، ފަހަރެއްގަ އަހަރެން ކުރަން މިއުޅޭ ކަންތައް ކުރަން ހިތްވަރު ނުލިބިދާނެ..." އައިޒަކް އަސަރާއިއެކު ބުނެލިއެވެ.

އިރަމްއަށް ދެންވެސް އެއްޗެއް ނުބުނެވުނެވެ. އައިޒަކްގެ ވާހަކަތަކުން ހިތުގައި ބިރުވެރިކަން އުފެދުން ނޫންކަމެއް ނުވިއެވެ. އައިޒަކް ވާހަކަ ދައްކަމުން ދާގޮތުން ހީވަނީ އަބަދުގެ އަބަދަށް ވަކިވެގެން ދާންއުޅޭ ހެންނެވެ. ނޫނީ އަމިއްލަ ނަފުސު ގުރުބާންކޮށްފައި ޒިވިއަން ސަލާމަތްކުރަން އުޅޭހެންނެވެ.

"މިވަގުތު އަހަރެން އިރަމްގެ އެހީތެރިކަން ވަރަށް ބޭނުން... އިރަމްއަށް މިހުރިހާ ކަމެއް އަންޑަސްޓޭންޑް ވާނެތަ؟..." އައިޒަކް އަހައިލިއެވެ. "އަހަރެން ބޭނުން ކޮއްކޮއާ އެކީ ހުރިހާ ވަގުތެއް ހޭދަކުރަން... އަހަންނަށް ހަމަޖެހުމެއް ލިބޭނީ، ކޮއްކޮ އެކަމުން ސަލާމަތްކޮށްދެވިގެން... ދުނިޔޭގެ ކޮންމެ ހިސާބަކަށް ގޮސްގެންވެސް ކޮއްކޮ ސަލާމަތްކުރަން ކުރެވެން ހުރި ކަމެއް ކުރަން އަހަރެން ބޭނުން... މިކަމުގަ ހޭދަވާނީ ކިހާ ދުވަހެއްކަމެއް އަހަންނަށް ކުޑަކޮށްވެސް ނޭނގެ... އެހާ ދުވަސް ވަންދެން އިރަމް އަހަންނަށް އިންތިޒާރު ކުރާނަންތަ؟... އަހަރެންގެ މީހެއްގެ ގޮތުގަ ހުރެދޭނަންތަ؟..."

އިރަމް އައިޒަކްގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ.

"އަހަރެން އިންތިޒާރު ކުރާނަން... އެކަމަކު، ޒެކް އަހަރެން ދޫކޮށްލާފަ ގޮއްސިއްޔާ ދުވަހަކުވެސް މާފެއް ނުކުރާނަން..." އިރަމް ރޮމުން ބުނެލިއެވެ.

އެ ނުތަނަވަސް ވަގުތުގައިވެސް އިރަމްގެ މައުސޫމުކަން ފެނި އައިޒަކަށް ހިނިތުންވެލެވުނެވެ. އިރަމްގެ ގައިގައި އޭނާ ދެއަތް ވަށައިލީ، އެ ނާޒުކު އަންހެންކުއްޖާ އާއި ދުރަށް ދާން ބޭނުންނުވާ ފަދައިންނެވެ.

"އިރަމް ބޭނުމިއްޔާ ގެއަށް ދިޔަސް..." އައިޒަކަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިރަމް ބޯ ހޫރައިލިއެވެ.

"އަހަރެން ހުންނާނީ އަހަރެންގެ ގޭގަ... މީ އަހަރެންގެ ގެ..." އިރަމް ބުންޏެވެ.

"ވަރަށް ލޯބިވޭ..." އައިޒަކްގެ ހިތް ލޯބިން ފުރިގެން އައެވެ.

********

މާކިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މުހައިމިނަކީ ނުރައްކާތެރި މީހެކެވެ. އާއިލާއަށް އޮތް ބިރެކެވެ. އެއީ ކޮންމެފަދަ ކަމެއް ކުރަންވެސް ފަސްޖެހޭނެ މީހެއް ނޫނެވެ. އެކަން އޭނާ ވަނީ މާޒީގައި ކޮށްފައިވާ ކަންކަމުން ސާބިތުކޮށްދީފައެވެ. ވީއިރު، މިއަދު އޭނާ ފަސްޖެހޭނީ ވަކި ކޮން ކަމަކަށް ހެއްޔެވެ؟

ވިޝްކާ އައި ނައި ތަނެއްވެސް ނޭނގުނެވެ. ފެނުނީ މާކިން އާއި މުހައިމިނުގެ މެދުގައި ހުއްޓުނު ތަނެވެ.

"ހިނގާ މިތަނުން ދާން..." މާކިންގެ އަތުގައި ހިފަމުން ވިޝްކާ ބުންޏެވެ.

"ވިޝްކާ..." މުހައިމިނު ގޮވައިލިއެވެ.

"އަހަންނަށް ނުގޮވާތި..." ވިޝްކަ އަމުރުކުރިއެވެ.

މުހައިމިނާއި ދިމާއަށް އޭނާ ބަލައިލީ، ދެލޯ ހަނިކޮށްލަމުންނެވެ. ދެބުމަ ގޮށްޖެހިފައިވާއިރު، މޫނުމަތީގެ އަސަރުތައް ހުރިގޮތުން، އެ ނާޒުކު ދަނޑިވަޅުގައިވެސް، މާކިންގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ.

"މިފަހަރު ތިއައީ ކާކުގެ ކިޑްނީއެއް ވިއްކާލަން؟..." ވިޝްކާގެ ދަތްތަކަށް ބާރުވިއެވެ. "ޒެކްގެ؟... އަހަރެންގެ؟... ނޫނީ އަހަރެން ގޭ މީހެއްގެ؟..."

ވާހަކަ ދައްކަމުން ދިޔަވަރަކަށް ވިޝްކާގެ ރުޅި ގަދަވަމުން ދިޔައެވެ. ފުންމައިގެން ގޮސް މުހައިމިނުގެ ކަރުގައި ހިފަން އުޅޭ ކަހަލައެވެ. މުހައިމިނުވެސް ހުރީ ސިހިސިހިއެވެ.

"ހަނދާންކުރާތި!... އެއިން އެކަކާ ވައި އެޅިލިޔަސް..." ވިޝްކާއަށް ބުނެވުނީ އެހިސާބަށެވެ.

މާކިން އަވަހަށް ވިޝްކާ ގޮވައިގެން ދުރަށް ހިނގައިގަތެވެ. ގަދަކަމުން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ރެސްޓޯރެންޓުން ބޭރަށް ނެރުނެވެ. އޭރުވެސް ވިޝްކާ މަސައްކަތް ކުރަމުން ދިޔައީ މުހައިމިނަށް އިންޒާރު ދޭށެވެ. ވިޝްކާ ގޮވައިގެން ހިނގަމުން ގޮސް، މާކިން ހުއްޓުނީ، އަތިރިމައްޗާއި ހިސާބުންނެވެ. އޭނާ ވިޝްކާގެ އަތުން ދޫކޮށްލާފައި ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލިއެވެ. ދެމީހުންވެސް ތިބީ ވަރަށް ވަރުބަލި ވެފައެވެ. ރަސްފަންނުގެ ހިތްގައިމު މާހައުލު ފެނުމުންވެސް ވިޝްކާގެ ރުޅި ފިނިވާގޮތް ވިއެވެ. ރާޅުފަށުގައި ހުއްޓިފައި އޭނާ ބާރަށް ހަޅޭއްލަވައިގަތެވެ.

"ތީ ހަމަ ވިޝްކާތަ؟..." މާކިން ހީގަތެވެ.

ވިޝްކާ ތުން ފިއްތައިލިއެވެ. އެވަގުތުގައިވެސް އޭނާ ހިތަށް އައިހާ އެއްޗެއް މުހައިމިނަށް ނިސްބަތްކޮށް ކިޔައިލިއެވެ. އެއަށްފަހު، ރާޅުފަށުގައި އިށީނެވެ. އިރުކޮޅަކު ކޮޅަށް ހުރެފައި، މާކިންވެސް ވިޝްކާގެ ކައިރީގައި އިށީނދެލިއެވެ.

"އަހަރެން ދެރަވޭ އެއީ އަހަރެންގެ ބޭބެއަކަށް ވީތީވެސް..." ވިޝްކާގެ އަޑު މަޑެވެ.

"އެއީ މާޒީ... ދެން އެކަމާ ނުވިސްނާ..." ވިޝްކާގެ މޫނުން ނަޒަރު ވަކިކޮށް، މާކިން އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ.

"ހާދަ ނުބައި މީހަކަށްވީމައޭ، ޒެކްގެ މަންމައާ އިނދެގެން ހުރެ، މަންމައަށް ނޭނގި، މަންމަގެ ކިޑްނީ ވިއްކާލާނީ..." ވިޝްކާ ހިންދިރުވައިލިއެވެ. "ޒެކްގެ މަންމަ ހާދަ ވޭނެއްގަ އުޅެފައޭ ނިޔާވީ... އެވަރުންވެސް އެ މުހައިމިނުގަނޑު ކުޑަވެސް ރަހުމެއް ނުކުރިއެއްނު... ކުރިނަމަ، އެގޮތަށް ރަހުމެއްނެތި ދޫކޮށްލާފަ ނުދާނެ... ޒެކް އަދިވެސް ހީކުރަނީ މަންމަ މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށް... އަސްލު ސަބަބު އެނގޭ ދުވަހަކުން ޒެކްގެ ހިތް ފަޅައިގެންދާނެ... އަހަރެމެންނަށް މަޢާފެއްވެސް ނުކުރާނެ..."

"ވިޝްކާގެ އާއިލާގެ މީހަކު ކުރި ކަމަކުން، ވިޝްކާ ކުށްވެރިވާންވީ ކީއްވެ؟... އެހެންނޫނަސް، ޒެކްއަށް ގެއްލުނު އާއިލާއެއްގެ ލޯބި ވިޝްކާގެ އާއިލާގެ ފަރާތުން ދިނެއްނު..." މާކިން މަސައްކަތް ކުރީ ވިޝްކާގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭށެވެ.

"ކީއްވެތަ ޒެކްއަށް އެހެން ދިމާވަނީ؟... ކުރިން މަންމަ... މިހާރު ޒިވިއަން... ޒިވިއަންގެ ކިޑްނީ ފެއިލްވެގެން އުޅޭކަން އެނގުނީމަ ޒެކްއަށް ވާނީ ކިހިނެތް؟... އެ ދޮންބެގަނޑު އުޅެނީ، އެ މުހައިމިނާ ބައިވެގެން ޒެކްއަށް އެ ލިޔުންތައް ދައްކަން..." އެކުވެރިއަކާއި ވާހަކަތައް ހިއްސާކުރާނެ ފަދައިން ވިޝްކާ ދިޔައީ މާކިންއަށް ހުރިހާ ވާހަކައެއް ކިޔައިދެމުންނެވެ.

މާކިން ކަނުލައި އަޑުއަހަން އިނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެމީހުންގެ ގުޅުން ބަދަހިވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. މާކިން އާއި ވާހަކަތައް ހިއްސާކޮށްލެވުމުން ވިޝްކާގެ ހިތަށް ހަމަޖެހުން ލިބުނެވެ.

"ވިޝްކާއަށް އެނގޭތަ؟... ހުރިހާ ހަގީގަތެއް އެނގިހުރެ، މި ހުރިހާ ދުވަހު އަހަރެން މިހުރީ ޒެކްއަށް ހަގީގަތް ސިއްރުކޮށްގެން... ޒެކްގެ މަންމަ އަހަރެންލައްވާ ވައުދު ކުރުވީ އެއްވެސް ވާހަކައެއް ޒެކްއަށް ކިޔާނުދޭން.... ޑޮކްޓަރުގެ ރިޕޯޓް މިހާރުވެސް އަހަރެންގެ އަތުގަ އޮންނާނެ... މަޔެއްގެ ލޯތްބަކީ ހީވެސް ނުކުރާހާ މަތިވެރި ލޯތްބެއް..." މާޒީ ހަނދާންކޮށްލަމުން މާކިން ވާހަކަ ދެއްކިއެވެ.

މާކިންގެ ދެލޯ ފެންކަޅިވިއެވެ. ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާއަށް ނުލިބުނު މަންމައެއްގެ ލޯބި ދީފައިވަނީ އައިޒަކްގެ މަންމައެވެ. އައިޒަކާއި އޭނާ އާއި އެއްވެސް ތަފާތު ކުރުމެއްނެތި، ދެމީހުންނަށް ހަމަހަމަވާ ފަދައިން އެ މަންމަ ލޯބި ދިނެވެ. ވީއިރު، އެ ދުވަސްތަކުގެ ހަނދާންތައް އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ހެއްޔެވެ؟

"މާކިން..." އިރުކޮޅަކު ވިސްނަން އިނދެފައި ވިޝްކާ ގޮވައިލިއެވެ. "އަހަރެމެންނަށް މިކުރެވެނީ ކުށެއްތަ؟... މިބުނީ ޒެކްއަށް ހަގީގަތް ސިއްރުކުރުން އެއީ ކުށެއްހޭ؟..."

މާކިން ބޯޖަހައިލިއެވެ. ކިތަންމެ ދެރަވިޔަސް، ކޮންމެވެސް ދުވަހަކުން އައިޒަކަށް ހަގީގަތް އަންގަން ޖެހޭނެކަމަށް އޭނާ ގަބޫލުކުރެއެވެ. އެކަމަކު، އޭނާއަށް ނުލިބުނީ ހިތްވަރެވެ. އެ ހިތްވަރު ވިޝްކާ ކޮށްފާނެކަމަށް މާކިންއަށް ގަބޫލު ކުރެވުނެވެ.

"އޯކޭ... މާކިން ހާސްނުވޭ... އަހަރެން ޒެކްއަށް ހަގީގަތް ކިޔައިދޭނަން..." ވެލިގަނޑުގެ މަތީގައި ބާއްވާލާފައި އޮތް މާކިންގެ އަތް މަތީގައި އަތް ބާއްވައިލަމުން ވިޝްކާ ބުންޏެވެ.

މާކިން ވިޝްކާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އެއްވެސް ފިކުރެއްނެތި މާކިންގެ އަތްމަތީގައި އަތް ބާއްވާލައިގެން ވިޝްކާ އިނެވެ. ހިތަށް އެކި ގޮތްގޮތް ވަމުންދިޔައީ މާކިން އަށެވެ.

********

އައިޒަކްގެ އެއްވެސް އެދުމަކާއި ޒިވިއަން ދެކޮޅެއް ނުހަދައެވެ. ހަސްފަތާލަށް ގޮސް ފަރުވާ ހޯދަން ފެށިއެވެ. ޓެސްޓްތައް ހެދިއެވެ. އައިޒަކް ހީކުރިގޮތަށް ޑަކުޓަރު ލަފާދިނީ ވީ އެންމެ އަވަހަކަށް "ކިޑްނީ ޓްރާންސްޕްލާންޓް" ހެދުމަށެވެ. އައިޒަކް ހުރީ އޭނާގެ ކިޑްނީ ދިމާވާނަމަ، ޒިވިއަންއަށް ހަދިޔާކޮށްގެންވެސް ފުރާނަ ސަލާމަތްކުރަން ތައްޔާރަށެވެ. އެކަމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ދާން އައިޒަކް ނިންމިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު