ތާސްބައި ކަނޑާލައެވެ. ގަނޑެއް ނަގާ ދައްކާލައެވެ. އަތަށް ގެންނަ ކުޑަ ހަރަކާތަކުން އެ ގަނޑު، މުޅިން އެހެން ގަނޑަކަށް ބަދަލުކޮށްލަފާނެއެވެ. ނުވަތަ، އަލުން އެ ގަނޑު ބައިގެ ތެރެއަށް ލައި، ގެއްލުވާލަފާނެއެވެ. ދެން އެ ގަނޑު ފެންނާނީ ބަލަން ހުންނަ މީހާ ހީވެސް ނުކުރާ ފަދަ ތަނަކުންނެވެ.
މިއީ މަޝްހޫރު ޖާދޫގަރު ރާފިއު މުޙައްމަދު (ރާއްޕެ)ގެ އުކުޅުތަކުގެ ތެރެއިން މަދު މިންވަރެކެވެ. ތާސްބައެއް އަތުގައި އޮތިއްޔާ، ބަލަން ތިބި ބަޔަކު އާޝޯހު ކޮށްލުމަކީ ރާއްޕެއަށް މާ އުނދަގޫ ކަމެއް ނޫނެވެ. އެހެންނޫންނަމަ، ވާކޮޅެއް، ނުވަތަ އަތު ޖެހުނު ކޮންމެ އެއްޗެއް ވެސް އެކަމަށް ފުދެއެވެ.
ފަންނަށް ހިތް ޖެހުނީ ބޭބެ ހެދި ޖާދޫއަކުން
އުމުރުން 26 އަހަރުގެ މި ހުނަރުވެރިޔާގެ ޖާދުވީ ދަތުރު ފެށެނީ އޭނާގެ އުމުރުން އެންމެ ދިހަ އަހަރުގައި އޭނާގެ ބޭބެ ދައްކާލި ޖާދޫއަކުންނެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ ޏ.ފުވައްމުލަކުގައެވެ. ބޭބެ ދިރިއުޅެމުން ދިޔައީ އައްޑޫގައެވެ.
"ވަރަށް ގިނަ ދުވަހަށް ފަހު، ބޭބެއާ ދިމާވި ދުވަހު ބޭބެ މި ދައްކާލީ ޓްރިކެއް. އެހެންވީމަ، ވަރަށް ބޮޑަށް ހައިރާންވި. އެދުވަހުއްސުރެ ފެށިގެން ވަރަށް ޝައުގުވެރިވޭ ޖާދޫގެ ކަންކަމަށް" ރާއްޕެ ކިޔައިދިނެވެ.
އޭނާގެ އެ ޝައުގުވެރިކަމަށް އިތުރު ދިރުމެއް ގެނެސްދިނީ އޭރު ޓީވީން ފެންނަ ބައެއް ޕްރޮގުރާމްތަކެވެ. ޖާދޫގެ އުކުޅުތައް ދައްކާ ޕްރޮގުރާމްތަކާއި، ޖާދޫގެ ކަންކަން ފެންނަ ކާޓޫނުތައް ވެސް އޭނާ ގަވާއިދުން ބަލައެވެ.
"ޖާދޫގެ ކަމެއް އުޅެންޏާ ބަލާނަން ކާޓޫނެއް ވިޔަސް. ގްރޭޑް ނުވައެއް، ދިހަޔަކަށް ދިޔަ އިރު ވެސް ހަމަ ބަލަން. ދެން މެޖިކް ވީޑިއޯ އެއްޗެހި ވެސް ވަރަށް ކުޑައިރުއްސުރެ ބަލަން" އޭނާ ބުންޏެވެ.

ބޭބެގެ ޖާދޫގެ ސިއްރު އޭނައަށް ކިޔައިދިނީ އަހަރު ދުވަސް ފަހުންނެވެ. އެދުވަހުން ފެށިގެން އޭނާ ފަހަތަކަށް ނުބަލައެވެ. ޓީވީއާއި، ވީޑިއޯތަކުން ފެންނަ ޖާދޫގެ މަންޒަރުތަކާ މެދު އޭނާ ފިކުރު ކުރަން ފެށިއެވެ. އުކުޅަކަށް ފަހު އުކުޅެއްގެ ސިއްރުތައް ހޯދާ، ފަރިތަކުރަމުން ދިޔައެވެ.
އޭރު އޭނާގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުންނަނީ ހިސާބު އެކުލެވޭ ޖާދޫއަށެވެ. ކިޔެވުމުގައި ވެސް އޭނާ އެންމެ ގަޔާވާ މާއްދާ އަކީ އެއީ އެވެ.
"އެހެން ހުރިހާ މާއްދާއަކުން ސުމެއް ލިބުނު އިރު ވެސް ހިސާބުން ލިބުނު "އޭ". އެހެންވީމަ އޭރު އެންމެ ގިނައިން ހަދާނީ ވެސް ހިސާބުގެ ޓްރިކްތައް" ރާއްޕެ ކިޔައިދިނެވެ.
އިސާހިތަކު، ރާއްޕެގެ ޖާދޫގެ އުކުޅުތައް އޭނާގެ އެކުވެރިންނާއި އަވައްޓެރިންނަށް ދައްކަން ފަށައިފިއެވެ. އެމީހުންނަށް، އެ އުކުޅުތައް ވަރަށް ކަމުދިޔައެވެ. އަދި، އާ ކަންކަން ދަސްކުރުމަށް ހިތްވަރު ވެސް ދިނެވެ.
ނަމަވެސް، އޭރު އޭނާއަށް ތަސައްވުރު ވެސް ނުކުރެވޭ ކަމަކީ ގިނަ ބައެއްގެ ކުރިމަތީ އޭނާގެ ހުށަހެޅުންތައް ދައްކާލުމުގެ ފުރުސަތު ލިބި، ޖާދުގަރެއްގެ ގޮތުގަައި މަޝްހޫރުވުމެވެ.
ރިސޯޓުގައި ކޮށި މަގުން އިސްޓޭޖު މައްޗަށް
ސްކޫލް ދައުރު ނިންމުމަށް ފަހު، ރާއްޕެ މަސައްކަތުގެ މައިދާނަށް ނުކުތީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އޭނާ މަސައްކަތްކުރި "ސިިކްސް ސެންސަސް ލާމު" ރިސޯޓަށް ޒިޔާރާތްކުރާ ފަތުރުވެރިންނާ ވެސް އޭނާ ބައްދަލުކުރަނީ ތާސްބަޔަކާއި، ނޯޓު ފޮތަކާއި، ގަލަމަކާ އެކުއެވެ.
"އެ މީހުންނަށް ޖާދޫއެއް ހަދައިދިނީމަ ދޭނެ 10 ޑޮލަރު ނޫނީ 20 ޑޮލަރު. އެހިސާބުން މިކަން ކޮށްގެން ލާރި ލިބެން ފެށީ." ރާއްޕެ ކިޔައިދިނެވެ.
އޭނާގެ އެ ތަފާތު ހުނަރު ރިސޯޓުތެރޭ މަޝްހޫރު ވާކަށް މާކަ ގިނަ ދުވަހެއް ނުނެގިއެވެ. އޭނާއާ އެކު މަސައްކަތް ކުރަމުން ދިޔަ އެކުވެރިން އޭނާ އަށް "ޖާދޫ"ގެ ނަމުން މުހާތަބު ކުރަން ވެސް ފަށައިފިއެވެ. އެ ނަމުގައި ޖެއްސުމުގެ ރާގެއް ހުރި ނަމަވެސް ރާއްޕެއަށް އެކަން ވީ ލިބުނު ހިތްހަމަ ޖެހުމަކަށެވެ.

ރާއްޕެ ޖާދޫގެ އުކުޅެއް ދައްކާލަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން
ރާއްޕެގެ ހަޔާތުގައި އެންމެ ފުރަތަމަ ޝޯއެއްގައި ޖާދޫ ހުށަހެޅުމުގެ ފުރުސަތު ލިބުނީ ވެސް އެ ދުވަސްވަރުއެވެ.
"ލ.ހިތަދޫއަށް ކުރި ދަތުރެއްގައި އެރަށުގެ ކައުންސިލަރަކަށް ޖާދޫއެއް ދައްކާލީމަ ބުނެފި އީދު ޝޯއަށް އަރަން ވާނެޔޭ" ރާއްޕެ ކިޔައިދިނެވެ.
އެފަހަރުގެ އީދު ޝޯގައި އޭނާ ލ.ހިތަދޫ ރައްޔިތުން އަންތަރީސް ކޮށްލީ އޮރެންޖެއްގެ ތެރެއިން ހިތުލީ ކާޑު ނެރެގެންނެވެ.
އެއަށްފަހު، އޭނާ އަށް ލިބުނު އެފަދަ ފުރުސަތަކީ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަނުގެ އޮޑިޝަނެވެ. ޗިޕްސް ދަޅަކާއި ފޮތެއް ބޭނުންކޮށްގެން އައިޑަލްގެ ޖަޖުން ހައިރާންކޮށްލި މަންޒަރު ގިނަ ބަޔަކު ޓީވީން ބެލިއެވެ.
ގިނަ މީހުންނަށް އޭނާގެ ހުނަރު ފެންނަމުން ދިޔަ ވަރަކަށް، ގިނަ ފުރުސަތުތައް އޭނާއަށް ދިޔައީ ފަހިވަމުންނެވެ. އެކުވެރިންގެ ލަފަޔާއެކު، ފޭސްބުކުގައި ޕޭޖެއް ހެދުން ވެގެން ދިޔައީ އޭނާގެ މަގުބޫލުކަން ރާސްލާފައި އަރައިގެން ދިޔަ ކަމަކަށެވެ.
ނޫސްތަކުގެ ފަލަ ސުރުހީންނާއި، ޓީވީ ޕްރޮގުރާމްތަކުގެ މެހެމާނުގެ ގޮނޑިން އޭނާއަށް ޖާގަ ލިބެން ފެށީ އެހިސާބުންނެވެ. ޝޯތަކަށް އެރުމަށް އެދި އޭނާއަށް ގުޅާ މީހުން އެއާއެކު އިތުރުވިއެވެ. އެމީހުން ތިބެނީ އަގުދީގެން ވެސް ރާއްޕެ ގެންދަން ތައްޔާރަށެވެ.
"އެހާ ހިސާބުން މި އެނގުނީ މިއީ ވެސް އާމްދަނީއެއް ހޯދިދާނެ ކަމެއްކަން. މިހާރު ޕާޓް ޓައިމްކޮށް ރަނގަޅު އާމްދަނީއެއް ލިބޭ މިކަމުން" ރާއްޕެ ބުންޏެވެ.
"ގޮޓް ޓެލެންޓް"ގެ ތަޖުރިބާއިން އެފަދަ ޝޯއެއް އުފެއްދުމުގެ ޚިޔާލު
އަބަދުވެސް ރާއްޕެ އެންމެ ޝައުގާއެކު ބަލާ އެއް ޝޯއަކީ "އެމެރިކާސް ގޮޓް ޓެލެންޓް"އެވެ. އެ ޝޯގައި ޖާދޫ ހުށަހަޅާ ފަންނާނުންގެ ހުށަހެޅުންތަކުން އޭނާ އެތައް ކަމެއް ދަސްކުރިއެވެ.
އެހެންކަމުން، އެ ޝޯގައި އޭނާގެ ހުނަރު ދައްކާލުމަކީ ރާއްޕެ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ 2020 ވަނަ އަހަރު އެ ޝޯގެ އޮޑިޝަންގެ "ފިލްޓާ ރައުންޑު"ގައި ބައިވެރިވިއެވެ. އެއީ އަސްލު ޖަޖުންގެ ކުރިމަތީގައި އޮންނަ އޮޑިޝަނަށް ބައިވެރިން ނެގުމަށް ބާއްވާ ބުރެކެވެ.
އޮންލައިންކޮށް އޮތް އެ އޮޑިޝަންގެ ޖަޖުންގެ ކުރިމަތީ އޭނާ ތާސް ބައެއްގެ ހުރިހާ ގަނޑެއްގެ ކުލަ މުޅީން ބަދަލުކޮށްލިއެވެ. ޖަޖުންނަށް އޭނާގެ ހުށަހެޅުން ވަރަށް ކަމުދިޔައެވެ. އަދި، އެމެރިކާގައި އޮންނަ އޮޑިޝަނަށް ދިއުމުގެ ފުރުސަތު ވެސް ލިބުނެވެ.

ރާއްޕެ, އޭނާވަނީ "ގޮޓް ޓެލެންޓް"ގެ އޮޑިޝަނަށް ހޮވިފައި --- ސަންފޮޓޯ/ ނާއިލް ހުސައިން
"އެކަމަކު އޭރު އަތަކު ނެތް ލާރިއެއް. ކޮވިޑު ދުވަސްވަރު ވީމަ ވަރަށް ދަތީގައި އެންމެން ވެސް ތިބީ. އެހެންވެ އެމެރިކާއަށް ދެވޭ ގޮތެއް ނުވީ" ރާއްޕެ ކިޔައިދިނެވެ.
ސަރުކާރާއި، އަމިއްލަ ބައެއް މީހުންގެ ގާތުގައި ދަންނަވައިގެން ވެސް އެ ޝޯއަށް ދިއުމަށް ރާއްޕެ ބޭނުންވި އެހީތެރިކަން ލިބޭގޮތެއް ނުވިއެވެ.
"ގޮޓް ޓެލެންޓް" ޝޯގައި އޭނާގެ ހުނަރު ދައްކާލުމުގެ ހުވަފެން އޭނާ އަދިވެސް ދެކެއެވެ. ނަމަވެސް އޭނާގެ ވިސްނުން އެއަށް ވުރެ މާދުރަށް ވެސް މިހާރު ވަނީ ފޯރުވާފައެވެ.
"ބޭނުން ވަނީ ގޮޓް ޓެލެންޓް ކަހަލަ ޝޯއެއް ރާއްޖޭގައި އަމިއްލަ އަށް ޕްރޮޑިއުސްކުރަން" ރާއްޕެ ބުންޏެވެ.
އެ ޝޯގެ ކަންކަން އިންތިޒާމުކުރާނެ ގޮތުގެ ތަސައްވުރެއް އޭނާގެ ހިތުތެރޭގައި މިހާރު ވެސް ގެންގުޅެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޖާދޫ ހެދުމާއި، އެފަދަ އެހެނިހެން ހުނަރުތައް ރާއްޖޭގައި ކުރިއެރުވުމަށް ރާއްޖޭގައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ވެސް އެފަދަ ޝޯއެއް ތައާރަފު ކުރުމެވެ.
"މިސާލަކަށް ބީޓް ބޮކްސިން ކަހަލަ ހުނަރުތައް ހުރި ކުދިންނަށް ވެސް މިހާރު ނެތް އެއްވެސް ޕްލެޓްފޯމެއް. އެކުދިންނަށް ވެސް އެކަހަލަ ޝޯއަކުން ވަރަށް ފައިދާ ވާނެ" ރާއްޕެ ކިޔައިދިނެވެ.
"އެންމެ މުހިއްމު ކަމަކީ ސިއްރު ބޭޒާރު ނުކުރުން"
ޖާދޫ ހެދުމަށް ޝައުގުވެރިވާ ޒުވާން ހުނަރުވެރިންނަށް ރާއްޕެ ހަނދާންކޮށްދޭން ބޭނުންވަނީ ސިއްރު ހިފެހެއްޓުމުގެ މުހިއްމު ކަމެވެ.
"މި ޓްރިކް ތަކަކީ ހަމަ ލޯ މައްޗަށް ދައްކާލާ އިލޫޝަން އެއް. ރުހާނީ ކަމެއް ނޫން މިއީ. އެހެންވީމާ އެ ސިއްރު ހިފެހެއްޓޭ ވަރުގެ މީހަކަށޭ މިކަން ވާނީ" އޭނާ ކިޔައިދިނެވެ.
އެ އިތުބާރު ދޭ މީހަކަށް ޖާދޫ ދަސްކޮށްދޭން ވެސް ރާއްޕެ ހުރީ ތައްޔާރަށެވެ. ނަމަވެސް، މިއީ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ދަސްވާ ކަމެއް ކަން އޭނާ ފާހަގަކުރެއެވެ.

ރާއްޕެ, އާ ކުދިންނަށް ދަސްކޮށްދޭން ވެސް ތައްޔާރު --- ސަންފޮޓޯ/ ނާއިލް ހުސައިން
މިހާރު ހުރި ހިސާބަށް ޚުދު އޭނާ ވެސް ދަތުރުކުރީ އެތައް ދުވަހެއްގެ މަސައްކަތާއި، ތަމްރީނަށް ފަހުއެވެ. ފާޑު ކިޔުންތަކަށް ނުބަލައި ކުރިއަށް ހިނގައިގެންނެވެ.
ދެކެމުން އައި ހުވަފެންތަކުގައި ރާއްޕެ ކުލަޖައްސަމުން އަންނަނީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. ލަނޑުދަނޑިއަކަށް ފަހު ލަނޑުދަނޑިއެއް ހާސިލުކުރަމުން އަންނަ އިރު، އޭނާގެ ދަތުރު ވެސް ޖާދުލެއް ފަދައެވެ. އޭނާ ކުރިމަގަށް ދެކޭ ތަސައްވުރު އަދި އެއަށްވުރެ ޖާދުވީ އެވެ.