ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާއެކު ގައުމީ ޓީމު ފަރިތަކުރަނީ

ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާއެކު ގައުމީ ޓީމުން ކުރިއަށް ގެންދާ ފަރިތަކުތުން ތަކުގެ ތެރެއިން -- ފޮޓޯ / ޓީޓީ އެސޯސިއޭޝަން

ކްރޮއޭޝިއާގެ ޓޭބަލް ޓެނިސް (ޓީޓީ) ދެ ކުޅުންތެރިންނާއެކު ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ފަރިތަކުރަން ފަށައިފިއެވެ.

މި ފަރިތަކުރުންތަކަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ފަށާ ސައުތު އޭޝިއަން ކެޑޭޓް އެންޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ފަރިތަކުރުން ތަކެކެެވެ.

މިއީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެ އައި ކްރޮއޭޝިއާގެ ޓީޓީގެ ލެޖެންޑް ޒޯރަން ޕްރިމޮރެކާ މަޝްވަރާކުރުމަށް ފަހު، އޭނާގެ އެހީތެރިކަމާއެކު ހޯދި ފުރުސަތެއް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއެވެ.

ޤައުމީ ޓީމަށް ފަރިތަކޮށްދިނުމަށް ރާއްޖެ އައި ކްރޮއޭޝިއާގެ ދެ ޓީޓީ ކުޅުންތެރިން -- ފޮޓޯ / ޓީޓީ އެސޯސިއޭޝަން

މި ދެ ކުޅުންތެރިންނާއެކު ގައުމީ ޓީޓީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ދެ ހަފްތާގެ މުއްދަތަކަށެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު މި މުބާރާތް މާލެ ސޯޝަލް ސެންޓަރުގެ އިންޑޯގައި ފަށާއިރު، މިހާރު ވަނީ މި މުބާރާތުގެ ލޯގޯ ވެސް އިފްތިތާޙުކޮށްފައެވެ.

މިމުބާރާތް އެންމެ ފުރަތަމަ ރާއްޖޭގައި ބާއްވަން ނިންމީ 2021 ވަނަ އަހަރުއެވެ. އަދި 2022 ވަނަ އަހަރުގެ މުބާރާތް ލަންކާގައި ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑްގެ ޙާލަތާ ގުޅިގެން އެ އަހަރު ރާއްޖޭގައި މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، މިއަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ލަންކާއިން ވަނީ ފުރުސަތު ދީފައެވެ.

ލޯގޯ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަޚްލޫފް ވިދާޅުވެފައި ވަނީ ހުރިހާ ރައްޔިތުން ވެސް ތިބީ ކަރުން ހަންދާ ވަރަށް ރާއްޖޭގެ ޓީމަށް ސަޕޯޓުކުރަން ތައްޔާރަށް ކަމަށާއި، ކުޅުންތެރިންނަށް ލިބޭ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ގައުމީ ފުޓުބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕް ކުޅޭއިރު ދިވެހިންގެ ފަރާތުން ފެންނަ ޖޯޝާއި ފޯރި، މި މުބާރާތުގައި ވާދަކުރާ ޓީޓީ ގައުމީ ޓީމަށް ވެސް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް