ލ. އަތޮޅު ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި

ލ. އަތޮޅު ފަޅުރަށަކުން ފެނުނު ފުރޮޅާފައި ހުރި ވެލާތައް-- ފޮޓޯ/ އޮލިވް ރިޑްލީ ޕްރޮޖެކްޓް

ލ. ކުނަހަންދޫ ހުޅަންގުން އޮންނަ ފަޅުރަށެއްކަމަށްވާ އަތެހެދާގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލަމާތްކޮށްފިއެވެ.

ފުލުހުންނާ ގުޅިގެން އެ ވެލާތައް ސަލަމަތްކުރީ ސިކްސް ސެންސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖީ ޓީމް ކަމަށްވާ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓީވް (އެމްޔޫއައި) އާއި ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އިންނެވެ.

އޮލިވް ރިޑްލް ޕްރޮޖެކްޓުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަތެހެދައިގެ ގޮނޑު ދޮށުގައި ހުރި ރުއްތަކެއްގެ ދަށުގައި ފުރޮޅާފައިހުރި ފަސް ވެލާ ސަލާމަތް ކޮށްފައިވާކަމަށެވެ.

އެ ވެލާތައް ފެނިފައިވަނީ އެ ރަށަށް ޕިކްނިކް ދިޔަ ފަތުރުވެރިންތަކަކަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. އެ ފަތުރުވެރިންނާ ހަވާލާދީ އޮލިވް ރިޑްލް ޕްރޮޖެކްޓުން ބުނީ އެ ވެލާތައް ފެނުނު އިރު އެއްވެސް ހަރަކާތެއް ނުކުރާ ކަމަށެވެ.

ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަންގައި ރައްކާތެރިކަމާއެކު އެ ވެލާތައް ވަނީ އަނބުރާ މޫދަށް ދޫކޮށްލާފައެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ވެލާ ކަހަނބު ހިފުމާއި އެޔަށް އެއްވެސް ކަހަލަ ގޯނާއެއް ކުރުމަކީ މަނާކަމެކެވެ.

ވެލާ ކަހަނބަކަށް ގޯނާއެއް ކޮށްފިނަމަ ގެއްލުން ދިނީ އެކައްޗަށް ނަމަ 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯނާ ކުރީ އެކައްޗަށް ވުރެ ގިނަ ވެލާ ކަހަނބަށް ނަމަ އިތުރުވާ ކޮންމެ އެއްޗަކަށް 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް