އާމިންދައްތަ ހުށަހެޅި މައްސަލައެއް މިދަނީ ބަލަމުން: އެޗްއާރުސީއެމް

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަައްޑޫ ސިޓީގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 59 އަހަރުގެ އަންހެނަކު ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބުނެފިއެވެ.

ހިތަދޫގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، އެ ކުއްޖާ ކިޔަވަމުންދިޔަ ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ އާމިންދިޔެ (އާމިންދައްތަ)އެވެ.

އާމިންދައްތަ ހުށަހެޅި މައްސަލައެއް ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނި ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއްނުވެއެވެ.

އާމިންދައްތަ ހައްޔަރުކުރުމާ ދެކޮޅަށް އެޗްއާރުސީއެމްއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ހައްގުތައް ހޯދައިދިނުމަށް މުއައްސަސާތަކުން ކުރަމުންގެންދާ މަސައްކަތްތައް އެކޮމިޝަނުން ބަލަމުން ދާކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއާއި ފުލުހުން އަމަލުކުރަމުން ދާގޮތް ވަރަށް ގާތުން ބަލަމުންދާކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ވަނީ އާމިންދައްތައާއި އޭނާއަށް މާމަކިޔާ ތިން ކުދިންގެ ހާލަތު ބަލާފައިކަން އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ. އަދި އެ ތިން ކުދިންގެ ހާލަތު ޖެންޑާ މިނިސްޓްރީން ބަލަމުންދާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އާމިންދައްތަގެ އާއިލާގެ މީހުން ބުނާ ގޮތުގައި އެ ކުއްޖާއަށް ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ވަނީ ތަހުގީގަށް ކިޔައިދީފައެވެ. އެކަމާ ގުޅިގެން އާމިންދައްތަ ދޫކޮށްލުމަށް ގޮވާލައި ހިތަދޫގައި ވަނީ އެއްވުންތަކެއް ވެސް ބާއްވާފައެވެ.

އާމިންދައްތަ ހައްޔަރުކޮށް އޭނާއަށް ދެމުން ދަނީ ނުހައްގު އަނިޔާއެއްކަމަށް ބުނެ ޕެޓިޝަން ހުށަހެޅީ އައްޑޫ ސިޓީގެ ޒުވާނުންނެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު އާމިންދައްތަ ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އަމުރު އާމިންދައްތަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ތާއިދުކޮށްފައެވެ.

comment ކޮމެންޓް