ބީއެމްއެލްގެ އެހީގައި މާފުށީގައި ފޮތް ކިޔާތަނެއް ގާއިމުކޮށްފި

ބީއެމްއެލްގެ އެހީގައި މާފުށީގައި ގާއިމުކުރި ފޮތްކިޔާތަން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއް ގާއިމްކޮށްފިއެވެ.

'ފޮތް ގުންޒަރު'ގެ ނަމުގައި ފޮތްކިޔާތަން ހެދުމުގެ ޕްރޮޖެކްޓް ހިންގާފައިވަނީ މާފުށީގެ ނިއު ސްޓާ ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ.

މާފުށީ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ މި ފޮތް ގުންޒަރުގެ ބޭރުގައި ބެންޗު ބަހައްޓައި، އިންޑޯ ބައިގައި ބީން ބޭގް ވެސް ވަނީ ބަހައްޓާފައެވެ.

ބީއެމްއެލްގެ އެހީގައި މާފުށީގައި ގާއިމުކުރި ފޮތްކިޔާތަން -- ފޮޓޯ/ ބީއެމްއެލް

އެތަނުގައި އެކި އުމުރުފުރާތަކަށް ހާއްސަ ފޮތް ހުންނާނެއެވެ.

މިއީ މާފުށީގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށާއި މިތަނުގައި މަޑުކޮށްލާ ވަގުތަކީ ފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދިނެވެ.

ބީއެމްއެލްގެ އެހީގައި މާފުށީގައި ގާއިމުކުރި ފޮތްކިޔާތަން -- ފޮޓޯ/ ބީއެމްއެލް

މި ޕްރޮޖެކްޓާ ގުޅޭގޮތުން ނިއު ސްޓާ ސްޕޯޓްސް ކްލަބްގެ ފަރާތުން ބުނީ، މި ފޮތް ގުންޒަރަކީ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން ހިތްފަސޭހަ މާހައުލެއްގައި ދިމާވެ ފޮތްކިޔާލުމަށް ރަނގަޅު ތަނެއް ކަމަށެވެ.

"ޖާގައެއް ނެތުމުގެ ސަބަބުން އާންމު ގޮތެއްގައި މި ޖެހެނީ ބަނދަރު މަތީގައި ހުންނަ ކެފޭއެއްގައި މަޑުކޮށްލަން. މި ތަނުގައި އެކި އުމުރުފުރާތަކާ ގުޅޭ އެކަށީގެންވާ އަދަދެއްގެ ފޮތް ހުރުމާއެކު މި ތަނުގައި މަޑުކޮށްލާ ވަގުތަކީވެސް މައުލޫމާތު މުއްސަނދިވެ، ހިތް ފަސޭހަ ވަގުތުކޮޅަކަށް ވެގެން ދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ނިއު ސްޓާ ސްޕޯޓްސް ކްލަބުން ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ ތިން ރަށަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ރަށްތަކަކީ ގާފަރު، ކާށިދޫ އަދި މާފުއްޓެވެ.

comment ކޮމެންޓް