ކިމް ޖޮންގް-އުންގެ އަނބިކަނބަލުން އަމަލު ކުރައްވަން ޖެހޭ ހަރުކަށި ގަވާއިދުތަކަކީ ކޮބާ؟

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން އާއި އަނބިކަނބަލުން ރި ސޮލް-ޖޫ --

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުންއަކީ ވަރަށް ނުފޫޒުގަދަ އަދި ހަރުކަށި ބޭފުޅެކެވެ. އެހެންކަމުން އޭނާގެ އަނބިކަނބަލުން ރި ސޯލް-ޖޫ ވެސް އަމަލު ކުރައްވަންޖެހޭ އާދަޔާޚިލާފު، ހަރުކަށި ގަވާއިދުތަކެއް ކަނޑައަޅާފައިވާ ކަމަށް ވާހަކަދެކެވެއެވެ.

ކިމް ޖޮންގް-އުންގެ ތިން ދަރިންގެ މަންމަ ކަމަށްވާ ރި ސޮލް-ޖޫ އަކީ ކައިވެނި ބައްލަވައިގަތުމުގެ ކުރިން ލަވަކިޔުންތެރިއެއް ކަމަށް ގިނަ މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް، ކައިވެންޏަށް ފަހު ރި ސޮލް-ޖޫގެ ދިރިއުޅުމުގެ ގިނަ ކަންކަން ވަނީ ބަދަލުވެފައެވެ.

1. ކައިވެންޏަށް ފަހު ނަން ބަދަލު ކުރުން

ކައިވެންޏަށް ފަހު، އަންހެނުން އެމީހުންގެ ފިރިންގެ އާއިލީ ނަން އަމިއްލަ ނަމަށް އިތުރުކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ވަރަށްވެސް އާންމު ކަމެކެވެ. ނަމަވެސް، ކިމްއާ ކައިވެނި ބައްލަވައިގަތުމަށްފަހު ރި ސޮލް-ޖޫއަށް އޭނާގެ އުފަން ނަން މުޅިން ބަދަލު ކުރަން ޖެހިވަަޑައިގަތެވެ. އެހެންކަމުން އޭނާގެ އަސްލު ނަމާއި އުފަން އަހަރު އަދި އަދަށްވެސް އޮތީ ސިއްރު ކުރެވިފައެވެ.

ކިމް ޖޮންގް އުން އާއި ރި ސޮލް-ޖޫ -- ފޮޓޯ/ ރޮއިޓާސް

2. އެކަމަނާގެ އާއިލާގެ ބޭފުޅުންނާ ބައްދަލުކުރުން މަނާ

ރި ސޮލް-ޖޫ އަކީ ޤަދަރުވެރި، މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ބޭކަނބަލެކެވެ. އެކަމަނާގެ މަންމަ ހޮސްޕިޓަލެއްގެ ގައިނަކޮލޮޖީ ވޯޑުގެ އެންމެ އިސް މަގާމުގައި ހުންނެވި އިރު، ބައްޕާފުޅަކީ ޕްރޮފެސަރެކެވެ.

ކިމް ޖޮންގް-އުންއާއި ރި ސޮލް-ޖޫ ބައްދަލުވީ އުތުރު ކޮރެއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރާ އެކަމަނާގެ ބޮޑުބޭބެ މެދުވެރިވެގެން ކަމުގައިވީ ނަމަވެސް ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުމަށްފަހު، އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު އެކަމަނާއަށް ނުލިބެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން އާއި އަނބިކަނބަލުން ރި ސޮލް-ޖޫ -- ފޮޓޯ/ އޭޕީ

3. އުތުރު ކޮރެއާ ދޫކޮށް އެހެން ގައުމަކަށް ދިޔުން މަނާ

ރި ސޮލް-ޖޫއަށް އުތުރު ކޮރެއާ ދޫކޮށް އެހެން ގައުމަކަށް ދަތުރުކުރުމުގެ ހުއްދައެއް ނޯވެއެވެ. އަދި ލީޑަރަކު އަވަހާރަވުމުން ޖަނާޒާއާ ގުޅުންހުރި ދަތުރުފުޅެއްގައި ބައިވެރިވެވޭނީ އެކަމަނާގެ ފިރިކަލުންނާއެކުއެވެ.

ގިނަ އަދަދެއްގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ކިމް ޖޮންގް-އުންއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން އެކަމަނާ ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެގޮތުން، ޗައިނާގައި ތައުލީމު ހާސިލް ކުރައްވައި، "ޗިއާލީޑް" ކުރުމަށް ޓަކައި ސައުތު ކޮރެެއާއަށް ވެސް ޒިޔާރަތްކުރެއްވިއެވެ.

ކިމް ޖޮންގް އުން އާއި ރި ސޮލް-ޖޫ -- ފޮޓޯ/ އޭޕީ

4. ބަލިވެއިންކަން އިއުލާނު ކުރުން މަނާކުރުން

އުތުރު ކޮރެއާގެ ވެރިކަން ކުރާ އާއިލާގެ މެންބަރަކަށް ވުމުން ރި ސޮލް-ޖޫއަށް ވަރުގަދަ ސެކިއުރިޓީ ފައުޖަކުން ހިމާޔަތް ދެމުންދެއެވެ. އަދި އޭނާ ބަލިވެއިންނަވާއިރު ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް، އާންމުންގެ ތެރެއަށް އެއްވެސް ވަރަކަށް ނުކުމެވަޑައިގަތުން ހުއްޓުވައެވެ.

comment ކޮމެންޓް