ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ތިން ބިލެއް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.
މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސް އޮފީހަށް ފޮނުވި ބިލް ތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ކުނި މެނޭޖުކުރުމުގެ ބިލެކެވެ.
ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ޚާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މީގެ އިތުރުން ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާން ކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށާއި، ޤާނޫނާ ޚިލާފުވާ ހާލަތްތަކުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް އިސްލާހުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއިބެހޭ ގޮތުން އޭޖީ އޮފީހުން ބުނީ ސަރުކާރުން އެ ބިލް ހުށަހެޅީ ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކުރުމާގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުން ކަމަށެވެ.
އޭގެ އިތުރުން ކުށަށް އިއުތިރާފުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް އިތުރަށް ތަފްސީލުކޮށް ބަޔާންކުރުމަށާއި އެ ނޫން ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތުތައް ހިންގުމުގައްޔާއި ޤާނޫނޫ ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ރައީސް އޮފީހަށް ފޮނުވި ތިން ވަނަ ބިލަކީ ކުނި މެނޭޖުކުރުމުގެ ބިލެވެ.
އޭޖީ އޮފީހުން ބުނީ ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ކުނި މެނޭޖު ކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، އެ ކަންކަން ބެލެހެއްޓުމަށް ޓަކައި، ކުނި މެނޭޖު ކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުން ކަމަށެވެ.
މީގެ ތެރޭގައި ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުމާއި ކުނި މެނޭޖު ކުރުމުގެ އާންމު ބޭނުންތަކުގެ ޚިދުމަތް އެކުލަވާލުމާއި އަދި ކުނި މެނޭޖު ކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން ހިމަނޭނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.