މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 21 އިންސައްތަ މައްޗަށް

އެމްޕީއެލް ސަރަހައްދު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗުމަހާ އަޅާބަލާއިރު 21 އިންސައްތަ މައްޗަށް ހިނގައްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 319 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މާޗުމަހު އެކަމުން ލިބުނީ 264 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިދިޔަ މަހު އެކްސްޕޯޓު ކުރެވުނު މުދަލުގެ ޖުމްލަ އަގު 432 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ މާޗުމަހު އެކްސްޕޯޓު ކުރެވުނު 337 މިލިއަން ރުފިޔާގެ މުދަލާ އަޅާ ބަލާއިރު 28 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުދަލުގެ ތެރެއިން 125 މިލިއަން ރުފިޔާގެ މުދަލަކީ ގަނޑުކުރި ކަޅުބިލަމަހެވެ. ކަޅުބިލަމަހުގެ އެހެން އުފެއްދުންތަކުގެ އަގު 26 މިލިއަން ރުފިޔާއަށް އަރައެވެ. ރީނދޫއުރަހަ ކަންނެލީގެ އުފެއްދުންތަކުގެ ތެރެއިން ޖުމްލަ 29 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ.

މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ 49 އިންސައްތަ ފޮނުވާފައިވަނީ ތައިލެންޑަށެވެ. އަދި 11 އިންސައްތަ ފޮނުވާފައިވަނީ އިނގިރޭސިވިލާތަށެވެ. ތިންވަނައަށް އެންމެ ގިނަ މުދާ ބޭރުކުރި މޮރިޝަސް އަށް ފޮނުވީ ނުވަ އިންސައްތަ މުދަލެވެ.

އިންޕޯޓުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު، ޖުމްލަ 3.9 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މާޗު މަހު އެތެރެ ކުރި 3.4 ބިލިއަން ރުފިޔާގެ މުދަލާ އަޅާ ބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރި ކާބޯތަކެތީގެ އަގު 874 މިލިއަން ރުފިޔާއަށް އަރައެވެ. އަދި، ތެލުގެ ބާވަތްތަކުގެ އަގު 770 މިލިއަން ރުފިޔާއަށް އަރާއިރު، މެޝިނަރީގެ އަގު 692 މިލިއަން ރުފިޔާއަށް އަރައެވެ.

މި މުދަލުގެ އަގުގެ އެންމެ މަތީ މިންވަރެއް އެތެރެކުރީ ތެލުގެ ބާވަތްތައް އެތެރެކުރާ އޮމާނާއި، ޔޫއޭއީއެވެ. އެ ދެ ގައުމުން ވެސް ޖުމްލަ އަގުގެ 16 އިންސައްތަ ހިއްސާ ކުރެއެވެ. މީގެ އިތުރުން އެންމެ ބޮޑު މިންވަރެއް ހިއްސާކުރަނީ އިންޑިއާއިންނެވެ. އެގައުމުން އެތެރެކުރި މުދަލުގެ އަގު، ޖުމްލަ އަގުގެ 14 އިންސައްތަ ހިއްސާ ކުރެއެވެ.

މިދިޔަމަހު ރާއްޖެއަށް މުދާ އުފުލާ 117 އުޅަނދު އައިސްފައިވާއިރު، 137 އުޅަނދެއް ރާއްޖެއިން ފުރާފައިވާ ވެއެވެ.

comment ކޮމެންޓް