މިއަދު އަޅުގަނޑު ތިބޭފުޅުންނާ ހިއްސާކޮށްލަން މި އުޅެނީ ކީރިތި ޤުރުއާނުގެ ވަރަށް ޢިބްރަތްތެރި އެއް އާޔަތެވެ. އިންސާނުންގެ އަމަލުތަކާ ބެހޭގޮތުން، ހެޔޮ އަމަލުކުރުމާ ބެހޭގޮތުން ގެންނަވާފައިވާ އާޔަތެކެވެ.
ސޫރަތުއް ނަޙްލުގަ ﷲ ތަޢާލާ ވަޙީކުރަށްވާފައި ވަނީ مَن عَمِلَ صالِحًا مِن ذَكَرٍ أَو أُنثى وَهُوَ مُؤمِنٌ فَلَنُحيِيَنَّهُ حَياةً طَيِّبَةً. މި އާޔަތުގެ މާނައަކީ މުއުމިނެއްކަމުގައި ވާ ހާލު އެއީ އަންހެނެއް ކަމަށް ވިޔަސް އަދި ފިރިހެނެެއްކަމަށް ވިޔަސް ހެޔޮ އަމަލުކޮށްފި މީހާ ދަންނާށެވެ. އެމީހަކަށް އުފާވެރި ދިރިއުޅުމެއް ތިމަންރަސްކަލާންގެ ދެއްވާހުށީމެވެ.
މި އާޔަތާމެދުގައި ވިސްނާލީމަ އަޅުގަނޑުމެނަށް ލިބިދޭ ފިލާވަޅަކީ ހެޔޮ އަމަލު ކުރުމަކީ އެއީ މީހާއަށް އުފާވެރި، ހަމަޖެހޭ އަމާން، ދިރިއުޅުމެއް ލިބޭނެ ކަމެއް ކަމެވެ. ﷲ ތަޢާލާ އެ ވަނީ އެކަމަށް ވަޢުދުވެވޮޑިގަންނަވާފައެވެ. އެއީ އަންހެނެއްކަމުގައި ވިޔަސް ފިރިހެނެެއް ކަމުގައި ވިޔަސް ހެޔޮ އަމަލު ކުރާ މީހެއް ނަމަ އެމީހަކަށް އުފާވެރި ދިރިއުޅުމެއް ދެއްވާނެކަމަށެވެ. އެއާއެކު ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގަ ވަނީ އެމީހަކު ކުރި އެންމެ ހެޔޮ އަމަލަކުން އެމީހަކަށް އެންމެ ރަނގަޅު ޖަޒާ ދެއްވާނެކަމަށެވެ. ހެޔޮ އަމަލުގެ ސަބަބުން ރަނގަޅު ޖަޒާ ދެއްވާއިރުގައި އެއީ ވަކި ޖިންސަކަށް ވީތީ ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ވެސް މި އާޔަތުގައި އަންގަވާފައިވެއެވެ.
އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް އެމީހަކު ހެޔޮކަމެއް ކޮށްފިކަމަށްވާނަމަ އުފާވެރި ދިރިއުޅުމެއް ލިބޭނެކަން އަދި އެކަމުގެ ސަވާބާ ދަރުމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި އެމީހަކަށް ލިބޭނެކަމެވެ. އެގޮތުން ހެޔޮ އަމަލުތައް ކުރަން ބަލާއިރުގައި ހެޔޮ އަމަލަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނަންޖެހެއެވެ.
އިސްލާމްދީނުގައި ހެޔޮ އަމަލުތަކާއި ނުރަނގަޅު އަމަލުތައް މިވަނީ ބަޔާންކޮށްދެއްވާފައެވެ. ތަފާތުު އާޔަތްތަކުން ހެޔޮ އަމަލުތަކަކީ ކޮބައިކަން، ނުރަނގަޅު އަމަލުތަކަކީ ކޮބައިކަން އަންގަވާފައިވެއެވެ. އަޅުގަނޑުމެން ދުނިޔެމަތީގަ އުޅޭއިރުގަ ކުރަންވީ ރަނގަޅު ކަންތައްތައް ދެނެގަނެ އެ ހެޔޮ އަމަލުތަކުގެ މަތީގަ ތިބުމުން އަޅުގަނޑުމެނަށް ދުނިޔެއާއި އާޚިރަތުގަ ވެސް ކާމިޔާބު ލިބި، ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބިގެންދާނެއެވެ.
ހެޔޮ އަމަލުތަކަށް ބަލާލާއިރުގަ ތަފާތުގިނަ ކަންތައްތައް ހުންނާނެއެވެ.
ނަމާދުކުރުން، ރޯދަހިފުން، މައިންބަފައިންނަށް ކިޔަމަންތެރިވުން، ހެޔޮ ނަސޭހަތްދިނުން، ތެދުބަހުން ވާހަކަދެއްކުން މި ކަންކަމަކީ މީ ހަމަ ހެޔޮ އަމަލުތަކުގެ ތެރޭގަ ހިމެނޭ ކަންކަމެވެ. މިއާ ޚިލާފަށް ﷲ ޞުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އަންގަވާފަވަނީ އެކަލާންގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާއަށް ދަތި އުނދަގޫ ދިރިއުޅުމެއް ދައްކާވާނެކަމެވެ. އެހެންވީމަ އަޅުގަނޑުމެނަށް ދުނިޔޭގެ ދިރިއުޅުމުގަ ﷲ ތަޢާލާ ހަނދުމަކުރުން މަތީގަ ވަގުތުތައް ހޭދަކުރަންވީއެވެ. ލިބޭ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރަންވީއެވެ. އެހެން ނުވެއްޖެކަމަށްވާނަމަ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ހަމަ ދެންމެ މި ދެންނެވިފަދައިން ﷲ ޞުބުޙާނަހޫ ވަތަޢާލާ އެ ވަޢުދުވެ ވޮޑިގެންފައިވާފަދައިން ﷲ ހަނދުމަކުރުމުން އެއްކިބާވީތީ ދަތިކަމާ އުނދަގޫކަން ދުނިޔޭގަ ކުރިމަތި ވެގެންދާނެބައެކެވެ.
ހަމަ އެގޮތަށް އެ އާޔަތުގަ ﷲ އަންގަވާފައިވަނީ ﷲ ތަޢާލާ ހަނދުމަކުރުމުން އެއްކިބާވުމުގެ ސަބަބުން އެބަޔަކަށް ނަރަކަ ހައްގުވެގެންވާކަމެވެ. ނަރަކައަށް އެބަޔަކު ވައްދަވާނެކަމެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކުން އެއްކިބާވެ ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ތެރެއަށްދާކަށް އެއްވެސް ބޭފުޅަކު ބޭނުމެއްނުވާނެއެވެ. އެހެންކަމަށް ވާނަމަ އަޅުގަނޑުމެން ހެޔޮ އަމަލުތަކަކީ އަޅުގަނޑުމެން ތާރީޚަށް ނަޒަރު ހިންގާލާއިރުގަ އަޞްހާބު ބޭކަލުން އެބޭކަލުންގެ ދިރިއުޅުމުގަ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށްޓަކައި އުފާވެރިކަމާއި ކާމިޔާބު ހާސިލްކުރެއްވުމަށްޓަކައި އެބޭކަލުން، އެބޭކަލުންގެ އަމަލާ މާލުން ގުރުބާންވެ ވަޑައިގެންނެވިކަން ތަފާތު ޞަޙާބީންގެ ދިރިއުޅުމުން އެނގެއެވެ. އޭގެތެރޭގައި އެއް ބޭފުޅަކީ އަބޫ ޠަލްހާއެވެ. އަބޫ ޠަލްހާ ރަޟިއަﷲ ޢަންހު ވަނީ އެ ބޭކަލަކަށް ލިބިވަޑައިގެންފައިވާ އެންމެ އަގުހުރި މުދާ ބައިރުޚާ އޭ ކިޔުނު ބަގީޗާ ﷲއަށްޓަކައި ދޫކޮށްލައްވާފައެވެ. އެބަގީޗާއަކީ ތަނަވަސްކަމާއި ފެހިކަމާއި ކޯރުތަކާއި ހިތްހަމަޖެހޭ އަގުހުރި އުފާވެރިކަން ހާސިލްވާ ބަގީޗާއެކެވެ. އެކަމަކު ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބި ހާސިލް ކުރުމަށްޓަކައި އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ބައިރުޚާ އޭ ކިޔުނު ބަގީޗާ އިސްލާމްދީަންޓަކައި ހަދިޔާކުރައްވާފައެވެ.
އެހެންވީމަ އަޅުގަނޑުމެންވެސް މިފަދަ ނަމޫނާތަކުން ޢިބްރަތް ހާސިލުކޮށް މިފަދަ އާޔަތްތަކުގައި އަންގަވާފައިވާ ކަންކަން ހާސިލުވޭތޯ ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ވަމާ ހިނގާތޯއެވެ.