ޕީއެސްޖީގައި އިތުރު އެއް އަހަރު މަޑުކުރަން ބޭނުން: ރާމޯސް

މި ސީޒަންގައި ޕީއެސްޖީއަށް ބަދަލުވި ސާޖިއޯ ރާމޯސް އަދި ލިއޮނަލް މެސީ

ފްރާންސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި އިތުރު އެއް އަހަރު މަޑު ކުރަން ބޭނުންކަމަށް އެ ޓީމަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުން ޕީއެސްޖީއަށް އޭނާ ބަދަލުވީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އޭނާ ބުނީ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އައުކުރުމަކީ އޭނާ ބޭނުންވާ ގޮތްކަމަށެވެ.

"މިހާރު ހަދާފައިވާ ކޮންޓުރެކްޓް އޮތީ ދެ އަހަރު ދުވަހަށް. މަސައްކަތް މިކުރަނީ އެ ކޮންޓުރެކްޓަށް އެއް އަހަރު އިތުރުކޮށްގެން، މިި ކުލަބުގައި ޖުމްލަ ތިން އަހަރު ކުޅެން،" ރެއާލްގެ ކެޕްޓަންކަން ވެސް ކުރިން ކޮށްފައިވާ ރާމޯސް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އަދި އިތުރު ހަތަރު އަހަރު ނުވަތަ ފަސް އަހަރު ވަންދެން ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅެން ބޭނުންވާ ކަމަށެވެ. އަދި އައު ތަޖުރިބާއެއް ކުރަން އޭނާ ބޭނުންވަނީ އެއަށްފަހު ކަމަށް ވެސް ރާމޯސް ބުންޏެވެ. އަނިޔާގެ މައްސަލަތަކެއްގައި ދުވަސްތަކެއް ހޭދަ ކުރި ރާމޯސް ބުނީ، ފިޒިކަލީ އޭނާ ފިޓުކޮށް ހުންނަ ނަމަ ކެރިއަރު ކުރިއަށް ގެންދިޔުމަށް ސަމާލުކަން ދެވޭނެކަމަށެވެ.

ޕީއެސްޖީއަށް ބަދަލުވި ފަހުން މިހާތަނަށް އޭނާ ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. އެއީ ފްރާންސް ލީގުގެ ހަ މެޗަކާއި، ފްރެންޗް ކަޕްގެ އެއް މެޗެވެ.

ރާމޯސް ވަނީ އޭނާ ކުރިން ކުޅުނު ކުލަބް ރެއާލްއާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރެއާލްއާއެކު އޭނާ ހަތަރު އަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. މީގެ އިތުރުން އޭނާ ވަނީ ސްޕެއިންއާއެކު ފީފާ ވޯލްޑް ކަޕާއި، ޔޫރޯ މުބާރާތެއް ވެސް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް