ފުވައްމުލަކަށް ބަނދަރުކުރާ ސަފާރީތަކުން 500 ޑޮލަރުގެ ފީ އެއް ނެގުމަށް ނިންމި ނިންމުން މުރާޖައާކޮށް، އެ ފީ ކުޑަ ކުރުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ރަފީގު މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވި ކަމަށެވެ. އަދި ސަފާރީ ފީ ކުޑަ ކުރުމަށް އެ ބައްދަލުވުމުގައި ފާސްކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އަލަށް ފާސްވި އަގު ތަކަކީ 100 ފޫޓުން ދަށުގެ އުޅަނދު ތަކުން 150 ޑޮލަރު ނެގުމަށާއި، 100 ފޫޓުން މަތީގެ އުޅަނދުތަކުން 200 ޑޮލަރު ނެގުމަށެވެ.
މީގެ ކުރިން އެ ކައުންސިލުން ނިންމާފައިވަނީ ހުރިހާ ސަފާރީއަކުން ވެސް 500 ޑޮލަރު ނެގުމަށެވެ. އެއީ މިދިޔަ ޖަނަވަރީ މަހު އެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ނިންމި ނިންމުމެކެވެ. އެކަން ތަންފީޒުކުރަން ފެށީ މި މަހުން ފެށިގެންނެވެ.
އޭރު ޑެޕިއުޓީ މޭޔަރު ފިކުރީ "ސަން"އަށް ވިދާޅުވީ އެ ނިންމުން ނިންމީ އެ ރަށުގެ ބަނދަރުގައި ޖާގައިގެ ދަތިކަން އޮތުމުން ކަމަށެވެ. ސަފާރީތަކަކީ އެރަށުގެ ފަތުުރުވެރިކަން އިސްތިހާރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާތީ، އެ ކަމުގައި އިތުރު މަޝްވަރާތައް ކުރާނެ ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.
ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ޙަމީދު މިއަދު "ސަން"އަށް ވިދާޅުވީ ހަމަހަމަކަމާ އެކު ހުރިހާ އުޅަނދަކުން އެފަދަ ފީއެއް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށާއި، ނަމަވެސް، ސަފާރިތަކަށް ވަކިން ބޮޑު ފީއެއް ނެގުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް އެނގޭ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް ލިބޭ ބާރެއްކަން އެއީ، އެކަމަކު ދުނިޔޭގެ އެެހެން ތަންތަނުގައި ވެސް ކަންކުރާހެން އުޅަނދުގެ ސައިޒާއި، ހޭދަކުރާ ވަގުތަށް ބަލައިގެން ފީ ނެގުން ރަނގަޅީ. ސަފާރީތަކަށް ވަކިން ނެގުން ގޯސް" އޭނާ ވިދާޅުވިއެވެ.
ސަފާރީތަކުން ކުރިން ނަގަމުން އައި 50 ޑޮލަރުގެ ފީ 500އަށް ބޮޑުކުރަން ނިންމުމުން ބޯޓިން އެސޯސިއޭޝަނުން ވަނީ މީގެ ކުރިން ކައުންސިލާއި ބައްދަލުކޮށް ކަންބޮޑުޑުވުންތައް ހިއްސާކޮށްފައެވެ.
ފުވައްމުލަކަކީ ރާއްޖޭގެ ދެކުނުގައި ހަރަކާތްތެރިވާ ގިނަ ސަފާރީތަކެއް ބަނދަރުކުރާ ރަށެކެވެ.