ހިތްވަރުކޮށްފައި ބޮލުގައި އަތް އަޅައިގެން އެ ހުރި ގޮތަށް ހުރެ މިޝްޔާ ތެދުވިއެވެ. އެއާއެކު، އޭނާގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ.

ކުޑަކޮށް ގުދުވެލުމަށްފަހު ސޯފާގެ އެހީތެރިކަން މިޝްޔާ ހޯދައިލިއެވެ. އިރުކޮޅަކު ދެލޯ މަރައިލައިގެން ހުރުމަށްފަހު އޭނާ އަނެއްކާވެސް ހަށިގަނޑު ސީދާކޮށްލިއެވެ. އެއަށްފަހު ވަށައިގެން މުޅި ގޭތެރެއަށް ބަލައިލިއެވެ. އޭރުވެސް އޭނާއަށް ހީވަނީ މުޅި ގޭތެރެ އެނބުރެނީ ހެންނެވެ. ކޮންމެވެސް ވަރަކަށް ރަނގަޅު ވިހެން ހީވުމާއެކު، މިޝްޔާ ހިނގައިގަތީ މައްޗަށް އެރެން ހުރި ފުޅާ ސިޑިއާ ދިމާލަށެވެ. ލަސްފިޔަވަޅުތަކެއްގައި އޭނާ ސިޑިން އަރަން ފެށިއެވެ. އެ މަންޒަރު ބަލަން ހުރި ޖެސިކާ ބަދިގެ ފަރާތަށް މިސްރާބުޖެހިއެވެ.

މިޝްޔާ ސިޑިން އެރުމަށްފަހު، އިރުކޮޅަކު މަޑުޖެހިލިއެވެ. އަދިވެސް އޭނާގެ ބޮލަށް ދިޔައީ އެނބުރުން އަރަމުންނެވެ. އޭނާ ސިޓިން ރޫމާ ދިމާލަށް މިސްރާބުޖެހިއެވެ. ސޯފާގައި އިށީނުމާއެކު ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ހުރި ޖަގުން ތައްޓަކަށް ފެންއެޅުމަށްފަހު އޭނާ އެއް ނޭވާއިން އެ ބޮއިލިއެވެ. ސޯފާގައި ހަމަޖެހިލުމަށްފަހު، ފުން ނޭވާއެއް މިޝްޔާ ދޫކޮށްލިއެވެ. ކުޑަކޮށް ލުއިވިހެން ހީވުމާއެކު ސިޓިން ރޫމުގެ އެއްފަރާތު ކޮރިޑޯއާ ދިމާލަށް މިޝްޔާ މިސްރާބުޖެހިއެވެ. އެންމެ ފުރަތަމަ ޖެހުނު ކޮޓަރީގެ ދޮރުފަތް ހުޅުވައިލުމަށްފަހު، މިޝްޔާ އެތެރެއަށް ވަނެވެ.

ކޮޓަރި ތެރެ އޮތީ އޭނާ ދިޔައިރު އޮތް ގޮތަކަށް ނޫނެވެ. ތަނަވަސް ޖާގަ ބޮޑު އެ ކޮޓަރިތެރެއިން މިހާރު ފެންނަނީ ތަރުތީބުކަމެވެ. ބެލްކަންޏަށް ނުކުމެވެގެން ހުންނަ ދޮރު ފޮތިތައް ކަހާލާފައި ހުރުމުން އިރުގެ އަލި އެއްވެެސް ހުރަހެއްނެތި ކޮޓަރިތެރެއަށް އެޅެމުން ދިޔައެވެ. ކްއީން ސައިޒް އެނދުގައި އަޅާފައިވަނީ ކޮޓަރީގައި ހުރި ފަރުނީޗަރާއި ގުޅުވައިގެން ހުދާ، ކަޅު އަދި އަޅި ކުލައިގެ ބެޑްޝީޓެކެވެ. އެއްފަރާތުގައި ބޮޑު ޑްރެސިންޓޭބަލެއް ހުރިއިރު، ބޮޑު ވޯޑްރޯބެއް އެ ކޮތަރިތެރޭގައި ހުއްޓެވެ. ސްޓަޑީ ޓޭބަލްއެއްގެ އިތުތުން ސޯފާސެޓެއް ވެސް ކޮޓަރި ތެރޭގައި ބެހެއްޓިފައިވެއެވެ. ލޮލަށް އެޅުނު އަލިން އުނދަގޫވެ މިޝްޔާ ގޮސް ބެލްކަނީ ދޮރާ ދިމާލުގައި ހުރި ކާޓެއިންތައް ކަހައިލިއެވެ. އެއާއެކު ކޮޓަރި ތެރެއަށް ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ވެރިވިއެވެ. ފެންވެރުމުގެ ޚިޔާލު މިޝްޔާގެ ނެތްފަދައެވެ. އޭނާ ގޮސް ވެއްޓުނީ އެނދުމައްޗަށެވެ. ދެލޯ މަރައިލުމާއެކު، ބާލީހުގައި މިޝްޔާ ބައްދައިލިއެވެ. އޭނާ ބޭނުންވަނީ އަދިވެސް ނިދާލުމަށެވެ. އޭސީ ނިއްވާލާފައި ހުރިނަމަވެސް ކޮޓަރި ތެރޭގައި އޭރުވެސް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ރަސްކަން ކުރަމުން ދިޔައެވެ. ރޭގައި އެވަރަށް ވާރޭވެހުނީމަ ކަންނޭނގެއެވެ.

ލަސްތަކެއްނުވެ މިޝްޔާގެ އެސްފިޔަތަކަށް އަނެއްކާވެސް ބަރުވާން ފެށިއެވެ. ލޯ މެރެމުން ދިޔަ ވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑަށް އޭނާއަށް ދެލޯ ހުޅުވައިލެވުނެވެ. އެހެންނަމަވެސް ތެދުވެގެން ދާކަށް މިޝްޔާ ބޭނުމެއް ނުވިއެވެ. އޭނާ އަނެއްކާވެސް ދެލޯ މަރައިލިއެވެ. ކޮޓަރީގެ ދޮރުގައި މިފަހަރުވެސް ޓަކި ޖަހައިލިއެވެ. ރުޅިވެރިކަމާއެކު މިޝްޔާ ތެދުވިއެވެ. އެއަށްފަހު، ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ރުޅި އައިސްގެން އެއްޗެއް ބުނަން ހުޅުވައިލި އަނގަ ލައްޕައިލަން މިޝްޔާއަށް މަޖުބޫރުވީ ޖެސިކާގެ އަތުގައި ހުރި ތަބަށް ފެނިފައެވެ. އޭނާ އަވަސް އަވަހަށް ޖެސިކާގެ އަތުން ތަބަށް އަތުލުމަށްފަހު، ކޮތަރީގެ ދޮރުފަތް ލައްޕައިލިއެވެ. އެމަންޒަރު ބަލަން ހުރުމަށްފަހު ޖެސިކާ ދެފަރާތަށް ބޯ ހޫރައިލުމަށްފަހު، ހިނގައިގަތެވެ.

ބަނޑުހައިކަން އިޙްސާސްވެފައި ހުރި މިޝްޔާ ތަބަށް ހިފައިގެން ގޮސް ސޯފާގައި އިށީނެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި އެ އެއްޗެހި ބަހައްޓަމުން މިޝްޔާ އެންމެ ފުރަތަމަ ވެސް ރަހަ ބަލައިލީ ސޫޕް ތަށިންނެވެ. އޭގައި ލީ ރަހައިން އޭނާއަށް ދެލޯ މަރައިލެވުނެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ގެނައި ހުރިހާ އެއްޗެއްވެސް މިޝްޔާ ހުސްކުރިއެވެ. ޖޫސްތަށި ބޮއިލުމަށްފަހު، ހިންދެމިލިއެވެ. އެ އެއްޗެހި އެ ހުރިތަނުގައި ބަހައްޓާފައި މިޝްޔާ ގޮސް އަނެއްކާވެސް އޮށޯތީ އެނދުގައެވެ.

ނިދިފިލާފައި ހުރުމުން ތެދުވެގެން ފާޚާނާއަށް ވަންނަން ވެގެން އުޅުނު ވަގުތު ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވާލިއިރު ޖެސިކާ ފެނިގެން އެތެރެއަށް ވަންނަން ދައުވަތު ދީފައި މިޝްޔާ ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލް ކައިރީގައެވެ. އޭރު އޭނާގެ އެއް ކޮނޑުމަތީގައި ތުވާލި އޮތެވެ. ވަތްގަނޑު ހުޅުވާލާފައި ސިނގިރެޓް ފޮއްޓަކާއި ލައިޓަރެއް މިޝްޔާ ނެގިއެވެ. އެ މަންޒަރު ޖެސިކާއަށް ފެނުނު ނަމަވެސް، އޭނާ އެއްޗެއް ނުބުނެއެވެ. މިޝްޔާއަށް ބަލައިލުމަށްފަހު، އޭނާ ތަބަށް ހިފައިގެން ކޮޓަރިން ނުކުތެވެ. ދޮރުލައްޕައިލުމަށްފަހު އެ އެއްޗެހި ހިފައިގެން މިޝްޔާ ވަނީ ފާޚާނާއަށެވެ. ތުވާލި އަޅުވާ އެތީގައި ތުވާލި އަޅުވައިލުމަށްފަހު މިޝްޔާ ކައިރިވީ ލޯގަނޑު ކައިރިއަށެވެ. އޭނާ އަމިއްލަ ސޫރައަށް އަވަސް ނަޒަރެއް ދިނެވެ. ދެވަނަ ސިކުންތުގައި އަތުގައި އޮތް ސިނގިރެޓް ފޮއްޓަށް ނަޒަރު ހުއްޓައިލުމަށްފަހު، އެގެން އެއް ސިގިރެޓް ނަގާ ރޯކޮށްލިއެވެ. އެއަށްފަހު ތުމުގައި ޖައްސާލާފައި ދަމައިލިއެވެ. ދުންތައް ބޭރުކޮށްލުމަށްފަހު، އަނެއްކާވެސް މިޝްޔާ ސިގިރެޓް ތުމުގައި ޖެހިއެވެ. ފަހަރަކު ސިގިރެޓެއް މިޝްޔާ ބޮމުން ދިޔައީ އޭނާއަށް އެކަމުން ހިތްހަމަޖެހުން ލިބޭފަދަ ގޮތަކަށެވެ. އޭނާގެ އެ އަމަލުތަކުގެ ސަބަބުން ހަށިގަނޑަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތްފަދައެވެ. މިޝްޔާ ހިތްހަމަޖެހޭވަރުވީ ފަސް ސިގިރެޓް ބޮވުނު ފަހުންނެވެ. ފެންވަރާލައިގެން ނުކުމެ އޭނާ ސިގިރެޓް ފޮށި އެ އޮތްތަނަށް ލުމަށްފަހު، ސައިޑް ކަބަޑުމަތި ބަލައިލިއެވެ. ފޯނު ކައިރީގައި އޮތް ވެލެޓް ނަގަމުން އޭގައި ލާރި ހުރި ވަރު މިޝްޔާ ބަލައިލިއެވެ. ހުސް ވޮލެޓު ފެނުމާއެކު އޭނާގެ ނިތަށް ރޫތައް ގިނަވިއެވެ. އިއްޔެ އޭގައި އޮތް ލާރި ބޭނުން ކުރެވުނުކަން ހަނދާންވީވެސް ދެނެވެ. އޭނާ އަލަމާރި އާ ޑްރެސިންޓޭބަލް ވެސް ބެލިއެވެ. އެއްވެސް ލާރިއެއް ނެތެވެ. މިޝްޔާ ރުޅި ގަދަވާން ފެށިއެވެ. ބައްޕަވަނީ އޭނާގެ ކޭޝްކާޑުވެސް އަތުލާފައެވެ. އިތުރަށް ލާރި ލިބޭނޭ ގޮތެއްވެސް ނެތެވެ.

ރުޅިވެރިކަމާއެކު ޑްރެސިންޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއް ބިންމައްޗަށް އުކައިލުމަށްފަހު، އެނދުގައި ބަންޑުން އޮށޯވެ މިޝްޔާ ބާލީސް އަޅައިލިއެވެ.

* * * * *

މެލޭޝިއާގެ ވެރިރަށް ކުއަލަލަން ޕޫރުގެ ހިތްފަސޭހަ ހިސާބެކެވެ. ވަށައިގެން އުސް އިމާރާތްތައް ފެނުނު ނަމަަވެސް، އެއީ ޕާކުތައް ގިނަ ގުދުރަތީ ތަފާތު މުއްސަނދިކަމެއް ލިބިފައިވާ ސަރަހައްދެކެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތަށް ވީނަމަވެސް ޔުނިވާރސިޓީގެ ކެންޕަސް ތެރޭގައި ކުދިން ވަރަށް ގިނައެވެ. ކެންޕަސް ތެރޭގައި އިންދާފައިވާ ބޮޑެތި ގަސްތަކުން ހިޔާ ކެންޕަސްގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާއިރު، ބައެއް ކުދިން ވިނަގަނޑު މަތީގައި ބައިބަޔަށް ގްރޫޕް ހަދައިގެން އިށީނދެގެން އޮލަވާހަކައެއްގައި ތިއްބެވެ.

އެ ކުދިންނާ ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި އިށީނދެގެން އިން ޒުވާނާ އިނީ އޭނާގެ ފޯނަށް ގެއްލިފައެވެ. ވަށައިގެން ވީ މާހައުލަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ދިގު އިސްކޮޅަކާއެކު ލިބިފައިވަނީ އޮޅަލި ކުލައިގެ ހަންގަނޑެކެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު އެ ޒުވާނާގެ ލޯ ފޮރުލާވާފައި ވަނީ ރޭބަން އަޥި އައިނަކުންނެވެ. ލާފައިހުރި އަޅިކުލައިގެ ޖަމީސް ގަޔަށް ހިފިފައިހުރުމުން އެ ކަސްރަތީ ހަށިގަނޑު ގެ ބައްޓަން ހާމަވެއެވެ.

"އޭތް... މާކް! ކޮން ބިޓަކަށް މެސެޖް ތި ކުރަނީ؟" އެ ޒުވާނާ ސިއްސައިގެން ދިޔައީ އޭނާއާ ދާދިގާތުން މީހަކު ވާހަކަ ދެއްކި އަޑު އިވިފައެވެ.

"ކަލޭ ދޯ..."

މާކިން ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ ނާޒިލްއަށް ބަލައިލުމަށްފަހު ބުނެލިއެވެ.

"އަންހެނަކަށް އިންތިޒާރުނުކުރާ ވަރަށް މީނައަށް މަ ޖެހޭ އިންތިޒާރުކުރަން..." މާކިންވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"ކީއްކުރާނީ؟ ލެކްޗަރާ ކްލާސް ނިންމައިނުލުމަކީ މަގޭ މައްސަލައެއް ނޫން ދޯ...." ނާޒިލް ބުނެލިއެވެ.

"ހޫން ހެވޭ... ހާދަ ހަޔޭ... ހިނގާބަލަ ކޮފީއަކަށް ދާން. ކޮފީއެއް ބޮއިގެން ގެއަށް ދެވޭނީ..." މާކިން ބުނެލިއެވެ.

މާކިން އެކޭ އެއްގޮތަށް ނާޒިލްއަށް ވެސް ލިިބިފައިވަނީ އަންހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ސިފަތަކެކެވެ. އިސްކޮޅުން ދިގެވެ. ލިބިފައިވަނީ ކަސްރަތީ ހަށިގަނޑެކެވެ. މާކިންއާ ޚިލާފަށް ނާޒިލްއަށް ލިބިފައިވަނީ ތަންކޮޅެއް އަލި ހަންގަނޑެކެވެ. އޭނާގެ އެންމެ އަޅައިގަންނަ ސިފައަކީ އޭނާގެ އަޅިކުލައިގެ ލޮލެވެ. އޭގެ އިތުރުން އަވި އެޅިލާ ގޮތުން ނާޒިލްގެ އިސްތަށިގަނޑަށް ބައެއްފަހަރު މަޑުމަޑު މުށިކުލައެއް އަރާތީ ވެސް ހިތްގައިމު ގޮތެއް ހުރެއެވެ.

ދެ އެކުވެރިން މިސްރާބުޖެހީ ޔުނިވާސިޓީ ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ ކޮފީ ޝޮޕާ ދިމާލަށެވެ.

ނާޒިލްއާ މާކިންއާ ދެމީހުން އެންމެ ފުރަތަމަ ދިމާވީ ޔުނިވާސިޓީ ހޮސްޓެލްއުންނެވެ. ނާޒިލް މެލޭޝިއާއަށް ބިޒްނަސްގެ ދާއިރާއިން ކިޔެވުމަށް އައިއިރު މާކިން ވެސް ދިޔައީ އެ ޔުނިވާސިޓީގައި ކިޔަވަމުންނެވެ. ދެމީހުން އެއް ކޮޓަރިއެއްގައި އުޅެން ޖެހުމުންނާ އެމީހުންނާ އެކު ދެން އުޅެނީ ރާއްޖޭން ބޭރު ކުދިންކަމުގައިވާތީ އެ ގުޅުން ހީވެސް ނުކުރާހާ އަވަހަށް ބަދަހިވިއެވެ. ހޮސްޓެލްގައި އެކުގައި އުޅުމަށްފަހު ދެ އެކުވެރިންވެސް ތަނެއް ހިފައިގެން ބަދަލުވީ އެ ގޮތް މާ ފަސޭހަވާނެކަމަށް ވިސްނާފައެވެ. ނާޒިލްގާތު އޭނާގެ ބައްޕަ ވަކިން ތަނެއްގައި އުޅެން ބުނި ނަމަވެސް، އެކަނިވާނެޔޭ ކިޔާފައި އެ ހުރިހާ ދުވަހުވެސް ނާޒިލް ހުރީ ތަނަކަށް ބަދަލުނުވެއެވެ. އެހެންނަމަވެސް މާކިންގެ ވެސް އެ ޚިޔާލު ހުރުމާއެކު އޭނާ ވެސް ފަހުން އެކަމާ އެއްބަސްވީއެވެ.

ދެ އެކުވެރިން އެކުގައި ގޮސް ކޮފީ ޝޮޕަށް ވަންނަން ވެގެން ތަޅުގައި ހިފައިލި ވަގުތު އެތެރެއިން ކޮންމެވެސް މީހަކު ދޮރު ހުޅުވައިލިއެވެ. ތަޅުގައި ހިފީ މާކިންކަމުންނާ އޭނާ އެވަރަށް ނުވިސްނާ ހުރުމުން ކުރިއަށް ގޮސް އޭނާގެ ނިތްކުރި ޖެހުނީ ދޮރުފަތުގައެވެ.

"އައްދިޔޯތް..." މާކިންއަށް ބުނެވުނެވެ. އެއަށްފަހު އޭނާ އިސްއުފުލައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު