ކޮވިޑުން އަރައިގަނެވުނީ ރައީސް ޞާލިޙު އެ ކަމަށް ދެއްވެވި އަހައްމިޔަތުގެ ސަބަބުން: ނައިބު ރައީސް

ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19ގެ އާލަމީ ވަބާއިން ރާއްޖެއަށް އަރައިގަނެވުމަކީ، އެކަމަށް ރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވެވި އެއްބާރުލުމުގެ ސަބަބުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފާއިތުވީ ދެ ތިން އަހަރު ވޭތުކުރަމުންދިޔައީ ވަރަށް އުނދަގޫ ދުވަސްވަރެއް ކަމަށާއި ކޮވިޑްގެ ދަތި އުނދަގޫ ތަހައްމަލު ނުކުރާ އެއްވެސް ދިވެއްސަކު ނެތް ކަމަށެވެ.

"ދަތި އުނދަގޫ ތަހައްމަލު ނުކުރާ އެއްވެސް ފަރާތެއް ދިވެހިރާއްޖޭގައި ނެތް، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް އަޅުގަނޑުމެން އުޅުނީ ވަރަށް ހިތްދަތިކޮށް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑުން މިއަދު ރާއްޖެއަށް އަރައިގަނެވިފައިވާއިރު، އޭގެ އެންމެ ބޮޑު ސަބަބަކީ ރައީސް ޞާލިޙު އެ ކަމަށް ދެއްވެވި އަހައްމިއްޔަތު ކަން ކަމަށެވެ.

"ރެއާއި ދުވާލު ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހަމަޖެއްސުމަށާއި އަދި އެވަގުތު ކޮވިޑްގެ ހާލަތު އެންމެ ރަނގަޅަށް މެނޭޖު ކުރުމަށް ޓަކައި ސިއްހީ މާހިރުންނާއި ސިއްހީ ދާއިރާގެ އެންމެހާ ބޭފުޅުންނާއި އަދި ޖަމިއްޔާ ޖަމާއަތްތަކާއި އެންޖީއޯސް އަދި އަމިއްލަ ޕްރައިވެޓް ޕާޓީސްތަކާ އަދި ޕްރައިވެޓް ހޮސްޕިޓަލުތަކާއި އަދި ރައްޔިތުންނާއެކު ކުރެވިގެންދިޔަ މަސައްކަތް،" ނައިބު ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ދުނިޔޭގެ ގައުމުތަކުގެ ޕޯޓްތައް ބަންދުކޮށްފައިވަނިކޮށް ވެސް ދިވެހިންނަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ފަދަ ޒަރޫރީ ތަކެއްޗަށް ދަތި ނުވާނޭކަން ޔަގީން ކޮށްދެއްވައި، އެ މަސައްކަތް ކުރެއްވީތީ ވެސް ރައީސަށް ޚާއްސަ ޝުކުރެއް ނައިބު ރައީސް ވަނީ ދަންނަވައިފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ބޯޑަރު ވެސް ކޮވިޑްގެ ސަބަބުން ބަންދުކުރަން ޖެހުނު ކަން ފާހަގަކުރައްވައި ނައިބު ރައީސް އިތުރަށް ވިދާޅުވީ އެހާ އަވަހަށް ރާއްޖޭގެ ބޯޑަރު ހުޅުވިގެން ދިޔައީ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ބޯޑަރު އެހާ އަވަހަށް ހުޅުވާލެވުމުގެ ނަތީޖާ ވަރަށް ރަނގަޅުކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ވަރަށް އަވަހަށް އަޅުގަނޑުމެންގެ ބޯޑަރު ހުޅުވާލެވި، އަޅުގަނޑުމެންނަށް ފޮރިން ކަރަންސީ އަޅުގަނޑުމެންގެ ކޭޝްފްލޯ އަޅުގަނޑުމެންގެ އިގްތިސޯދުގެ އެންމެ ވަރުގަދަ ތަނބު ކަމަށްވާ ޓުއަރިޒަމް ހުޅުވާލީ،" ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ އިގްތިޞާދު ފުނޑި، ދިމާވެގެން އުޅޭ ދެރަ ގޮތްތައް ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ރާއްޖެއަށް އެފަދަ ގޮތެއް މެދުވެރިނުވީ މިފަދަ ބުރަ މަސައްކަތްތަކުން ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް