ލީގުގައި ފުރަތަމަ ފަހަރަށް ވަރުގަދަ މާޒިޔާ ބަލިވެއްޖެ

ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ /އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަަމަ މެޗުގައި ރޭ ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މާޒިޔާއިން ލީގުގައި ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން އީގަލްސް މޮޅުވެފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ކުރީކޮޅު އީގަލްސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) ނަގައިދިން ބޯޅައަކަށް އެ ޓީމުގެ ކުޅުންތެރިޔަކު ކުޅުމުގެ ކުރިން މާޒިޔާގެ ކީޕަރު ވަނީ ބޯޅަ ހޯދާފައެވެ.

އޭގެ ފަހުން އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ މެޗުގެ 20 ވަނަ މިނެޓުގައި ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.

އީގަލްސް މެޗުގައި ލަނޑު ޖަހައި ލީޑު ނަގާފައިވަނީ 32 ވަނަ މިނެޓުގައެެވެ. އޭރިޔާ ބޭރުން ޒައިން ޒަފަރު ދިން ބޯޅައެއް ބޭނުންކޮށް، ހަންނަ ވަނީ ބޯޅަ ގޯލަށް ފޮނުވާލާފައެވެ. އޭނާ ބޯޅަ ގޯލަށް ފޮނުވާލީ މާޒިޔާގެ ކީޕަރުގެ ބޯ މަތިންނެވެ.

އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ދިޔައީ އީގަލްސްގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މާޒިޔާއިން ވަނީ ދެ ވަނަ ހާފުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޓަނާ ޑޮމިންގޭޒް ކުޅެން އަރުވާފައެވެ. މާޒިޔާއަށް ލިބުނު ކޯނަރެއްގައިި ޓަނާ ނަގައިދިން ބޯޅަ އެ ޓީމުގެ މުހައްމަދު އިރުފާން ބޮލުން ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެ ވަނަ ހާފުގައި މާޒިޔާއިން ވަނީ އީގަލްސްގެ ފަހަތަށް ބާރު ބޮޑު ކޮށްފައެވެ. ނަމަވެސް، މާޒިޔާއިން އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވުމުގައި އީގަލްސްގެ ޑިފެންޑަރުންގެ ހުށިޔާރުކަން ފެނުނެވެ.

މިހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ އީގަލްސްގެ ހަންނައެވެ.

ލީގުގައި މާދަމާ ރޭ ކުލަބް ވެލެންސިއާ ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

comment ކޮމެންޓް