އައްޑޫ ސިޓީ ހިތަދޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލައިދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފިއެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ އެރަށު ސުކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އެ ކުއްޖާއަކީ އެ ސްކޫލްގައި ތަޢުލީމު ހާސިލުކުރާ ކުއްޖެކެވެ.
މި މަައްސަލައާ ގުޅުވައިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މިރޭ ވިދާޅުވީ މައްސަލައާ ގުޅުން ހުރި ވާހަކަތައް އެކި ގޮތްގޮތަށް ދެކެވޭތީ ކަމާބެހޭ އިދާރާތަކުން މި ކަމުގެ ހަޤީގަތް އޮޅުން ފިލުވުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމެއް މާދަމާ ބާއްވާ ދިނުމަށް އެދެފައިވާނެ ކަމަށެވެ.
"އަދި މާދަމާ ބައްދަލުވުން ބާއްވައި ދެއްވާނެ ކަމަށް ކޮމެޓީގެ ޗެއާ، ޖީހާން މަޙްމޫދު ވަނީ ޔަޤީންކަން ދެއްވާފައި. މިހާރު ވެސް މިކަމާބެހޭ މައުލޫމާތު ލިޔެކިޔުމުން ހޯދުމަށް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުން އޮތީ ނިންމާފައި،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ މިކަމުގެ ހައްސާސް ކަމުން ކަމާބެހޭ އިދާރާތައް މަޖިލީހަށް ވަޑައިގެން މަޢުލޫމާތު ދެއްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުން ތަކަށް ވަގުތުން ޖަވާބު ލިބުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ. މީގެ އިތުރުން އެއްވެސް ކުށެއް ނެތް މީހަކަށް އެންމެ ހިނދުކޮޅަކު ވެސް ނުހައްޤުން އަދަބެއް ލިބުމަކީ އެދޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން މިކަމުގެ ހަޤީގަތް ރަނގަޅަށް އޮޅުން ފިލުވަން އެބަޖެހޭ. މި ވަގުތު އެއްބަޔަކު މިކަން ސިޔާސީކޮށް، މިނިސްޓަރު ފައްޔާޒުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުންދާ ކަން މިއީ ވަރަށް ހިތާމަ ހުރި ކަމެއް. މި ފަދަ ހައްސާސް މައްސަލަތައް ސިޔާސީ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް،" ރޮޒެއިނާ ވިދާޅުވިއެވެ.
ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެކުއްޖާގެ ކާފަ ހައްޔަރު ނުކޮށް، ކުށެއް ނެތް މީހަކަށް ޖަލުގައި އަނިޔާދެމުންދާ ކަމަށް ބުނެ ހިތަދޫގައި ހުއްޓުމެއްނެތި އަންނަނީ މުޒާހަރާ ކުރަމުންނެވެ
މި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެގެންވަނީ އަދުލު އިންސާފު ޤާއިމްވެފައި އޮތުމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް އަދުލު އިންސާފު ހޯދައިދިނުން އަވަސްކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަތައް ވަކިވަކިން ތަހުޤީގުކޮށް ދިނުމަށް ވެސް ކައުންސިލުން ވަނީ ގޮވާލައިފައެވެ.