ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އަނބުރި ގައުމަށް ނުދެވި ރާއްޖޭގައި ތާާށިވެފައި ތިބި އެގައުމުގެ ހުރިހާ ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް "ސަން"އަށް މިއަދު ވިދާޅުވީ ރާއްޖޭގައި ތާށިވެފައި ތިބި ޔޫކްރޭންގެ ހުރިހާ ފަތުރުވެރިން މިހާރު އަނބުރާ ގައުމަށް ފޮނުވާލައިފައިވާކަމަށެވެ.
އެނާ ވިދާޅުވީ އެ ފަތުރުވެރިން ފޮނުވާލުމުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ.
"އާދެ ވަރަށް އޮމާންކޮށް އެކަން އެ ދިޔައީ. ސަރުކާރުން މިކަމަށް ދިން ސަމާލުކަމުގެ ބޮޑުކަމުން އަސްލު މިހާ ފަސޭހަވީ މިކަން،" ޑރ. މައުސޫމް ވިދާޅުވިއެވެ.
މީގެ އިތުރުން މައުސޫމް ވިދާޅުވީ ހަނގުރާމައިގެ ސަަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރީ މިއަހަރުގެ މާޗު އޭޕްރީލުގައި އަޅުގަނޑުމެންގެ ރިސޯޓްތަށް ފުލީ ބުކްވެގެންދާނެކަމަށް،" ޑރ. މައުސޫމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ފައިދާވާނީ އެ ހަނގުރާމަ ވީހާވެސް އަވަހަކަށް ހުއްޓާލައިގެންނެވެ. ކުރިން އަންނަވަރަށް ދެ ގައުމުން ވެސް ފަތުރުވެރިން މިހާރު ނައުމަކީ ރާއްޖެއަށް ލިބޭނެ ގެއްލުމެއްގެ ގޮތުގައި ޑރ. މައުސޫމް ސިފަކުރެއްވިއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމަކީ ރަޝިޔާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑރ. މައުސޫމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ފަތުރުވެރިން ތިބީ ރާއްޖެ ނައުމަށް ނިންމައިގެން ނޫންކަމަށެވެ. ރަޝިޔާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލުމާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ރަޝިޔާގެ ފައިސާގެ އަދަދު ދަށްވުން ފަދަ ކަންމަކީ އެ ގައުމުގެ ފަތުރުވެރިން މަދުވާ ސަބަބުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރިން 1000 ރުފިޔާއަށް ލިބެމުންދިޔަ ރާއްޖޭގެ ޗުއްޓީ ޕެކޭޖެއް އެއްދުވަހު ނިދާ ހޭލިއިރަށް އެއޮތީ 3000 އަރާފައި،" ޑރ. މައުސޫމް ވިދާޅުވިއެވެ.
"އެމީހުން ވަރަށް އަންނަހިތުން ތިބީ ހަގީގަތުގައި. އަޅުގަނޑުމެން އެމީހުން ގެނައުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން ކުރަމުން މިގެންދަނީ."
ހަނގުރާމައިގެ ސަބަބުން ދެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެެވެ. މިއަހަރުގެ ޖެނުއަރީ މަހު ރަޝިޔާއިން 23،347 ފަތުރުވެރިން ރާއްޖެއައެވެ. މިމަހު އެގައުމުން އައިސްފައިވަނީ 8،650 ފަތުރުވެރިންނެވެ.
މިއަހަރުގެ ޖެނުއަރީ މަހު ޔޫކްރޭނުން 5،355 ފަތުރުވެރިން ރާއްޖެއައިސްފައިވެއެވެ. މިމަހު އެ ގައުމުން އައިސްފައިވަނީ 328 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވި ނަމަވެސް، އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަކީ ރަޝިޔާއެވެ. ހަނގުރާމައިގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ޔޫކްރޭން ހިމެނުނު ނަމަވެސް މިހާރު އެގައުމު އެ ލިސްޓުން ފެންނާކަށް ނެތެވެ.