ސަރުކާރުގެ ސަބްމެރިން ކޭބަލް، އުންމީދީ މަޝްރޫއުގެ ދިރާސާތައް ކުރިއަށް

ކޭބަލް އެޅުމުގެ ދިރާސާތައް ކުރަމުން އަންނަ "އޯޝަން ސާވެޔާ" ބޯޓުގެ ބައެއް މަސައްކަތްތެރިން --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ

މިދިޔަ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހަކީ ގިނަ ބައެއްގެ އިންތިޒާރަކަށް ނިމުން އައި ދުވަހެކެވެ. ރާއްޖޭގެ އިންޓަނެޓުގެ ޚިދުމަތްތަކުގެ ފެންވަރާއި, އަގުތަކާ ނުބައްދަލު ވާކަމަށް ގިނަ ބަޔަކު ކުރަމުން ދިޔަ ޝަކުވާއަށް ހައްލެއް ގެނައުމުގެ އުންމީދު އައުވި ދުވަހެވެ.

އެއީ, ސަރުކާރުގެ މޯލްޑިވްސް ފަންޑު މެނޭޖްމަންޓުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ, އޯޝަން ކަނެކްޓް މޯލްޑިވްސްއާއި, އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާ ދެމެދު, އޯޕަން އެކްސެސް ސަބްމެރިން ކޭބަލެއް އެޅުމަށް އެއްބަސް ވެވުނު ދުވަހެވެ.

ކޭބަލް އެޅުމުގެ ދިރާސާތައް ކުރަމުން އަންނަ "އޯޝަން ސާވެޔާ" ބޯޓު --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ

"މިއީ ރާއްޖޭގެ ކަނެކްޓިވިޓީ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް, ރައްޔިތުންނަށް ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި, ރާއްޖޭގެ ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ފުރުސަތުތައް ހުޅުވާލުމުގެ ފުރަތަމަ މަސައްކަތް،" އެދުވަހު ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެވުނުތާ މަހެއްހާ ދުވަސް ވެފައިވާއިރު, މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބެއް ބަލައިލުމަކީ މުހިންމު ކަމެކެވެ.

ދިރާސާގެ މަސައްކަތްތައް ބާރު ސްޕީޑުގައި

އެއްގަމުގައި ހިންގާ ބޮޑެތި މަޝްރޫއުތަކެކޭ އެއްފަދައިން, ކަނޑުގައި ހިންގާ މަޝްރޫއުތަކަށް ވެސް ބޮޑެތި ދިރާސާތަކާއި, ތަހުލީލުތައް ބޭނުންވެއެވެ. ސަބްމެރިން ކޭބަލް މަސައްކަތުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ އެއީއެވެ.

"އެގްރިމަންޓަށް ފަހު, މިކަހަލަ ސާވޭއަކަށް ދާން އާންމުކޮށް ނަގާނެ ހަތަރު މަސް ނުވަތަ ފަސް މަސް, ނަމަވެސް, މި ޕްރޮޖެކްޓުން ގައުމަށް ވާން އޮތް ފައިދާ ބޮޑު ކަމުން އަޅުގަނޑުމެން މި ޕްރޮޖެކްޓް އަވަސްކުރަން ވަރަށް އެބަ މަސައްކަތްކުރަން. އޭގެ ހެއްކެއް މިހާ އަވަހަށް މި ދިރާސާތައް ފެށުމަކީ،" އޯޝަން ކަނެކްޓް މޯލްޑިވްސްގެ ސީއީއޯ ޢަބްދުއްނާފިޢު ތައުފީގް ވިދާޅުވިއެވެ.

ކޭބަލް އެޅުމުގެ ދިރާސާތައް ކުރަމުން އަންނަ "އޯޝަން ސާވެޔާ" ބޯޓު --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ

އެ މަސައްކަތް ކުރުމަށް މިވަގުތު "އޯޝަން ސާވޭޔާ" ކިޔާ ބޯޓެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. ޔޫކްރޭނުގެ 17 ކުރޫއިންނާއެކު, އެ ބޯޓުގައި މި މަޝްރޫއާ ބެހޭ މުހިއްމު ދިރާސާތަކެއް ދަނީ ކުރަމުންނެވެ.

"މީގަ މިބަލަނީ ކަނޑުގެ ފުންމިން ހުންނަވަަރު އެކި ދިމާތަކުގަ, ދެން ޓޮޕޮގްރަޕީ, އޭގައި މިނަގަނީ ޖިއޯފިޒިކަލް އަދި ޓެކްނިކަލް ޑޭޓާ, ދެން އޭގެން މި ހޯދަނީ ކޭބަލް އަޅަން އެންމެ ރަނގަޅު މަގަކީ ކޮބައިތޯ،" ނާފިޢު ވިދާޅުވިއެވެ.

މި މަސައްކަތަކީ އާންމުކޮށް ހަތަރުމަހާއި, ހަ މަހާއި ދޭތެރޭގެ މުއްދަތެއް ހޭދަވާ ކަަމެކެވެ. ނަމަވެސް, އޯޝަން ކަނެކްޓުން އަމާޒު ހިފާފައިވަނީ އެ މަސައްކަތް އެއް މަސްދުވަހެގެ ތެރޭގައި ނިންމާލުމަށެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި އަންނަ އޭޕްރީލް މަހުގެ 11ވަނަ ދުވަހު ދިރާސާގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ޓެކްނޮލޮޖީގެ ދާއިރާގެ ކުރިއެރުމަށް ފަހި ފުރުސަތެއް

މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޓެކްގެ ސިނާއަތް ކުރިއެރުމަށް ލިބޭ ފަހި ފުރުސަތެކެވެ. މިހާރު އެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިތުބާރުހުރި އިންޓަނެޓު ހެޔޮ އަގެއްގައި ލިބެން ނެތުމެވެ.

މި ކޭބަލަކީ އޯޕަން އެކްސެސް ކޭބަލެއް ކަމުން ގިނަ ފަރާތްތަކަކަށް މި ކޭބަލް މެދުވެރިކޮށް ޚިދުމަތް ދިނުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ އިންޓަނެޓުގެ ބާޒާރު އިތުރަށް ވާދަވެރިވެ, އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ފާލެކެވެ. މީގެ އިތުރުން, މިހާރު ހުރި އަގުތަކަށް ވުރެ ހެޔޮ އަގެއްގައި އިންޓަނެޓު ހޯލްސޭލްކޮށްދެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުނެއެވެ.

އޯޝަން ކަނެކްޓުގެ ސީއީއޯ ދިރާސާގެ މަސައްކަތްތައް ބައްލަވާލައްވަނީ --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ

ޓެކް ކުންފުނިތަކަށް ދިމާވާ އަނެއް ގޮންޖެހުމަކީ މުހިންމު ޑޭޓާ ސެންޓަރުތަކަށް ސީދާ ގުޅުން ނެތުމެވެ. އެއީ ވެސް މި މަޝްރޫއުގެ ސަބަބުން ހައްލުވާނެ މައްސަލައެކެވެ.

އެ ސިނާއަތް ރާއްޖޭގައި ކުރިއެރުމަކީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ސިންދަފާތުވެ, އިތުރު ފުރުސަތުތަކަށް ހުޅުވާލެވޭނެ ކަމެކެވެ. މި ނުކުތާގެ މައްޗަށް މަޝްރޫއު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވެސް އަލި އަޅުއްވާ ލެއްވިއެވެ.

"މިވަގުތު އަޅުގަނޑުމެން މިކުރާ ހަމައެކަނި އެކްސްޕޯޓަކީ މަސްވެރިކަމުގެ އުފެއްދުންތައް. އެކަމަކު، މި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއެކު، އަޅުގަނޑުމެންނަށް ޑޭޓާ ސެންޓަރުތަކާއި އިންޓަނެޓު ކެޕޭސިޓީ ފޯރުކޮށްދީގެން އެހެން ގައުމުތަކާ ވިޔަފާރި ކުރެވޭނެކަމަށް އުންމީދުކުރަން،" ފައްޔާޒް ވިދާޅުވިއެވެ.

ރިލަޔަންސް ކުންފުނީގެ އައިއޭއެކްސް ކޭބަލާ ސީދާ ގުޅާލުމަށް ހަމަޖެހިފައިވާ މި ކޭބަލް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުމާލޭ ދެވަނަ ފޭސްއާ ހަމައަށް ޖެއްސުމަކީ އޯޝަން ކަނެކްޓުގެ އަމާޒެވެ. އޭގެ ކުރިން ކޭބަލްގެ ޚިދުމަތް ދޭން ފެށޭނެކަމަށް ގަބޫލުކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޭބަލް އެޅުމުގެ ދިރާސާތައް ކުރަމުން އަންނަ "އޯޝަން ސާވެޔާ" ބޯޓު --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ

ދެހާސް ވިހި ވަނަ އަހަރު އިޢުލާނު ކުރި އެ ކޭބަލުގެ މަސައްކަތް ނިމުމުން، ކޭބަލް މެދުވެރިކޮށް ސިކުންތަކު 100 ގިގަބިޓުގެ ދުވެލީގައި ޑޭޓާ ދައުރުކުރެވޭނެ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެހެންކަމުން, އޯޝަން ޑިޖިޓަލްއިން އަމާޒުހިފާފައިވާ ދުވެލީގައި މި މަސައްކަތް ނިންމާލެވުމަކީ މިފަދަ މަޝްރޫއެއްގެ އިންތިޒާރުގައި ތިބި ގިނަ ބައެއްގެ އުންމީދަކަށް ވާނެކަން ޔަގީނެވެ.

comment ކޮމެންޓް