19:00
ރާއްޖޭގައި މިހާރު ހިންގާ ރިޔާސީ ނިޒާމް ފުރިހަމަ ކުރުމަށް ނުވަތަ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރައްވައި އަލުން އިންތިހާބަކަށް ވަޑައިގަތުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރު ހިންގެވުމަށާއި، ތަޙްޤީޤުތައް ކުރިއަށް ގެންދެވުމަށް މިހާރު މިވަނީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބައެއް ޤާނޫނުތަކުގެ ސަބަބުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޤާނޫނުތަކުގެ ބާރު ވަރަށް ބޮޑަށް ފޯރާފައިވާކަން ފާހަގަކުރެއްވަމުން ރައީސް ވިދާޅުވީ، މި ބާވަތުގެ ކިތަންމެ ކަމެއް ދިމާވެފައިވާއިރު، އެކަންކަމުގެ އަޞްލު ޙަޤީޤަތުގައި ގުޅިފައި އޮތީ، ޤާނޫނުއަސާސީގެ ސިފައާ ކަމުގަ އެވެ. އެހެންކަމުން، ޤާނޫނުއަސާސީ ތަންފީޒު ކުރަމުންދާއިރުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އޮތް ގޮތަކީ، ބަރުލަމާނީ ނިޒާމަކަށް ޤާނޫނުއަސާސީ ބަދަލުކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކަކުން އެއްބަސްވުން ކަމަށާއި އެހެން ނޫން ނަމަ މިހާރު އޮތް ރިޔާސީ ނިޒާމް ފުރިހަމަކުރެއްވުން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ކަން ހިނގާއިރު، ރައްޔިތުންގެ މަޖިލިސް އަލުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަލުން އިންތިޚާބުވާންޖެހޭނެ ކަމުގައި ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި އަލުން އިންތިޚާބަކަށް ވަޑައިގަތުމަށް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ސަރުކާރާއެކު މަޝްވަރާތައް ކުރުމަށް ވާދަވެރި ޑީއާރުޕީއަށް ގޮވާލާ ކަމަށާއި އެމްޑީޕީ އާއި ޑީއާރުޕީއާ އެކު މިއަދުން މިއަދަށް ވެސް މަޝްވަރާތައް ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދިވެސް ސިފައިން ދޫކޮށްފައިނުވާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ސަރުކާރާއި އިދިކޮޅު ފަރާތްތައް ސުލްހައިގެ މޭޒު ދޮށަށް ދާއިރު އެއްވެސް ބޭފުޅަކު ހައްޔަރުވެފައި ހުރުމަކީ ރަނގަޅު ގޮތެއް ކަމަށް އެއްވެސް މީހަކަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އަދި ސުލްހައިގެ ވާހަކަތަކަށް ވާދަވެރި ޕީއޭގެ ލީޑަރު ދޫކުރައްވާނަންތޯ ދެންނެވުމުން ރައީސް ވިދާޅުވެފައިވަނީ ބޭފުޅެއްގެ ސަލާމަތާ ގުޅޭ ގޮތުން "ރިސްކެއް" ނަންގަވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށާއި ސިފައިން ކުރާ ހުރިހާ ކަމެއް ކުރާނީ އެމަނިކުފާނުގެ އަމުރަށް ކަމަށާއި އެމަނިކުފާނު އެ އަމުރުތައް ކުރައްވަނީ ގާނޫނީ ހުދޫދުގެ ތެރޭގައި ކަމަށެވެ. އަދި މި މައްސަލައިގައި ސިފައިންގެ ގާނޫނުގެ ދަށުން އެމީހުން އަމަލު ކުރަމުންދާ ގޮތަކީ ގާނޫނާ ތައާރަޒުވާ ކަމެއް ކަމަށް ބުނެ އެއްވެސް ކޯޓަކުން ހުކުމެއް އިއްވާފައި ނުވާއިރު، ސިފައިން އަމަލުކުރަމުން ދަނީ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިނގިލި ދިއްކޮށް ހެދުން އެއީ ބުއްދިވެރިކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޔާމީން ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވަނީ ޣައިރު ޤާނޫނީ ގޮތުން ކަމަށް ކަނޑައަޅައި، އޭނާ މިނިވަންކުރުމަށް ޔާމީންގެ ވަކީލުން ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންގޮސްގެން އުޅެނީ ސިފައިން ކޯޓުގެ އަމުރަށް ކިޔަމަންތެރި ނުވެގެން ނޫންތޯ ސަންއެފްއެމުން ދެންނެވުމުން ރައީސް ވިދާޅުވީ ހަސްމުންނާ ހެދި ކޯޓަށް ހުކުމަކާ ހަމައަށް ނާދެވިފައިވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
ރައީސްގެ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ ސުލްހައިގެ ވާހަކަތައް ދެއްކެވުމަށް އެމެރިކާގެ މަންދޫބު ރޮބަޓް ބްލޭކް މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށެވެ. އެކަމަކު ރައީސް ވިދާޅުވި ގޮތުގައި ބޭރުގެ ބަޔަކު މެދުވެރިވުމަށް ވުރެ ރަނގަޅީ ދިވެއްސަކު އިސްވެ ހުންނަވައިގެން ސަރުކާރާއި ސަރުކާރުގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ސުލްހައަށް ޝައުގުވެރިކަން ފާޅުކޮށްފައިވީ ވަނީ "ނަން" ހޯދުމުގެ ބޭނުގައި ކަމަށެވެ.